މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން މިއަހަރުގެ ޖުލައި މަހާއި ހަމައަށް ގެސްޓްހައުސްތަކުން ނުދައްކާހުރި ކަރަންޓާއި ފެން ބިލްތައް ދެއްކުން ފަސްކޮށްދީފިއެވެ.
ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ގެސްޓްހައުސްތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނެފައި ވަނީ އަންނަ ނޮވެމްބަރު މަހުން ފެށިގެން ފެން ބިލުތަކާއި ކަރަންޓު ބިލުތައް ހަ މަހަށް ބަހާލައިގެން ދެއްކޭނެ ގޮތް ހަދައިދިނުމަށް ނިންމާފައިވާ ކަމަށެވެ.
ސާކިއުލާގައި ބުނެފައިވަނީ ފެން ބިލުތަކާއި ކަރަންޓު ބިލުތައް ދެއްކުން ފަސްކޮށްދިނުމަށް އެ އެސޯސިއޭޝަނުން ޓޫރިޒަމް މިނިސްޓްރީގައި އެދުމުން އެކަމަށް ވަރަށް އެކަށީގެންވާ އިޖާބައެއް ދެއްވައި އެކަށީގެންވާ ލުއިތަކެއް ހޯދައިދީފައިވާ ކަމަށެވެ.
ކޮވިޑް19 އާ ގުޅިގެން ވަރަށް ގިނަ ދުވަހު ގެސްޓްހައުސް އިންޑަސްޓްރީ ބަންދުވެފައި އޮތުމުގެ ސަބަބުން ދިމާވި މާލީ ދަތިތަކާހުރެ ގެސްޓްހައުސްތައް ހުޅުވުމަށް ގިނަގުނަ، ގޮންޖެހުންތައް ކުރިމަތިވެފައިވާ ކަމަށް ސާކިއުލާގައި ބުނެފައިވެއެވެ.
ކަރަންޓާއި ފެން ބިލުތަކާއި ގުޅޭގޮތުން ގެސްޓްހައުސްތަކުން އެ އެސޯސިއޭޝަންގައި އެދިފައިވާ ކަންކަން ކަމާއިބެހޭ ފަރާތްތަކާއި ހިއްސާކުރުމުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން މި އަހަރުގެ ޖުލައި މަހާއި ހަމައަށް ނުދައްކާ ހުރި ބިލުތައް މިއަހަރު ނޮވެމްބަރު މަހުން ފެށިގެން ހަ މަސް ދުވަހަށް ބަހާލަދިނުމަށް ސްޓެލްކޯ އާއި ފެނަކަ އަދި އެމްޑަބްލިއުއެސްސީ އިން އެއްބަސްވެފައިވާކަމަށް ސާކިއުލާގައިބުނެފައިވެއެވެ.
ބަހާލައިގެން ބިިލްތަކަށް ފައިސާ ދައްކަން ބޭނުންވާ ގެސްޓްހައުސްތަކުން ސްޓެލްކޯ އާއި ފެނަކަ އަދި އެމްޑަބްލިއުއެސްސީއާ ގުޅައިގެން ކުރިއަށް ގެންދިއުމަށް ސާކިއުލާގައި ބުނެފަވެއެވެ.
ބޯޑަރު ހުޅުވުމާއެކު މި މަހުގެ 15 އިން ފެށިގެން މާލޭ ސަރަހައްދުގެ ހޮޓާތަކާއި ގެސްޓު ހައުސްތައް ޓްރާންސިޓު ހޮޓަލުގެ ގޮތުގައި ބޭނުންކުރަން ވަނީ ފަށައިފައެވެ. ނަމަވެސް ގެސްޓްހައުސްތައް އަލުން ހުޅުވާލަން ނިންމާފައި ވަނީ އޯގަސްޓް އެއްވަނަ ދުވަހުއެވެ.

