ދިރާގުން މި އަހަރުގެ އިންޓަރިމް ޑިވިޑެންޑްގެ ގޮތުގައި ހިއްސާއަކަށް 2.07 ރުފިޔާ ކަނޑައަޅައި، ޖުމުލަ 157،320،000 ރުފިޔާ އިންޓަރިމް ޑިވިޑެންޑްގެ ގޮތުގައި ބަހަން ނިންމައިފިއެވެ.
މީޑިޔާތަކަށް މައުލުމާތު ދެއްވަމުން ދިރާގުން ބުނީ ކޮވިޑް-19އާއި ގުޅިގެން ކުންފުނީގެ މާލީ ނަތީޖާއަށް ބޮޑު އަސަރެއް ކޮށްފައިވާ ކަމަށެވެ. އެގޮތުން ޖުމްލަކޮށް މުޅި ގައުމަށް ނޭދެވޭ އަސަރެއް ކޮށްފައިވާއިރު، މިއަހަރުގެ ފުރަތަމަ ކުއާޓަރާއި އަޅާ ބަލާއިރު، ކުންފުނީގެ ޖުމްލަ އާމްދަނީ 25 އިންސައްތައިން ދަށަށް ގޮސްފައިވާކަމަށް ވަނީ ބުނެފައެވެ.
ކުންފުނީގެ ވިޔަފާރީގެ މުހިންމު ހުރިހާ ދާއިރާއަކުންވެސް ލިބުނު ފައިދާ ޖުމްލަ ގޮތެއްގައި ދަށަށް ގޮސްފައިވާކަމަށް ދިރާގުން ބުނެއެވެ. އެންމެ ބޮޑަށް ކުންފުނީގެ ފައިދާއަށް އަސަރުކޮށްފައިވަނީ މިއަހަރުގެ ދެވަނަ ކުއާޓަރުގައި ބައިނަލްއަގްވަމީ ބޯޑަރުތައް ބަންދުކުރުމާއި ފަތުރުވެރިކަން ހުއްޓުމަކަށް އައުމުގެ ސަބަބުންކަން ދިރާގުން ވަނީ ފާހަގަކޮށްފައެވެ.
ކުންފުނީގެ ސާފު ފައިދާ 49 އިންސައްތައިން ދަށްވެފައިވާއިރު އާމްދަނީއިން ހިއްސާއަކަށް ޖެހޭ މިންވަރު ވަނީ ފާއިތުވެދިޔަ ކުއާޓަރާއި އަޅާ ބަލާއިރު 50 އިންސައްތައަށް ދަށްވެފައިކަމަށް އެކުންފުނިން މައުލޫމާތުދެއެވެ.
ދިރާގުން ބުނީ އެކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން މަސައްކަތްކުރަމުން އަންނަނީ ހަމަަހަމަ ގޮތެއްގައި ދުރު މުސްތަގްބަލްގެ އިންވެސްޓްމަންޓްތައް ރާވައި ކުންފުނީގެ މާލީ ހާލަތު ވަރުގަދަކުރުމަށް ކަމަށެވެ. އަދި މާކެތްގައި ދިމާވާ މިފަދަ ގޮންޖެހުންތައް ގިނަ ދަނޑިވަޅުގައިވެސް ކުްނފުނީގެ ހިއްސާދާރުންނަށް ދެމެހެއްޓެނިވި ގޮތެއްގައި ނަފާ ހޯދައިދެވޭނެ ގޮތެއް ބެލުމަށް ކަަމަށެވެ.
އެގޮތުން މި އަހަރުގެ އިންޓަރިމް ޑިވިޑެންޑްގެ ގޮތުގައި ހިއްސާއަކަށް 2.07 ރުފިޔާ ކަނޑައެޅީކަމަށް އެކުންފުނިން ބުނެއެވެ.

