12 އަހަރުވެފައިވާ ދިވެހި ރާއްޖޭގެ ގާނޫނު އަސާސީ ތަންފީޒު ކުރުމަށް ދިމާވާ އެންމެ ބޮޑު ދައްޗަކީ ރާއްޖޭގައި ރިޔާސީ ނިޒާމެއް އޮތުން ކަމަށް ކުރީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
2008 ވަނަ އަހަރުގެ ޖޫން 26 ގައި ރައްޔިތުންގެ ހާއްސަ މަޖިލީހުން ފާސްކޮށް، މިހާރު ރާއްޖޭގައި އަމަލު ކުރަމުން އަންނަ ”ފެހި ގާނޫނުއަސާސީ“ ފާސްކޮށްފައިވަނީ އެ އަހަރުގެ އޮގަސްޓު 07 ގައެވެ. އަދި މި ފެހި ގާނޫނު އަސާސީއަށް މިއަދަށް ވަނީ 12 އަހަރު ފުރިފައެވެ.
ރާއްޖޭގައި މިހާރު އަމަލު ކުރަމުންދާ ގާނޫނު އަސާސީއަށް 12 އަހަރު ފުރިފައިވާއިރު ދުވަހުގެ މުނާސަބަތުގައި މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވިދާޅުވީ، ގާނޫނު އަސާސީ އެކުލަވާލީ އަނިޔާވެރި ވެރިކަމަކާއި ދެކޮޅަށް ކަމަށެވެ. އޭރުގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމަކީ އެއީ ބާރާއި ނުފޫޒުން ހިންގަމުން އައި ވެރިކަމެއް ކަމަށާއި، މިއީ އެ ވެރިކަމާއި ދެކޮޅަށް ކުރި މަސައްކަތެއްގެ ގޮތުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހަށް ބޮޑެތި ބާރުތަކެއް ލިބިފައިވާ މި ގާނޫނަކީ، ރައްޔިތުންގެ މަޖިލީހަށް ބޮޑެތި ބާރުތަކެއް ލިބިފައިވާ ގާނޫނެއް ނަމަވެސް އެންމެ ރަނގަޅު ގޮތުގައި ތަންފީޒު ނުކުރެވެނީ މިއީ ރިޔާސީ ނިޒާމަކަށް ތައްޔާރު ކުރެވުނު ގާނޫނު އަސާސީއަކަށް ނުވާތީ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ގާނޫނު އަސާސީގެ މަސައްކަތްތައް ނިމުނުއިރު މީގައި ވަނީ ބަރުލަމާނީ ނިޒާމެއްގެ ސިފަތަކެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ގާނޫނު އަސާސީ ޑްރާފްޓުކޮށް ހުރިހާ މަސައްކަތްތަކެއް ނިމުނުފަހުން 2007 ވަނަ އަހަރު ވެރިކަމުގެ ނިޒާމަކާއި ގުޅޭގޮތުން ނެގި ވޯޓުގައި ރައްޔިތުން ވޯޓު ދީފައިވަނީ ރިޔާސީ ނިޒާމަކަށެވެ. އެކަމަށް އިޝާރާތްކޮށް ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީން އެ ވޯޓު ބަލައި ނުގަންނަ ކަމަށެވެ.
”މި ގާނޫނު އަސާސީ ބިނާވެގެން އައީ ވަރަށް ބޮޑަށް ބަރުލަމާނީ ސިފައިގައި. އެންމެ ފަހު ވަަގުތު ވެރިކަމުގެ ނިޒާމު އޮންނަންވީ ގޮތާ ގުޅޭ ގޮތުން ފެންނަ ނުފެންނަ ވޯޓެއް ނެގުނީ. އެނގިވަޑައިގަންނަވާނެ އަޅުގަނޑުމެން އެ ވޯޓް އޭރުގައި އެމްޑީޕީން އޭގެ ނަތީޖާ ބަލައެއް ނުގަނޭ. މި ގާނޫނު އަސާސީ ތަންފީޒުކުރަން ރިޔާސީ ނިޒާމެއްގައި އަަޅުގަނޑަށް ލިބުނީމާ ދިމާވި ހުރިހާ ދައްޗެއް ދިމާވީ،“ ރައީސް ނަޝީދު
މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވެފައިވަނީ، ދިވެހި ރާއްޖޭގައި ގާނޫނުތައް ތަންފީޒު ކުރުމަށާއި، އަދި ސިޔާސީ މަޝްރަހުގައި ވެސް މައްސަލަތައް ނިކުންނަނީ ރިޔާސީ ނިޒާމުގެ ސަބަބުން ކަމަށެވެ. އޭގެ ސަބަބަކީ 12 އަހަރުވެފައިވާ މި ގާނޫނު އަސާސީއަކީ ތޮބީއީ ގޮތުން ރިޔާސީ ނިޒާމެއްގެ ސިފައެއް އެކުލެވޭ ގާނޫނު އަސާސީއަކަށް ނުވާތީ ކަމަށެވެ.
