ގުޅީފަޅުގެ ޕޯޓު ފުރިހަމަ ސްޓެންޑާޑްއެއްގައި، ހުރިހާ ވަސީލަތްތަކާއި އެކު ގާއިމް ކުރެވުމުން ދުނިޔޭގެ އެހެން ގައުމުތަކެކޭ ވެސް އެއްގޮތަށް 12 ނުވަތަ 24 ގަޑިއިރާއި ދެމެދުގެ ވަގުތެއްގައި ބޯޓުތައް ޓާން އެރައުންޑު ކުރެވޭނެކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ މެނޭޖިން ޑިރެކްޓަރު ޝާހިދު އަލީ ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީގެ ފުރަމެންދުރު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ އެމްޕީއެލް ސަރަހައްދަކީ ކާރުބާރުބޮޑު ސަރަހައްދެއް ކަމަށެވެ. އަދި ރާއްޖެއަށް އެތެރެ ކުރެވޭ މުދަލުގެ 90 އިންސައްތައެއްހާ މުދާ ރާއްޖެއަށް އެތެރެކުރެވެނީ ކަނޑުމަގުން ކަމަށް ޝާހިދު ވިދާޅުވިއެވެ. އެ މުދަލުގެ ތެރެއިން ވެސް ވަރަށް ގިނަ މުދާތައް އަންނަނީ ކޮންޓެއިނަރުގެ ގޮތުގައިކަން ޝާހިދު ފާހަގަކުރެއްވިއެވެ.
ހުރިހާ މުދަލެއް ވެސް އެމްޕީއެލްގެ ޕޯޓު ސަރަހައްދަށް ގެންނައިރު، އެތަނުން ކޮންޓެއިނަރުތައް ގެނެރަލް ގުޑްސްގެ ގޮތުގައި ބޭލުމަށްފަހު ދެން ކްލިއާ ކުރުމުގެ މަސައްކަތް ފެށޭ ކަމަށް ޝާހިދު ވިދާޅުވިއެވެ. ގިނަ އަދަދެއްގެ މުދާތައް އެއްގަމަށް އެތެރެވާއިރު، ކޮންޓެއިނާތައް ލޮރީތަކަށް ބަރުކޮށް މާލޭގެ ގުދަންތައް ނުވަތަ ފިހާރަތަކަށް ގެންދެވޭ ކަމަށެވެ. މާލޭ ކޮމާޝަލް ހާބަރު ސަރަހައްދުން ލޮރީތަކުގަ ނިކުންނަން ޖެހޭއިރު، އެ ސަރަހައްދު ތޮއްޖެހި ކާރުބާރުބޮޑުވުމުގެ ސަބަބުން ދަތިތަކެއް އަންނަ ކަމަށެވެ.
ޝާހިދު ވިދާޅުވީ ޕޯޓު ހުންނަ ސަރަހައްދުގައި، މަސް މާރުކޭޓާއި، ލޯކަލް މާރުކޭޓާއި އަދި ވިޔަފާރި އެކި ފިހާރަތަކުގެ އިތުރުން މާލެއަށް އަންނަ ބޯޓު ފަހަރުތަކުން މުދާ ބާލާނެ ގޮތެއް ވެސް ނޯންނަ ކަމަށެވެ. މަގު ވެސް ކުޑަވުމުގެ ސަބަބުން ޓްރެފިކް ޖޭމްވުމަކީ ވެސް ދިމާވާ ދަތިތަކެއްގެ ގޮތުގައި ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ އެންމެ ބޮޑު ދައްޗެއްގެ ގޮތުގައި ދިމާވަނީ، މުދާ ބާލާތަން ކުޑަވެފައި އަދި ޕޯޓުން ގިނަ އަދަދެއްގެ މުދާ މާލޭގެ މަގުތަކަށް ނިކުންނަން ޖެހޭ މައްސަލަ ކަމަށެވެ.
މީގެ އިތުރުން ޝާހިދު ވިދާޅުވީ، ދިމާވާ ތަފާތު އެކި މައްސަލަތަކަށް އޮތް ދާއިމީ ހައްލަކީ ގުޅީފަޅަށް ޕޯޓު ބަދަލު ކުރުން ކަމަށެވެ. އެގެ ސަބަބުން އެ ޕޯޓުން ބާލާ މުދާތައް ގުޅީފަޅު ޕޯޓުން ފަޅު އޮޑިފަހަރަށް މުދާތައް ބަރުކޮށް ރަށްތަކަށް ގެންދެވޭނެ ކަމަށެވެ. އޭގެ ސަބަބުން ވަރަށް ބޮޑު ބައެއް މާލެ ތެރެއަށް ނުގެނެސް ވާނެކަން ޝާހިދު ފާހަގަކުރެއްވިއެވެ.
”އޭގެ ސަބަބުން ވަރަށް ބޮޑުބައެއް މާލެ ތެރެއަށް ނައިސް ވާނެ. މާލެ ތެރެއަށް މި ވަންނަ ޓްރެފިކްގެ ވަރަށް ބޮޑު ޕަސަންޓޭޖެއް އޭރުން ސީދާ ގުޅީފަޅުން ޑައިވާޓުވެގެންދާނެ ރަށްތަކަށް. ދެން އޭގެ އިތުރުން މިހާރު ފަޅު އޮޑިފަހަރުތައް މާލޭގެ މިސާލަކަށް އެއީ ވަރަށް ކޮންޖަސްޓުތަނެއް. އަތޮޅުތަކުން ގިނަ ފަހަރަށް މުދާތައް ބަލާ އަންނަ ދޯންޏެއް، ތޮށިގަނޑާއި ކައިރި ނުކުރެވި ވެސް ތިން ހަތަރު ދުވަސް މަޑުކުރަން ޖެހިދާނެ ކިއުގަ. ގާތްގަނޑަކަށް 20-30 ކައިރިކުރީމަ މުޅިތަން އެކީ ފުރުނީ. ދެން އޭގެ ފަހަތުން ވެސް ވަރަށް ބައިވަރު ކިއުގަ ތިބޭނެ. ޓީ ޓިޖެޓީ ސަރަހައްދުން ހުރިހާ ރިސޯޓުތަކުންނާއި، އިންޑަސްޓްރިއަލް ރަށް ރަށުންނާއި އަދި ތިލަފުށިގެން ގެންނަ ސިމެންތި، ދަގަނޑު، ހިލަ ހިލަވެލި، މި އެއްޗެހި އަރުވާ ބޭލުމުގެ ކަންތައް….. ގޭސް، ކޮކާ ކޯލާ، ފެން، މިހުރިހާ އެއްޗެއް ވެސް އަރުވާ ބޭލުމުގައި އެއީ ވަރަށް ކޮންޖަސްޓު ތަނެއް“ ޝާހިދު
ޝާހިދު ވިދާޅުވީ، ގުޅީފަޅަށް ޕޯޓު ބަދަލުވެގެން ދިއުމަކީ ވަރަށް ގިނަ ދުވަސްވެފައިވާ މައްސަލައެއްގެ ހައްލު ކަމަށެވެ. މިވަގުތު ޕޯޓުގައި ބޭނުން ކުރާ ހެވީ ވެހިކަލްތަކަކީ ވެސް ދުވަސްވެ، ބާވެފައިވާ ތަކެތިކަން ވެސް ޝާހިދު ވަނީ ފާހަގަކުރައްވާފައެވެ. އަދި މިހާރު ބޭނުން ކުރަމުން އަންނަ ސިސްޓަމްގައި ރަނގަޅު ވަސީލަތްތަކެއް ނެތުމުގެ ސަބަބުން، ބޯޓު ފަހަރުތަކަށް ޖާގައެއް ނުލިބި ހަތަރު ދުވަހާއި ފަސް ދުވަސް މުދާ އަންލޯޑު ނުކުރެވި ނަގާ ކަމަށެވެ. މިފަދަ ބޯޓުތައް އެހެން ޕޯޓުތަކުގައި 6-8 ގަޑިއިރާއި ދެމެދުގެ ވަގުތުތަކެއްގައި މުދާ އަންލޯޑު ކުރެވޭކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މުޅި ރާއްޖެއަށް ވެސް އަދި މާލެއަށް ވެސް ދިމާވާ އެންމެ ބޮޑު އެއް ދައްޗަކީ އެއީ، ލޯކަލް ހާބަރުތަކަށް ދިމާވާ ކޮންޖެޝަންސްކަމަށާއި މިހާރު މިދިމާ މައްސަލަތައް ނުނިކުންނާނެ ވަރުގެ ލޯކަލް ޕޯޓެއްކަމަށް ޝާހިދު ވިދާޅުވިއެވެ. ތިލަފުށިއަށް ބަލާނަމަ އިންޓަނޭޝަނަލް ޕޯޓު ހަދާ، ދެން ލޯކަލް ޕޯޓު ހަދާނެ ޖާގައެއް ވެސް ނޯންނާނެކަމަށް ޝާހިދު ވިދާޅުވިއެވެ.

