ދިވެހިރާއްޖޭގެ އެކްސްޕޯޓު އިމްޕޯޓު ޤާނޫނަށް 17 ވަނަ އިސްލާޙު ގެނައުމުގެ ބިލު ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ތަސްދީޤުކުރައްވައިފިއެވެ.
ބުރާސްފަތިދުވަހުގައި ރައީސް ޞާލިޙް ތަސްދީޤުކުރެއްވި މި ބިލަކީ، މި މަހު 15 ވީ ބުދަދުވަހު ރައްޔިތުން މަޖިލީހުގެ ދެވަނަދައުރުގެ 20 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ. އެ3 ޖަލްސާގައި އެކްސްޕޯޓު އިމްޕޯޓު ޤާނޫނަށް އިސްލާހު ހުށަހަޅުއްވާފައިވަނީ ގަމު ދާއިރާގެ މެންބަރު މުޙައްމަދު ވިޝާމެވެ. މީގެ އިތުރުން މަނަދޫ ދާއިރާގެ މެންބަރު އަޙްމަދު ހާރޫން ހުށަހެޅުއްވީ، ބައިނަލްއަޤްވާމީ ބަނދަރުތަކާއި، އައްޑޫސިޓީއާއި، ކުޅުދުއްފުށި ސިޓީގައި ޤާއިމުކުރެވިފައިވާ ޕޯޓުތަކަށް އެތެރެކުރާ މުދަލުގެ 50 އިންސައްތަ ޑިއުޓީ މާފުކުރުމަށެވެ. ނަމަވެސް އޭގެތެރެއިން ބައެއް ބާވަތުގެ މުދާ އިސްތިސްނާކުރަން އިސްލާހުގައި ވަނީ ހުށަހަޅާފައެވެ. މި ގޮތުން ހާރޫން ހުށަހެޅުއްވި އިސްލާހުގައި ވަނީ، ދުންފަތާއި، ދުންފަތުން ތައްޔާރުކޮށްފައި ހުންނަ ބާވަތްތަކާއި، ދުންފަތުގެ ބަދަލުގައި ބޭނުންކުރާ ބާވަތްތަކާއި، އިލެކްޓްރޯނިކް ސިނގިރޭޓް އަދި، އެ ފަދަ ވޭޕްކުރަން ބޭނުންކުރާ ޢާލާތްތަކުގެ އިތުރުން، ބަނގުރަލާއި، ބަނގުރާ އެކުލެވޭ ބާވަތްތަކާއި، އޫރުމަހާއި އޫރުމަސް އެކުލެވޭ ބާވަތްތައް އިސްތިސްނާކުރަން ހުށަހަޅާފައެވެ.
މި ގޮތުން ރައީސް އޮފީހުން ބުނީ، ސިނގިރޭޓާއި، ދުންފަތް އެކުލެވޭ ބާވަތްތައް ބޭނުންކުރުމުން ދުރުކުރުވުމަށާއި، ޢާންމުން ހޭލުންތެރިކުރުމަށް ޕްރޮގުރާމުތައް ހިންގުމަށްޓަކައި، ސިނގިރޭޓާއި، ދުންފަތް އެކުލެވޭ ބާވަތްތަކުން ނެގޭ ޑިއުޓީގެ 03 އިންސައްތަ ޕަބްލިކް ހެލްތު ފަންޑަށް ޖަމާކުރަންޖެހޭނެކަމަށެވެ. އަދި ޕްލާސްޓިކާއި، އެއިން ތައްޔާރުކޮށްފައި އެއްޗެހީގެތެރެއިން، ސިންގަލް ޔޫސް ޕްލާސްޓިކްގެ ގޮތުގައި ރައީސް ޞާލިޙް ކަނޑައަޅުއްވާ ބާވަތްތަ، އަންނަ އަހަރުގެ ފުރަތަމަދުވަހުން ފެށިގެން އިމްޕޯޓުކުރުމަކީ ވެސް މަނާކަމެއްކަމެއްކަމަށެވެ.
އަދި މި ޤާނޫނަށް ޢަމަލުކުރެވެން ފެށުމާއެކު، އެކްސްޕޯޓު އިމްޕޯޓް ޤާނޫނުގެ 3 ވަނަ މާއްދާގައި ބަޔާންކުރާ ބާވަތްތައް ފިޔަވައި، އެއްވެސް ބާވަތަކުން އެކްސްޕޯޓު ޑިއުޓީއެއް ނުނެގޭނެއެވެ. ނަމަވެސް މާވަހަރުން އެކްސްޕޯޓު ޑިއުޓީގެ ގޮތުގައި، އޭގެ އެފްއޯބީގެ އަގުގެ 50 އިންސައްތަ ނަގާނެކަމަށާއި، ވިޔަފާރި އުސޫލުން ރީއެކްސްޕޯޓުކުރާ މުދަލަށް، އޭގެ އެފްއޯބީ އަގުގެ 05 އިންސައްތައިގެ ރޯޔަލްޓީއެއް ދައްކަންވާނެކަމަށް އިސްލާހުގައި ބަޔާންކޮށްފައިވެއެވެ.
ރައީސް އޮފީހުން ހާމަކުރިގޮތުގައި، ދިވެހިރާއްޖޭގެ އެކްސްޕޯޓު އިމްޕޯޓު ޤާނޫނަށް 17 ވަނަ އިސްލާޙު ގެނައުމުގެ ބިލު ރައީސް ތަސްދީޤުކުރެއްވުމާއި ގުޅިގެން، އަންނަ އޮގްސްޓުމަހުގެ 02 ވަނަ ދުވަހުން ފެށިގެން، ޤާނޫނަށް ޢަމަލުކުރަން ފަށާނެއެވެ.

