އާސަންދައިގެ ދަށުން އިންޑިއާއަށް ބޭސްފަރުވާކުރަން ދިޔަ 03 ދިވެއްސަކު ނިޔާވެއްޖެއެވެ.
މިކަން ހާމަކޮށް އާސަންދައިގެ މީޑިއާ އޮފިޝަލް ރާއްޖޭގެ އޮންލައިން ނޫހަކަށް މަޢުލޫމާތުދެއްވަމުން ވިދާޅުވީ، ބޭސްފަރުވާއަށް އިންޑިއާއަށް ގޮސްތިބި 03 މީހުން ނިޔާވެފައިވާ ކަމަށާއި، ނިޔާވި 03 މީހުންނަކީ ވެސް އިންޑިއާއަށް ބޭސްފަރުވާއަށް ފުރިއިރު، އުންމީދު ކަނޑާލާފައިވާ ތިންމީހުންކަމަށެވެ. އޮފިޝަލު ވިދާޅުވިގޮތުގައި އެ އެންމެންނަކީ ވެސް، އިންޑިއާގެ ކޮޗިންގެ އަމްރީތާ ހޮޓަލަށް ފަރުވާއަށް ގެންދިޔަ މީީހުންނެވެ.
ކޮވިޑް-19 އާއި ގުޅިގެން އިންޑިއާއިން ބޯޑަރުތައް ބަންދުކޮށްފައިވީ ނަމަވެސް އެ ޤައުމުގެ ސަރުކާރުން ވަނީ، ރާއްޖެއިން ފަރުވާކުރެވެން ނެތް މީހުންނަށް އެ ޤައުމަށް ދިޔުމަށް ޚާއްސަ ހުއްދައެއް ދީފައެވެ.
މި ގޮތުން، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ އެދިވަޑައިގަތުމުގެ މަތިން އިންޑިއާ ސަރުކާރުން ދެއްވި ހުއްދައާއެކު، ހުސްވި ޖޫންމަހުގެ 30 ވަނަދުވަހުގައި 28 މީހަކު ވަނީ އިންޑިއާއަށް ފުރާފައެވެ. އަދި އޭގެތެރެއިން 02 މީހުންނަކީ، ސްޓްރެޗަރގައި ގެންދާ ދެމީހުންކަމަށް އާސަންދަ ކުންފުނިން މީގެކުރިން ވަނީ ބުނެފައެވެ. މީގެ އިތުރުން މި މަހުގެ 14 ވަނަދުވަހުގައި، 49 މީހަކު ވެސް ބޭސްފަރުވާއަށް ފުރާފައިވެއެވެ.

