ގެއްލުވާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަޙްމަދު ރިޟްވާން ޢަބްދުﷲ ގެ މައްސަލަ ތަޙުޤީޤުކުރުމަށް ޓަކައި އެހީތެރިވާނެ ބޭރުގެ މާހިރަކު އަންނަ ސެޕްޓެމްބަރުމަހުގެތެރޭގައި ޢައްޔަންކުރުމަށް މަސައްކަތްކުރަމުންދާކަމަށް މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤުކުރާ ކޮމިޝަނުން ބުނެފިއެވެ.
މިނިވަން ނޫހުގެ ނޫސްވެރިޔާ އަޙްމަދު ރިޟްވާން ޢަބްދުﷲ ގެއްލުވާލި މައްސަލައަށް އަށް އިންސާފެއް ނުލިބި 06 އަހަރު ފުރުމާއި ގުޅިގެން އެ ކަން ފޫބެއްދުމަށްޓަކައި މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤުކުރާ ކޮމިޝަނުން މިރޭ ނެރުނު ބަޔާނެއްގައި ވަނީ ރިޟްވާންގެ މައްސަލައަށް އިންސާފު ނުލިބި އޮތްކަމީ އޭނާގެ ޢާއިލާއަށް ލިބިފައިވާ ހިތާމައެއްކަން ފާހަގަކޮށްފައެވެ. އަދި އެ ހިތާމައިގާ ކޮމިޝަނުން ބައިވެރިވާކަމަށް ވެސް ބުނެފައިވެއެވެ.
ރިޟްވާނުގެ މައްސަލައަށް އިންސާފު ނުލިބި ފާޑުކިޔުންތައް އަމާޒުވުމާއެކު މަރުކޮމިޝަނުން ވަނީ މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލަން ފަށާފައިވާ ބުރަ މަސައްކަތްތައް އެއް ޢަޒުމެއްގައި ކުރިއަށް ގެންދާނެކަމަށް ބުނެފައެވެ.
މި ގޮތުން ގޮތްނޭނގޭ މަރުތަކާއި ވީނުވީއެއްނޭނގި ގެއްލިފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤުކުރުމުގައި އެހީތެރިކަން ފޯރުކޮށްދޭނެ ބޭރުގެ މާހިރަކު އެ ކޮމިޝަނަށް ޢައްޔަން ކުރުމަށް ރައީސް ޞާލިޙް ނިންމަވާފައިވާތީ އަންނަ ސެޕްޓެމްބަރުމަހުގެތެރޭގައި އެ ފަދަ މާހިރަކު ޢައްޔަންކުރުމުގެ މަސައްކަތް ރައީސް އޮފީހާއި ގުޅިގެން މިހާރު ކުރިއަށްގެންދާކަމަށް ވެސް މަރު ކޮމިޝަނުން ވަނީ ބުނެފައެވެ. އަދި ރައީސް ޞާލިޙް އެ ގޮތަށް ނިންމަވާފައިވަނީ ޖުލައި މަހުގެ 02 ވަނަ ދުވަހު ރިޟްވާނާއި މަރާލާފައިވާ ބްލޮގަރ ޔާމީން ރަޝީދުގެ ޢާއިލާއާއި ބައްދަލުކުރެއްވުމަށް ފަހުގައިކަމަށް ވެސް ބުނެފައިވެއެވެ.
މަރު ކޮމިޝަނުން ބުނީ ރިޟްވާންގެ މައްސަލައިގައި މިހާތަނަށް އެ ކޮމިޝަނަށް ލިބިފައިވާ މަޢުލޫމާތަށް ބަލާއިރު އެ ފަދަ މަޢުލޫމާތު އެނގޭ އެހެން ފަރާތްތައް ވެސް ތިބުމަކީ އެކަށީގެންވާކަމެއްކަމަށް އެ ކޮމިޝަނަށް ޤަބޫލުކުރެވޭ ކަމަށެވެ.
އެހެންކަމުން އެފަދަ މަޢުލޫމާތުތައް އަދިވެސް ހިއްސާކުރެވޭނެ ކަމަށާއި އެފަދަ ފަރާތްތަކަށް ފޯރުކޮށްދޭންޖެހޭ ރައްކާތެރިކަމާއި ހިމާޔަތް ފޯރުކޮށްދޭނެކަމުގެ ޔަޤީންކަންދޭކަމަށް ވެސް ބުނެފައިވެއެވެ.

