ފާހަގަކުރަމުން މިދާ އަޟްހާ ޢީދުގައި، ގޭގެއަށް ޒިޔާރަތް ނުކުރުމަށާއި، ޕާޓީތައް ނުބާއްވަން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް އަންގަވާފައިވަނިކޮށް، މި ޢީދުގައި މަޖާކޮށް ރަޙްމަތްތެރިންނާއެކު އުޅެން ރައްޔިތުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވެފައިވަނީ، އަޟްޙާ ޢީދުގެ މުނާސަބަތުގައި، ޢީދާއި ގުޅިގެން އެ މަނިކުފާނު ޢާންމުކުރެއްވި ވީޑިއޯ މެސެޖުގައެވެ. މި ގޮތުން އެ މެސެޖުގައި ރައީސް ނަޝީދު ވިދާޅުވީ، މި ފަހަރު ޢީދު މި ބައްދަލުކުރީ، ކޮވިޑް-19 އިގެ އުނދަގުލުގައި ރައްޔިތުން ވަނިކޮށްކަމަށާއި، ރޯގާގެ ކަންބޮޑުވުމުގައި ރައްޔިތުން ވަނިކޮށް ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ، ކޮވިޑް-19 އިގެ ސަބަބުން އިޤުތިޞާދު ބަންދުވެ، ވިޔަފާރިތައް ހުއްޓި، ދުނިޔޭގެ ޤައުމުތައް ހުއްޓިދިއުމުން، އޭގެ އުނދަގޫަތަކާއި ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ، މި ވަގުތު މިހާލަތުގައި އޮތް ނަމަވެސް، 2019 ވަނަ އަހަރު ނިމުނުއިރު އޮތް އިޤުތިޞާދީ ދުވެލި ސަރުކާރުގެ ބުރަ މަސައްކަތުން ހޯދޭނެކަން ޔަޤީންވެ ކަށަވަރުކުރެއްވޭ ކަމަށެވެ. އަދި މި ގޮތަށް ޔަޤީންކަން ދެއްވުމަށްފަހު ރައީސް ނަޝީދު ވަނީ، މި ޢީދަކީ ހުރިހައި އެންމެންވެސް އުފަލުގައި އުޅޭ ޢީދަކަށް ހެދުމަށް ދަންނަވާފައެވެ. އޭގެ އިތުރުން، ޢާއިލާއާއި، ރަޙްމަތްތެރިންނާއެކީގައި އުޅުއްވުމަށާއި، މަޖާކުރުމަށް ވެސް ރައީސް ނަޝީދު ވަނީ ގޮވާލައްވާފައެވެ.
”އަޅުގަނޑުމެންނާއި މި ޢިދު މި ބައްދަލުކުރަނީ، ރޯގާގެ އުނދަގުލުގައި އަޅުގަނޑުމެން އެންމެން ވެސް ވަނިކޮށް. ރޯގާގެ ކަންބޮޑުވުމުގަ އަޅުގަނޑުމެން އެންމެންވެސް ވަނިކޮށް. ރޯގާގެ ސަބަބުން އިޤުތިޞާދު ބަންދުވެ ޤައުމުތައް ހުއްޓި ވިޔަފާރި ހުއްޓި ދިޔަކަމުން ދިވެހިރާއްޖެ ރައްޔިތުންނަށް ވެސް މިވަނީ ވަރަށް ބޮޑު އުނދަގޫތަކާ ކުރިމަތިލާންޖެހިފަ. އަޅުގަނޑަށް ޔަޤީން ކަށަވަރު އިރާދަކުރެއްވިއްޔާ ސަރުކާރުގެ ބުރަ މަސައްކަތުން ދިވެހިރާއްޖެއަށް އަލުން އަނބުރާ ދިވެހިރާއްޖެ މި އޮތް ކުރީގައި އޮތް އެއީ 2019 ނިމުނު އިރު އޮތް އިޤުތިޞާދީ ދުވެލި ހޯދޭނެ، މި ޢީދު ހުރިހައި ބޭފުޅުންވެސް އުފަލާއެކީގަ ހޭދަކުރައްވާ، މަޖާކުރައްވާ، ޢާއިލާއާއެކީގަ އުޅުއްވާ، ރަޙްމަތްތެރިންނާއެކީގާ އުޅުއްވާ.“ ރައީސް ނަޝީދު
ރައީސް ނަޝީދުގެ އޯޑިއޯ މެސެޖު ނިންމަވައިލައްވަމުން ވަނީ، ސަރުކާރުން މަސައްކަތްކުރާނީ ރައްޔިތުންގެ ލާބަޔާއި މަންފާއަށްކަމަށް ވިދާޅުވެފައެވެ.
ފާހަގަ ކުރަމުން އަންނަ އަޟްޙާ ޢީދުގައި މަޖާކުރުމަށް ރައީސް ނަޝީދު ވިދާޅުވެފައިވާއިރު، ޢީދު ދުވަހާއި ގުޅިގެން ރައީސް ޞާލިޙް މިއަދު ދެއްވި ޚީޠާބުގައިވަނީ، ބޮޑެތި އެއްވުންތަކާއި ހަފްލާތައް ނުބޭއްވުމަށާއި، ބޭރަށް ނިކުމެ އުޅުން މަދުކުރުމަށާއި، އިޖުތިމާޢީ ގައިދުރުކަމަށް ޚާއްސަ ސަމާލުކަމެއްދިނުމަށް އިލްތިމާށް ކުަރައްވާފައެވެ.

