ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޙައްޖު މަހުގެ ފުރަތަމަ 10 ދުވަސް، ﷲ ގެ މަގުގައި ޖިހާދުކުރުމަށްވުރެ ހެޔޮކަންބޮޑު: ޚުޠުބާ

ފޮޓޯ: މުސްލިމް ވިލެޖް
ޝެއާރކޮށްލާ ކަހަލަދޯ؟

ޙައްޖުމަހުގެ ފުރަތަމަ 10 ދުވަހަކީ، މާތް ﷲ ގެ މަގުގައި ޖިހާދުކުރުމަށްވުރެ ހެޔޮކަން ބޮޑު 10 ދުވަސްކަމުގައި މިއަދު ހުކުރު ޚުޠުބާގައި ޒިކުރުކުރައްވައިފިއެވެ.

މިއަދުގެ ޚުޠުބާގައި އަލިއަޅުއްވައިލައްވާފައިވަނީ، ހިނގަމުން މިދާ ޙައްޖުމަހުގެ ފުރަތަމަ 10 ދުވަހުގެ މާތްކަމުގެ މައްޗަށެވެ. މިއަދުގެ ޚުޠުބާގައިވަނީ، މި ދިހަދުވަހުގެ އިތުރުކަމާއި ބެހޭގޮތުން ކީރިތި ޤުރުއާނުގެ ކީރިތި އާޔަތްތަކާއި، ރަސޫލާ(ޞޢވ) ގެ ޙަދީޘްތައް އިއްވަވައިދެއްވާފައެވެ. މި ގޮތުން، ޙައްޖުމަހުގެ ފުރަތަމަ 10 ދުވަހަކީ، މާތް ﷲ ގެ މަގުގައި ޖިހާދުކުރުމަށްވުރެ ހެޔޮކަން ބޮޑު 10 ދުވަސްކަމަށް ރަސޫލާ(ޞޢވ) ކުރެއްވި ޙަދީޘް ވަނީ ޚުތުބާގައި ހަނދާންކޮށްދެއްވާފައެވެ. ނަމަވެސް އެއީ އެ މީހެއްގެ ނަފުސާއި، މުދާ ހިފައިގެން ހަނގުރާމައަށް ނުކުމެ އެނބުރި ނާންނަ މީހާ ފިޔަވައިކަމަށް ވެސް ޙަދީޘްގައިވާކަމަށް ވެސް ހަނދާންކޮށްދެއްވިއެވެ.

މީގެ އިތުރުން، މި ދުވަސްތަކުގައި ކުރެވެން ހުރި ޢަމަލުތަކުގެތެރޭގައި ރޯދަހިފުން ހިމެނޭކަމަށާއި، ރަސޫލާ(ޞޢވ) ވެސް ޙައްޖުމަހުގެ ފުރަތަމަ 09 ދުވަހާއި، ޢާޝޫރާއި ދުވަހާއި، ކޮންމެ މަހަކު 03 ދުވަހު ރޯދަ ހިއްޕެވިކަމަށް، އެކަލޭގެފާނުގެ އަނބިކަނަބަލުންގެ ކަބައިން ވާރިދުވެގެން އައިސްފައިވާކަމަށް ވެސް ޚުޠުބާގައި ވިދާޅުވިއެވެ. އަދި ޢަރަފާތު ދުވަހުގައި ރޯދަ ހިފުމަކީ، ވޭތުވެދިޔަ އަހަރާއި، ކުރިއަށް އޮތް އަހަރުގެ ފާފަތައް ފުއްސަވައިދެއްވާނެ ކަމެއްކަމަށް ރަސޫލާ (ޞޢވ) ކުރައްވާފައިވާ ޙަދީޘް ވެސް ޚުޠުބާގައި ވަނީ ހަނދާންކޮށްދެއްވާފައެވެ.

