ރާއްޖެއިން ކޮވިޑް-19 އަށް އިތުރު 77 މީހުން ޕޮޒިޓިވްވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީން މިރޭ ކުރި ޓްވީޓެއްގައި ވަނީ، އެ ކަން ކަށަވަރުކޮށްދީފައެވެ. އެ އެޖެންސީން ބުނީ، ހުކުރު ދުވަހުގެ ހަވީރު 18:00 އިން ފެށިގެން ހޮނިހިރުދުވަހުގެ އެ ވަގުތާއި ހަމައަށް އިތުރު 77 މީހަކު ކޮވިޑަށް ޕޮޒިޓިވްވެ ޖުމްލަ އަދަދު 3،252 އަށް އިތުރުވެފައިވާ ކަމަށެވެ. މި ގޮތުން އެންމެފަހުން ޕޮޒިޓިވްވެފައިވަނީ، 56ދިވެއްސެއްގެ އިތުރުން، ބަންގްލަދޭޝްގެ 20 މީހުންނާއި، އިންޑިއާ މީހެއްކަމަށް އެޗްޕީއޭގެ ޓްވީޓުގައި ބުނެފައިވެއެވެ.
މީގެއިތުރުން އެޗްޕީއޭއިން ބުނީ، ބަލިޖެހުނު މީހުންގެތެރެއިން އިތުރު 36 މީހކު ރަނގަޅުވެފައިވާ ކަމަށެވެ. އަދި މިހާރު ބަލިން ރަނގަޅުވި މީހުންގެ ޢަދަަދު މިހާރު 2،534 އަށް އަރާފައިވާކަމަށްވެސް ޓްވީޓުގައި ބުނެފައިވެއެވެ.
ރާއްޖެއިން މިހާތަނަށް ޖުމްލަ 3،252 މީހުން ޕޮޒިޓިވްވެފައިވާއިރު، އޭގެތެރެއިން 688 މީހަކަށް އަންނަނީ ފަރުވާދެމުންނެވެ. ހަމައެއާއެކު އައިސޮލޭޝަން ފެސިލިޓީތަކުގައި ޖުމްލަ 541 މީހަކު ތިބިކަމަށް ވެސް އެޗްޕީއޭއީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.މީގެ އިތުރުން ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެތެރެއިން މިހާތަނަށް ޖުމްލަ 15 މީހަކު ވަނީ ނިޔާވެފައެވެ. އޭގެތެރޭގައި ހިމެނެނީ، 10 ދިވެހިންނާއި، ބަންގްލަދޭޝްގެ 04 މީހުންނާއި، ޕިލިޕީންސް މީހެކެވެ.