ބަރުލަމާނީ ނިޒާމަކަށް ތާއީދުކޮށް ރައީސް ނަޝީދު އަބަދުވެސް ވާހަކަ ދައްކަވައެވެ. އެހެން ނަމަވެސް ފަހަކަށް އައިސް އަނެއްކާވެސް އެ ވާހަކަތައް ރައީސް ނަޝީދު ތަކުރާރުކޮށް އެކި މުނާސަބާތަކުގައި ދައްކަވައެވެ. ރައީސް ނަޝީދު ސިފަ ކުރެއްވި ގޮތުގައި މިއީ ވަރަށް އާދައިގެ ވާހަކައެކެވެ. އެހެން ނަމަވެސް ނޫސްވެރިންނާއި މީޑީއާތަކަށް ވެފައި އޮންނަނީ މިއީ ”ޕޮލިޓިކަލް ކޮންފްލިކޭޝަން“ އެއް ނުވަތަ ސަރުކާރާއި ދެކޮޅު އަރައިރުންތަކެއް އޮވެގެން އެކަމާއި ދެކޮޅު ހަތިޔާރެއްގެ ގޮތުގައި ކަމަށެވެ. އެހެން ނަމަވެސް މިއީ އެމަނިކުފާނު އަބަދުވެސް ދައްކަވާ، ވަރަށް ފޫހި ވާހަކައެއްގެ ގޮތުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.
”ނޫސްވެރިންނަށް ހީވަނީ އެއީ ޕޮލިޓަކަލް ކޮންފްލިކްޓެއްގެ ޕިޗެކޭ. ނޫން. ވަރަށް ފޫހި އާދައިގެ ވާހަކައެއް އެއީ އަބަދުވެސް އަޅުގަނޑު ދައްކާ“ ރައީސް ނަޝީދު
ރައީސް ނަޝީދަކީ ފެށުނީއްސުރެ، ބަރުލަމާނީ ނިޒާމަކަށް ތާއީދު ކުރައްވާ ބޭފުޅެކެވެ. އަދި މީގެ ކުރިން ވެސް އެކި ނޫސްވެރިންގެ ބައްދަލުވުންތަކާއި އަދި އެ ނޫންވެސް ހަރަކާތްތަކުގައި ރާއްޖެއާއި އެންމެ ގުޅޭ ނިޒާމަކީ ބަރުލަމާނީ ނިޒާމެއްގެ ގޮތުގައި ފާހަގަކޮށް ރައީސް ނަޝީދު ވާހަކަ ދައްކަވާފައިވެއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގެންފިނަމަ، އިންތިހާބު ކުރާނީ އިންތިގާލީ ވެރިކަމެއްކަމަށް ރިޔާސީ އިންތިހާބުގެ ދުވަސްވަރު ވާހަކަ ދެކެވެނުވެ. އަދި އެއަށްފަހު ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކުރާނެކަމުގެ އަޑުތަކެއް ވެސް ގަދަވިއެވެ. ނަމަވެސް އޭގެ ފަހުން ރައީސް ނަޝީދު ފިޔަވާ އިތުރު ބޭފުޅަކު، ވެރިކަމުގެ ނިޒާމު ބަދަލު ކުރުމާއި ގުޅޭގޮތުން ވާހަކަ ނުދައްކަވައެވެ.
މީގެ ކުރިން ވެސް ”އާސްކް ސްޕީކާ“ ގެ ނަމުގައި ރައީސް ނަޝީދާއި އެކު ކުރިޔަށް ގެންދިޔަ ކިއު އެންޑް އޭއެއްގައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ އެމަނިކުފާނަށް އެއްގޮތަކަށް ވެސް ރިޔާސީ ނިޒާމު ކަމު ނުދާ ކަމަށެވެ. އަދި އެމަނިކުފާނަކީ އެއް އިރެއްގައި ވެސް ރިޔާސީ ނިޒާމަކަށް ތާއީދު ކުރި މީހެއް ނޫން ކަމަށާއި، މުޖްތަމައުއަށް ހަމަޖެހުން ގެނެސް، ގައުމެއް ހިންގުމުގައި ރިޔާސީ ބިޒާމެއް ބޭނުން ކުރެވިދާނެކަމަށް ގަބޫލު ނުކުރައްވާކަމަށެވެ.
މިދިޔަ ޖޫން މަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ވެރިކަން ހިންގުމުގެ ނިޒާމާއި ގުޅޭގޮތުން ސުވާލު ކުރުމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެފައިވަނީ ވެރިކަމުގެ ނިޒާމް ބަދަލުކުރުމާ މެދު ވިސްނެވުމަށް ވުރެން މުހިއްމު ކަންކަން އެމަނިކުފާނު ކުރައްވަން ޖެހިވަޑައިގެންފައި އެބަހުރި ކަމަށެވެ. އަދި އިސްކަން ދެއްވަނީ ފަސް އަހަރަށް ވެވަޑައިގަތް ވައުދުތައް ފުއްދަން ކަމަށް ވިދާޅުވި އެވެ.

