މާލެއާއި، ހއ. ކެލާއާއި ދެމެދު ދަތުރުކުރާ ސާވާރީ ބޯޓުން ކޮވިޑުގެ ޕޮޒިޓިވް ކޭސްތަކެއް ފެނުމާއި ގުޅިގެން އުތުރުގެ ބައެއް ރަށްތައް މޮނީޓަރިންގެ ހާލަތަށް، ގެނެސް ރަށަށް އަރާ ފޭބުން މަނާކޮށްފިއެވެ.
އުތުރުގެ ރަށްތަކަށް ދަތުކުރާ އެ ބޯޓުގެ މީހެއް ކޮވިޑަށް ޕޮޒިޓިވްވެ، އޭނާއާއި ކޮންޓެކްޓުވި އިތުރު ބައެއް ވެސް މިހާރު ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ. އެގޮތުން މުދާތަކެއް ބޭލުމަށްޓަކާ ބޯޓު މަޑުކުރި ތިން ރަށުގެ ތެރޭގައި ހިމެނެނީ ހދ. ނޮޅިވަރަންފަރާއި، ހއ. ދިއްދޫ އަދި އެ އަތޮޅު ވަށަވަރުއެވެ.
ސަވާރީ ބޯޓުން ދަތުރު ކުރި އެންމެންގެ ސާމްޕަލް ވަނީ ނަގާފައެވެ. އަދި އެ މީހުންނާއި ކޮންޓެކްޓުވެފައިވާ މީހުން ވަނީ އެކަހެރިކޮށްފައެވެ. މައުލޫމާތު ލިބޭ ގޮތުން ބޯޓުގެ އެއްވެސް މީހެއް ރަށަށް ނުފައިބައެވެ.
މާލޭގައި ކޮވިޑު ޖެހޭ މީހުންގެ އަދަދުތައް އިތުރުވެފައިވައިރު، މާލެއިން ދަތުރުކޮށް ރަށުގެ ހޯމް ކަރަންޓީނުގައި ތިބޭ ބައެއް މީހުން ދަނީ ކޮވިޑަށް ޕޮޒިޓިވްވަމުންނެވެ. އެގޮތުން މިއަދު ޅ. ހިންނަވަރުގައި ހޯމް ކަރަންޓީނު ވެގެން ހުރި މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. ބަލީގެ އެއްވެސް އަލާމާތެއް ނެތް އެ މީހާގެ ސާމްޕަލް ނަގާފައިވަނީ ކަރަންޓީނުގެ 14 ދުވަސް ހަމަވުމުންނެވެ. ހިންވަރުން ބައްޔަށް ޕޮޒިޓިވްވި މީހާ އެއްވެސް މީހަކާއި ކޮންޓެކްޓުވެފައިވޭތޯ ބެލުމުގެ މަސައްކަތްތައް ދަނީ ކުރިޔަށެވެ.
މީގެ އިތުރުން ވ. ފުލިދޫގައި ހޯމް ކަރަންޓީނުގައި ހުރި މީހެއް ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. ފުލިދޫގައި ހުރި މީހާ ވެސް ބައްޔަށް ޕޮޒިޓިވްކަން އެނގިފައިވަނީ ކަރަންޓީނުގެ މުއްދަތު ހަމަވެ ދޫކޮށްލުމުގެ ކުރިން ބައްޔަށް ޓެސްޓު ކުރިއިރުއެވެ. ފުލިދޫގެ ހޯމް ކަރަންޓީނުގައި ހުރި މީހާ ރަށުން އެއްވެސް މީހަކާއި ކޮންޓެކްޓުވެފައިނުވާ ކަމުގެ މައުލޫމާތު ލިބެއެވެ.
ރާއްޖެއިން އިއްޔެ އެކަނިވެސް ކޮވިޑަށް 152 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އަދި ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދުތައް ވެސް އިތުރުވާއިރު ފަހުން އައިސް ފެންނަ ކޭސްތަކުގެ ކޮންޓެކްޓްތަކާއި އެ މީހުންގެ މޫވްމެންޓުތައް ގިނަ ކަމަށް އެޗްއީއޯސީން ވަނީ ބުނެފައެވެ.

