ވައްކަމާއި ޚިޔާނާތުގެ މައްސަލަތައް ބެލުމަށް އެކުލަވާލާފައިވާ ރިޔާސީ ކޮމިޝަންގެ ތަހުގީގަށް ކުރީގެ ނައިބް ރައީސް އަހުމަދު އަދީބް އަބްދުލްޣަފޫރުގެ އެއްބާރުލުން ލިބޭ ކަމަށް އެކޮމިޝަނުން ބުނެފިއެވެ.
އެސެޓް ރިކަވަރީ ކޮމިޝަންގެ ރައީސް އަހުމަދު އަސްއަދު ވިދާޅުވީ އަދީބު އެއްބާރުލުން ތަހުގީގަށް ލިބުނު ކަމުގައިވިޔަސް، އެއްބާރުލުން ދޭ މިންވަރާއި ދޭތެރޭ ކޮމިޝަންގެ މެމްބަރުންގެ ތެރޭގައިވެސް ޚިޔާލު ތަފާތުވުންތަކެއް އެބަހުރި ކަމަށެވެ.
ކޮމިޝަންގެ މެމްބަރުންގެ ތެރޭގައިވެސް އަދީބުގެ ފަރާތުން މިއަށްވުރެ ބޮޑު އެއްބާރުލުމެއް ލިބެންޖެހޭކަމަށް ގަބޫލުކުރައްވާ މެމްބަރުން ތިއްބަވާ ކަމަށާއި އަނެއްބަޔަކު އަދީބު ދެއްވާ އެއްބާރުލުން ނުުފުދޭ ކަމަށް ދެކޭކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް، މިހާތަނަށް އެއްބާރުލުން ނުދެއްވައޭ ދެންނެވެންނެތް ކަމަށް ވިދާޅުވިއެވެ. އަދީބުގެ މައްސަލަތައް ކޯޓުން ބޭރުކުރިފަހުންވެސް، އަދީބުގެ އެއްބާރުލުން ކޮމިޝަނަށް ލިބެމުންދިޔަކަމަށް ވިދާޅުވިއެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލަތަކުގެ ތުހުމަތު އެންމެ ބޮޑަށް ކުރެވެނީ އަދީބަށެވެ. އަދީބުގެ މައްޗަށް ދައުވާ އުފުލައި، ޖަލު ހުކުމްތައްވެސް އިއްވި ފަހުން، އެދައުވާތަކާއި ހުކުމްތައް ވަނީ ބާތިލްކޮށްފައެވެ. އަދި އޭގެ ފަހުން ޓަގު ބޯޓެއްގައި ފިއްލަވަން އުޅުނު މައްސަލާގައި 3 މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް އިއްވައި، އަދީބު ވަނީ އެހުކުމް ތަންފީޒްކޮށްފައެވެ. އެހެންނަމވެސް، ޚިޔާނާތުގެ މައްސަލަތަކާއި ގުޅުންހުރި އިތުރު ހަތް ދައުވާއެއް އުފުލިނަމަވެސް، އެދައުވާތައް ދާދި ފަހުން ވަނީ ކޯޓުން ބޭރުކޮށްލާފައެވެ. އަދީބުގެ މައްޗަށް އެއްވެސް ދައުވާއެއް ނެތްނަމަވެސް، އަދީބުގެ ޕާސްޕޯޓު މިވަގުތު އޮތީ ހިފަހައްޓާފައެވެ.
ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަސްއަދު ވިދާޅުވީ، ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް 37 ރަަށަކާއި 12 ފަޅެއް ދޫކޮށްފައިވާކަން ތަހުގީގަށް ހާމަވާ ކަމަށެވެ. އަދި ހަމައެކަނި 37 ރަށަށް ބެލިކަމުގައިވިޔަސް، ގެއްލިގެން މިއުޅެނީ 77 މިލިއަން ޑޮލަރު ގެއްލިގެން ނޫންކަމަށާއި ދައުލަތަށް ރަށްތަކުން އެކަނިވެސް 220 މިލިއަން ޑޮލަރު ނުވަތަ 3.4 ބިލިއަން ރުފިޔާ ލިބެންޖެހޭނެ ކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް، މިއީ ދައުލަތަށް ލިބެން ޖެހޭ ޖުމްލަ އަގު ނޫންކަމަށާއި ފަޅުތައް އަގުކުރެވޭނެ އުސޫލެއް މިހާތަނަށް އައިއިރު ނެތް ކަމަށެވެ. ފަޅުތައް ދޫކޮށްގެން ލިބެންޖެހޭ އަގު ހިމަނާނަމަ، މިއަދަދު ޖުމްލަ 4 ބިލިއަނަށްވުރެ މައްޗަށްދާނެ ކަމަށް އަސްއަދު ވިދާޅުވިއެވެ.
ކުރިއަށް އޮތް މަހެއްހާ ދުވަހެއްގެތެރޭ، ކޮމިޝަނުން ކޮށްފައިވާ މަސައްކަތްތަކުގެ ހެއްކެއް ދެއްކޭވަރުވާނެ ކަމަށް ވިދާޅުވިއެވެ. އެހިސާބުން، ކޮމިޝަނުން ކޮށްފައިވާ މަސައްކަތްތަކަކީ ރަނގަޅު ނުވަތަ ވަކި ކޮޅަަކަށް ޖެހިގެން ކޮށްފައިވާ މަސައްކަތެއްކަން ނުވަތަ ނޫންކަން ހާމަވާނެ ކަމަށް ވިދާޅުވިއެވެ.

