ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑްގެ ހާލަތު ގޯސްވުމުގެ އިލްޒާމް: ސަރުކާރުތަ؟ ރައްޔިތުންތަ؟

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19ގެ ބަލިމަޑުކަމުން އަރައިގަތުމުގެ އުންމީދުގައި ދިވެހިން ތިބޭތާ އެތައް މަސްތަކެއް ވެއްޖެއެވެ. އެކަމުން އަރައިގަންނަން އުޅޭކަމުގެ ކޮންމެވެސް ވަރެއްގެ އުންމީދެއްވެސް ލިބުނު ދުވަސްތަކެއް ދިޔައެވެ. އެހެންނަމަވެސް، މިއަދު އަނެއްކާވެސް އިހުއޮތް އެންމެ ގޯސް ޙާލަތަށް ގޮސްފައިވާކަމަށް ގަބޫލުކުރެވޭ ހިސާބަށް ވަނީ ކަންކަން ގޮސްފައެވެ.

ލޮކްޑައުންއަށް ލުއިދިނުމާއެކު ކޭސްތައް ގިނަވަމުން ގިނަވަމުން މިހާރު ކަންބޮޑުވާ ހިސާބަށް ކޭސްތައް ފެންނަން ފަށައިފިއެވެ. ދުވާލެއްގެ މައްޗަށް 100އަށްވުރެ ގިނަ ކޭސްތައް އަނެއްކާވެސް ފެންނަން ފަށައިފިއެވެ. ކޮވިޑްގެ ކޭސްތައް އެންމެ ފުރަތަމަ ފެންނަން ފެށިއިރު 50އިން މައްޗަށް ކޭސްތައް ފެންނަން ފެށުމުންވެސް، މީހުން އެކަމާ ބިރުން އުޅުންތަން ވަނީ ފެނިފައެވެ. އެހެންނަމަވެސް، އެމަންޒަރު ތަފާތުވެ ދިވެހިންވެސް ”ކޮވިޑާއެކު އުޅެން މިވަނީ ދަސްކޮށްފަ“އެވެ.

މިހާރު އެންމެ ގިނައިން ފެންނަމުންދާ މަންޒަރަކީ ”ބްލޭމް ގޭމް“އެއް ކުޅެމުންދާ ތަނެވެ. އެއްބަޔަކު އަނެއް ބައެއްގެ ބޮލުގައި ކަންކަން އެޅުވުމަށް މަސައްކަތް ކުރަމުންދާ ތަނެވެ. އެއްބަޔަކަށް ގޯސްވަނީ ސަރުކާރާއި އެޗްޕީއޭއެވެ. އަނެއް ބަޔަކަށް ރައްޔިތުންނެވެ.

އެއްބަޔަކަށް ރައްޔިތުން ގޯސްވަނީ ބޭރަށް ނުކުންނަމުންދާތީއެވެ. ކެފޭ، ރެސްޓޯރަންޓްތަކަށް ކާން ދިޔުމާއި، އާއިލާއާއި އެކުވެރިންނާއެކު ބޭރަށް ގޮސް އުޅޭތީއެވެ. އެއްބަޔަކަަށް އެއީ ރައްޔިތުން ބަސްނާހަނީއެވެ. އުފެދޭ ޚިޔާލަކީ ހުއްދަ ދީފައި އޮތްކަމެއް ކުރުމުން އެއީ ބަސްނޭހުމަށް ވާނެތޯއެވެ.
ތެދެކެވެ. މިހާލަތުގައި ލުއި ތަކެއް ދީފައި އޮތްކަމުގައިވިޔަސް، ކޮންމްވެސް ވަރަކަށް ބަލާލުމަކީ މުހިންމު ކަމެއްކަމަށް އަޅުގަނޑުވެސް ދެކެމެވެ. އާންމު ރޭޓުން ކޮފީތަކަށް ދިޔުމާއި ބުރު ޖަހަން ދިޔުންފަދަ ކަންކަން ނުކޮށް، އެކަންކަން ލިމިޓް ކުރުމަކީ މުހިންމުކަމެއް ކަމަށް އަޅުގަނޑުވެސް ދެކެމެެވެ. އެހެންނަމަވެސް، މާސްކު ނޭޅުންފަދަ ކަންކަމާއި، ބޮޑެތި އެއްވުންތައް ބޭއްވުމާއި، ގައިދުރުކަން ނުބެހެއްޓުން ފަދަ ކަންކަމަކީވެސް ކޮށްގެން ވާނެ ކަންކަމެއް ނޫނެވެ.

އެޗްޕީއޭއަށްވެސް ފާޑުކިޔުންތައް އަމާޒުވާ މިންވަރު މަދެއް ނޫނެވެ. ކޮވިޑްގެ އަލާމާތްތައް ފެނިގެން ރިޕޯޓް ކުރުމުން، އެކަމަށް އެޓެންޑްވުމަށް ގިނަ ވަގުތު ނަގާ ކަމުގެ ޝަކުވާތައް މީގެކުރިންވެސް ވަނީ އައިސްފައެވެ. އެހެންނަމަވެސް، އެކަންކަން ރަނގަޅުވާނެކަމުގެ އުންމީދު ހެލްތު މިނިސްޓްރީއިން ދީފައިވެއެވެ. ކޯލް ސެންޓަރުގައި ތިބޭ މީހުން ފޯނު ނެގުމަށްފަހު ދޭ ރުންކުރު ޖަވާބުތަކަކީވެސް އެއްވެސް ހާލެއްގައި ބަލައިގަނެވޭފަދަ އަމަލުތަކެއް ނޫނެވެ. ކޮވިޑަށް ޕޮޒިޓިވްވެފައިވާ މީހަކު އުޅެމުންދިޔަ ގެއަކުން، އަލާމާތްތައް ހުރި މީހަކު ފެނުމުން އެކަން ރިޕޯޓްކުރުމުން ޓެސްޓު ހެއްދުމަށް ނުވަތަ ފެސިލިޓީއަކަށް ގެންދިޔުމަށް ތިން ހަތަރު ދުވަސް ނެގުމަކީ އާންމުން މިހާރު އެންމެ ބޮޑަށް ކުރަމުންދާ ޝަކުވާއެވެ. ތުއްތު ކުދިންނާއި، ދާއިމީ ބޮޑެތި ބަލިތަކަށް ފަރުވާ ކުރަމުންދާ މީހުން ކޮންމެ ގެއެއްގައި ކަހަލަ ގޮތަކަށް އުޅެމުންދާއިރު މިކަންކަމަށް މިއަށްވުރެ އަވަހަށް އެޓެންޑް ވާންޖެހޭނެކަމަށް އާންމުން ދެކެއެވެ.

ރާއްޖެއަކީ ހުރިހާ ގޮތަކުން ބެލިޔަސް ވަސީލަތްތައް މަދު ގައުމެކެވެ. އެހެންނަމަވެސް، މިއަށްވުރެ ހަރުދަނާ ނިޒާމަކުން މިކަންކަން ބެލެހެއްޓޭނެ ގޮތެއް އޮންނަންވާނެއެވެ. ހުރިހާ ތަންތަނެއް އާންމުކޮށް ގިނަ ވަގުތުތަކަށް ހުޅުވާލަން ނިންމިއިރު، ނުވަތަ އެނޫންވެސް ބައެއް ކަންކަމަށް ބަދަލުގެނައިއިރު، ރާއްޖެ އޮތީ މިހާލަތަށް ތައްޔާރުވެފައިތޯ އެއީ ސަރުކާރުން ނުވަތަ ކަމާއި ގުޅުންހުރި އިދާރާތަކުން ވިސްނަންޖެހޭ ކަމެކެވެ.

އާންމުން ދައްކަމުންދާ ބައެއް ވާހަތަކަތަކަށް ބަލާއިރު، ހާލަތު ރަނގަޅުވަމުން ދަނިކޮށް ލޮކްޑައުންއެއްގައި އޮވެފައި ކުއްލިއަކަށް މިހާ ބޮޑެތި ލުއިތަކަކާއެކު ދޫދިނީ ކިއްވެތޯ މިއީ އާންމުން އުފައްދާ ސުވާލެކެވެ.

އެކަމުގައިވެސް ސަބަބުތަކެއް ހުންނާނެކަމަށް ގަބޫލުކުރެވެއެވެ. ގައުމެއްގެ ކަންކަން ނިންމާއިރު ހަމައެކަނި އެއް ގޮތުން ވިސްނައިގެން ނުފުދޭނެއެވެ. ސަރުކާރުން ކަމެއް ނިންމާއިރު ވަރަށް ގިނަ ގޮތްގޮތަށް ވިސްނާނެއެވެ. މިހާލަތުގައި ގައުމު އޮތްއިރު، ކޮވިޑާއިމެދު ސިއްހީ ގޮތުން އެކަނި ވިސްނައިގެން ނުފުދޭނެއެވެ. އިގްތިސާދީ ގޮތުން ވިސްނަން ޖެހެެއެވެ. އިޖްތިމާއީ އަދި ނަފްސާނީ ދުޅަހެޔޮކަމާއިމެދުވެސް ވިސްނަންޖެހެއެވެ.

ކޮންމެއަކަސް، އަނެއްކާވެސް ކުރިއަށް އޮތީ ދަތި އުނދަގޫ ދުވަސްތަކެކެވެ. ހާލަތު ގޯސްވާކަން އާންމުންވެސް ސަރުކާރުންވެސް ގަބޫލުކޮށް އެބަޔަކަށް އެޅެންހުރި ފިޔަވަޅުތައް އެޅުމަކީ މިކަމުގައި އޮތް އެންމެ ބުއްދިވެރި ގޮތްކަމަށް އަޅުގަނޑަށް ގަބޫލުކުރެވެއެވެ.

އެއްބަޔަކު އަނެއްބައެއްގެ ބޮލުގައި އިލްޒާމް އެޅުވުމުގެ ބަދަލުގައި، މިކަމުން އަރައިގަތުމަށް ހަރުދަނާކުރަންޖެހޭ ކަންކަން ހަރުދަނާކުރަންވީއެވެ. އެކަމުގައި ހަމައެކަނި ވަކި ބައެއްގެ ދައުރެއް ނެތެވެ. ސަރުކާރުންވެސް އާންމުންވެސް މިކަމުން ސަލާމާތްވާން އެކީ އެއްރޫހެއްގައި މަސައްކަތް ކުރަންޖެހެއެވެ. ދެވަނަ ލޮކްޑައުންއަކަށް ދިޔުމަކީ ގައިމުވެސް އެކަކުވެސް ބޭނުންވާނެ ގޮތެއް ނޫންކަން ޔަގީނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: