ދެކުނުގެ ރަށެއްގައި ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލަ ބަލަން ފަށައިފިއެވެ.
މީޑިޔާތަކަށް މައުލުމާތު ދެމުން ފުލުހުން ބުނީ ގއ އަދި ގދ ހިމެނޭ ޑިވިޝަންގެ ރަށެއްގައި ކުޑަ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލަ ފުލުހުންނަށް ހުށައަޅާފައިވާ ކަމަށެވެ. މިމައްސަލަ ފުލުހުންނަށް ހުށައަޅާފައިވަނީ ރޭގެ ވަގުތެއްގައިކަމަށް ފުލުހުން މައުލޫމާތުދެއެވެ.
މިކަމާއި ގުޅިގެން މީހަކު ހައްޔަރުކޮށްފައިވާ ކަމަކަށް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް މައްސަލަ ތަހުގީގުކުރަމުންދާކަމަށް ވަނީ ބުނެފައެވެ. އަދި މިކަމާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ޖިންސީ ގޯނާގެ މައްސަލަތައް ފެންމަތިވަމުންދާ މިންވަރު މިހާރަކަށްއައިސް އިތުރުވެފައިވާއިރު، މިކަންކަމާއި ގުޅިގެން އެކަށީގެންވާ ފިޔަވަޅުތަކެއް އަޅަމުން ނުދާތީ އާންމުން އަންނަނީ އަޑު އުފުލަމުންނެވެ. ދާދި ފަހުން މާލެ ސިޓީގައި އަދި ބައެއް އެހެން ރަށްތަކުގައި މިކަންކަމަށް ހައްލު ހޯދައިދިނުމަށް އެދި ގޮވާލައި ވަނީ އަޑު އުފުލާފައެވެ.
މީގެ އިތުރަށް މިއަދުވެސް، ދެކުނުގެ ރަށެއްގައި ޖިންސީ ގޯނާ ކުރި މައްސަލައެއްގައި ފިޔަވަޅު އަޅާފައިނުވާ ކަމަށްބުނެ، އެމައްސަލާގައި ތުހުމަތުކުރެވޭ މީހާގެ ގޭކުރިމަތީ ވަނީ މުޒާހަރާކޮށްފައިވާކަމުގެ ވީޑިޔޯއެއް ވަނީ ސޯޝަލް މީޑިޔާގައި ދައުރުވެފައެވެ. އެހެންނަމަވެސް، ފުލުހުން ހާމަކޮށްފައިވާ މައްސަލައާއި މިމައްސަލައާ ގުޅުމެއްހުރިކަމެއް އަދި ސާފެއްނުވެއެވެ.