ޚުޠުބާގައި ވަނީ، އިންސާނާ ކުރާ ޢަމަލުތަކަކީ އިޚުލާޞްތެރި ޢަމަލުތަކަކަށް ހަދަންޖެހޭކަމަށާއި، ޝިރުކުކުރުމާއި، އެ ކަމުގެ އަހުލުވެރިންގެ ކިބައިން ދުވެގަންނަންޖެހޭކަމަށް ވިދާޅުވެފައެވެ. އަދި އިޚުލާޞްތެރިކަން ފުނޑުފުނޑުކޮށްލާފަދަ އެންމެހައި ކަންކަމުން ބަރީޢަވެ ރައްކާތެރިވާންޖެހޭކަމަށާއި، ދެއްކުންތެރިކަމާއި، އަޑުއެރުވުން ފަދަ ކުޑަ ޝިރުކުތަކަށް ޖާގަދީގެންނުވާނެކަމަށް ވެސް ވިދާޅުވިއެވެ.

ޚުޠުބާގައި ވިދާޅުވީ މުސްލިމުންނަކީ، އެ މީހުންގެ ޢަމަލުތަކާއި ވަގުތުތައް ފުއްސެވުމާއި ރުއްސެވުމުގައި ހޭދަކުރާ ބައެއްކަމަށާއި، ކުރާ ޢަމަލުތަކުގެތެރެއިން އެންމެ ބަރަކާތް އިތުރު ޢަމަލަކީ، މާތް ﷲ އަށް ކިޔަމަންވުމުގެ ގޮތުން ކުރާ ޢަމަލުތަކާއި، ހޭދަކުރާ ވަގުތުތައްކަމަށެވެ. މި ގޮތުން މި އުންމަތުގެ ސަލަފުއްޞާލިޙުން ވެސް، މި ދުވަސްތަކުގެ ބޭނުން ހެޔޮގޮތުގައި ލިބިގަތުމަށް އަޅުކަންކުރެއްވުމަށް ވަގުތުތައް ހޭދަކުރެއްވިކަމަށް ވެސް ޚުޠުބާގައި ވިދާޅުވިއެވެ. އަދި އެ ބޭކަލުން އެ ގޮތަށް ޢަމަލުކުރެއްވީ، މި ދުވަސްތަކުގައި ކުރާ ޢަމަލުތަކުގެ ސަވާބާއި ދަރުމަ އިތުރުވެގެންވާތީކަމަށް ވެސް ވިދާޅުވިއެވެ.

ޚުޠުބާގައި ވަނީ، ކޮވިޑުގެ ސަބަބުން، މި އަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް ނިޔަތްގަނެފައިވާ އެތައް ބަޔަކަށް ޙައްޖަށްދެވޭގޮތް ނުވިކަމުގައިވިޔަސް، އެކަމަށް ވާންޖެހޭ ތައްޔާރީތައް ވެފައިވާ ފަރާތްތަކަށް ދަރުމައާއި ލިބުމަށްއެދި ﷲގެ ހަޟްރަތަށް ދަންނަވާފައެވެ. އަދި އެފަދަ ފަރާތްތަކަށް ޙައްޖަށް ނުދެވުނުކަމުގައި ވިޔަސް، ﷲ ގެ ހަޟްރަތުން އުންމީދު ކަނަޑައިނުލުމަށް އެދި، އެ އިލާހުގެ ރަޙްމަތް މީސްތަކުންގެ މައްޗަށް ތަނަވަސްވެގެންވާކަމަށް ވެސް ހަނދާންކޮށްދެއްވާފައެވެ.

މީގެ އިތުރުން ޚުޠުބާގައިވަނީ، އަމިއްލަ ވަޒަނުގައި ތިއްބަސް، ޙައްޖުމަހުގެ ފުރަތަމަ 10 ދުވަހުގެ ދަރުމައާއި ސަވާބު ލިބިގަތުމަށް މަސައްކަތްކުރުމުގެ މަގު ތަނަވަސްވެފައިވާކަން ހަނދާންކޮށްދެއްވައި، ހެޔޮ ޢަމަލުކުރުމަށް ނަސޭހަތްތެރިވެލައްވާފައެވެ. މި ގޮތުން ރޯދަހިފައި ދުޢާކޮށް، މި ޤައުމު ކޮވިޑުގެ މި ނުރައްކާތެރިކަމުން ސަލާމަތްކޮށްދެއްވުން އެދި، މާތްﷲ ގެ ހަޟްރަތުގައި ދެންނެވުމަށް ވަޞިއްޔަތް ކުރައްވާފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: