ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންވެސްޓަރުންގެ އިތުބާރު ހޯދުމަށް ރާއްޖޭގެ ރިޒާވް ބޮޑުކުރަންޖެހޭ: ޖަލީލް

ޖަލީލް ކުރިން ރާއްޖޭގައި ހުންނެވި އިންޑިއާގެ އެމްބެސެޑަރާއެކު:_ ފޮޓޯ:- އަކިލާސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދަރަނި އިންތިހާއަށް ބޮޑު އިރު ބޭރުގެ އިންވެސްޓަރުންގެ އިތުބާރު ހޯދުމަށް ރާއްޖޭގެ ރިޒާވް ބޮޑުކުރަން ޖެހޭ ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު މުހައްމަދު ޖަލީލް މިއަދު ވިދާޅުވެއްޖެއެވެ.

ނެޝަނަލް ފެޑެރޭޝަން އޮފް މޯލްޑިވިއަން އެމްޕްލޯއީސް (އެންއެފްއެމްއީ) އިން ބޭއްވި ވެބިނާގައި ވާހަކަ ދައްކަވަމުން ޖަލީލް ވިދާޅުވީ، ރާއްޖޭގެ ޔޫޒަބަލް ރިޒާވް އެންމެ ބޮޑުވެގެން ވެސް އެވްރެޖްކޮށް ހުންނަނީ ހަތަރު މަހުގެ އިމްޕޯޓަށް ފުދޭވަރުގެ ފައިސާ ކަމަށާއި އެހެން ނަމަވެސް އެއީ ކުޑަ އަދަދެއް ކަމަށެވެ.

ޖަލީލް ވިދާޅުވީ ރާއްޖެ އަށް ވުރެ ކުދި އިގްތިސާދުތައް ކަމުގައިވާ މޮރިޝަސް އާއި ސީޝެލްސް އާއި ބޫޓާން ފަދަ ގައުމުތަކުގައި އަށް މަސް ދުވަހުގެ އިމްޕޯޓަށްވާ ފައިސާ ރިޒާވްގައި އެބަހުރި ކަމަށެވެ.

އިގްތިސާދީ ހާލަތު ބަދަލު ކުރުމަށް އެންމެ ފުރިހަމަ ފިޔަވަޅުތައް ނޭޅޭކަ ކަމަށް ޖަލީލް ވިދާޅުވިއެވެ. އެގޮތުން ރާއްޖެ ވަނީ ދެމެހެއްޓެނިވި ތަރައްގީގެ މަތިން ހަނދާން ނައްތާލާފައި ކަމަށް ޖަލީލް ވިދާޅުވިއެވެ.

ޖަލީލް ވިދާޅުވީ ރާއްޖޭގެ ސަރުކާރުތަކުން މަސައްކަތްކުރަނީ ހަމައެކަނި ކުރު މުއްދަތުގެ ތަރައްގީތަކަށް އިސްކަންދީގެން ކުރު މުއްދަތުގެ ހާލަތުން އަރައިގަންނަން ކަމަށެވެ. ނަމަވެސް ދުރު މުސްތަގްބަލްގެ ތަރައްގީ ހާސިލު ކުރަން މިކަން ބަދަލު ކުރަން ޖެހޭ ކަމަށް ޖަލީލް ވިދާޅުވި އެވެ.

ބޭރުގެ އިންވެސްޓްމެންޓްތަކުގެ ގޮތުގައި ޑައިރެކްޓް އިންވެސްޓްމެންޓާއި ޕޯޓްފޯލިއޯ އިންވެސްޓްމަންޓް ހިމެނޭ އިރު ރާއްޖޭގައި ހަމަ އެކަނި ފެންނަނީ ޓޫރިޒަމް ސެކްޓާއަށް އަންނަ ޑައިރެކްޓް އިންވެސްޓްމަންޓްތައް ކަމަށް ޖަލީލް ވިދާޅުވިއެވެ.

ޖަލީލް ވިދާޅުވީ ރާއްޖޭގެ އިގްތިސާދު ބައްޓަންކޮށްފައިވާ ގޮތުން އެފަދަ އިންވެސްޓްމަންޓްތަކަށް ފުރުސަތެއް ނެތް ކަމަށާއި މިކަންކަން ބަދަލު ކުރަން މިހާރު ވެސް މާ ލަސްވިޔަސް އަދިވެސް ފުރުސަތު އޮތް ކަމަށެވެ.

މީގެ އިތުރުން ޖަލީލް ވިދާޅުވީ ރާއްޖޭގެ އިގްތިސާދީ ހާލަތު ބަދަލު ކުރެވޭނީ ދިގު ދެމިގެންމިދާ ދަރަނި ނެގުމުގެ ސަގާފަތް ހުއްޓާލައިގެން ކަމަށާއި އިޤްތިޞާދަށް އަންނަ ލޮޅުންތަކުން އަރައިގަތުމަށް ކޮންމެ ފަހަރަކު ވެސް އެތައް މިލިއަން ޑޮލަރެއްގެ ލޯނު ބޭރުގެ މާލީ އިދާރާތަކުން ނަގާ ކަމަށެވެ.

ޖަލީލް ވިދާޅުވި ގޮތުގައި ފިސްކަލް ރެސްޕޮންސިބިލިޓީއެއް ނެތުމަކީ އިގްތިސާދަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމެވެ.

މާލިއްޔަތު ބެލެހެއްޓުމާއި ޚަރަދު ކުޑަކުރުމުގައި މިދިޔަ 12 އަހަރު އަބަދުވެސް ފެނުނީ އަހަރަކަށް ވުރެ އަހަރެށް ދަރަނި ބޮޑުވަމުން ދިޔަ ތަން ކަމަށް ޖަލީލް ވިދާޅުވިއެވެ. ދަރަނި ކުޑަ ކުރުމަށްޓަކައި އެއްވެސް ވަރަކަށް ޕްލޭނެއް ހެދި، އެއަށް އަމަލު ކުރާ މަންޒަރެއް އެއްވެސް ސަރުކާރުން ނުފެންނަ ކަމަށްވެސް ޖަލީލް ވިދާޅުވިއެވެ.

ޖަލީލް އަކީ ފިނޭންސް މިނިސްޓަރުކަމުގެ އިތުރުން އިކޮނޮމިކް މިނިސްޓަރުކަން އަދި ފަހުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފިނޭންސް މިނިސްޓްރީގެ ސީނިއާ އެޑްވައިޒަރުކަން ވެސް ކުރެއްވާފައިވާ ބޭފުޅެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: