ޝަރީޢަތް ނިމެންދެން ހައްޔަރުކޮށްފައި ހުރި މީހަކު ނިޔާވެއްޖެއެވެ.
މިކަމާއި ގުޅިގެން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ބުނީ، ނިޔާވެފައިވަނީ މަސްތުވާތަކެތި ޓްރެފިކްކުރުމުގައި ތުހުމަތުގައި ހައްޔަރުކޮށްފައިވާ އީރާނުގެ ރައްޔިތެއްކަމަށްވާ ރަޙުމަތުﷲ ކިޔާ މީހެއްކަމަށެވެ. ޢުމުރުން 49 އަހަރުގެ މި މީހާ ނިޔާވެފައިވަނީ ބުރާސްފަތިދުވަހުގެރޭ 11:49 ގައިކަމަށް ވެސް ކަރެކްޝަނުން ބުނެއެވެ. އަދި ނިޔާވިއިރުވެސް އޭނާއަކީ ކެންސަރަށް ފަރުވާކުރަމުންދިޔަ މީހެއްކަމަށް ވެސް ހާމަކޮށްފައިވެއެވެ.
ކަރެކްޝަނުން ބުނިގޮތުގައި ރަޙްމަތުﷲ ނިޔާވުމާއެކު ވަނީ، އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސް އަދި މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިތުރުން، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށް ވެސް އަންގާފައެވެ.

