ދިވެހިރާއްޖެއަކީ ކުޑަ ގައުމަކަށް ވިޔަސް މައްސަލަތައް ހައްލު ކުރުމުގައި ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހޭ ކަމަށް މިނިސްޓަރ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލެޖީ މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މަލީހް މިފަދައިން ވިދާޅުވީ ޔޫއެން އެސްކެޕްގެ ފަރާތުން ބޭއްވި ”ރީޖަނަލް ކޮންވަޒޭޝަން އޮން އެކްސެލެރޭޓިންގ ޑިޖިޓަލް ކަނެކްޓިވީ“ ބައްދަލު ކުރެއްވުމުގައި ބައިވެރިވެ ވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.
ޔޫ.އެން އެސްކެޕް އިން ބޭއްވި މި ބައްދަލުވުމަކީ ”ޑިޖިޓަލް އިންކްލޫޝަން އަދި އިނޮވޭޝަން“ އާއި ދިމާލަށް މިސްރާބު ޖެހުމަށް ކުރެވެން ހުރި ކަންތައްތަކާއި ބެހޭގޮތުން ބޭއްވުނު މަޝްވަރާ ބައްދަލުވުމެކެވެ. ޔޫ.އެން އެސްކެޕްގެ ފަރާތުން ބޭއްވި މި ބައްދަލުވުމުގައި މިނިސްޓަރ މަލީޙް ޖަމާލްގެ އިތުރުން އޭޝިއާގެ އެކި ސަރަހައްދުތަކުގެ އިސްވެރިން މި ބައްދަލުވުމުގައި ވާހަކަފުޅުދެއްކެވިއެވެ. އޭގެ ތެރޭގައި އެސްޓްރޮނޯޓް، ޖަޕާނުގެ އެއިރޯސްޕޭސް އެކްސްޕްލޮރޭޝަން އޭޖެންސީގެ ސީނިއަރ އެޑްވައިޒަރ ޑ. ރ. މުކައި ޗިއަކީ އާއި ގޫގުލް އިން އޭޝިއާ ޕެސިފިކަށް އައްޔަންކޮށްފައިވާ ގަވަރމެންޓް އެފެއަރސް އެންޑް ޕަބްލިކް ޕޮލިސީގެ ނައިބު ރައީސް، އެމްބެސެޑަރ ޓެޑް އޮސަޔަސް އަދި އަލީބާބާ ގްލޯބަލައިޒޭޝަން އޮފީހުގެ ސީނިއަރ ޑިރެކްޓަރ ސާމީ ފަރުހާދު ހިމެނެއެވެ.
މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ މުހިއްމު ބައެއް ކަންތައްތަކަށް އަލިއަޅުވާލެއްވިއެވެ. އެގޮތުން އެންމެ ފުރަތަމަވެސް ދުނިޔެއަށް މި ދިމާވެފައިވާ ކޮވިޑް-19ގެ ހާލަތުގެ ސަބަބުން ދިވެހިރާއްޖެއަށް، އަދި ހާއްސަކޮށް ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް ދިމާވެފައިވާ ދަތި އުނދަގޫތައް ހިއްސާކުރެއްވިއެވެ. ދުނިޔޭގެ އެހެން ޤައުމުތަކާ އަޅާ ބަލާއިރު ކުޑަ ޤައުމަކަށްވުމުން ބައެއް ފަހަރު ދިމާވާ ގޮންޖެހުންތަކަކީ ވަރަށް އާދައިގެ ގޮންޖެހުންތަކެއް ކަމަށް ރައްޔިތުންނަށް ބެލޭ ފަހަރު ދާ ކަމަށް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. މި ދިމާވި ކޮވިޑް-19ގެ ހާލަތަށްފަހު މި ވިސްނުން ބަދަލުކުރަންޖެހޭކަމާއި ރައްޔިތުންގެ ދިރިއުޅުމުގެ ވައްޓަފާޅި އާއި މަސައްކަތް ކުރާ ގޮތް ބަދަލުކުރަންޖެހިފައިވާކަމަށް ފާހަގަކުރެއްވިއެވެ.
ސަރުކާރު ޑިޖިޓަލައިޒް ކުރުމަށްޓަކައި ވަރަށް ކުރީއްސުރެން މަސައްކަތް ރާއްޖޭގައި ފެށިގެން ކުރިއަށް ދާކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިގޮތުން 1990ގެ ކުރީކޮޅު މުޅި ރާއްޖެއަށް ޓެލެފޯން ކަވަރޭޖެ ލިބޭނެގޮތް ހެދުމުގެ މަޝްރޫއު އާއި 1990ގެ ފަހުކޮޅު ރާއްޖެއަށް އިންޓަރނެޓްގެ ހިދުމަތް ފޯރުކޮށްދިނމުގެ މަޝްރޫއު އަދި 2000ވަނަ އަހަރުން ފެށިގެން ފައިބަރ ބްރޯޑްބޭންޑް ގޭގެއަށް ފޯރުކޮށްދިނުމާއި، މޯބައިލް ނެޓްވޯކް ކަވަރޭޖް ފޯރުކޮށްދިނިމުގެ މަސައްކަތް ފެށިގެންދިޔަކަމަށް ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް އަދިވެސް އިންޓަރނެޓްގެ ސްޕީޑް އަދި އިންޓަރނެޓްގެ އަގުހެޔޮކުރަން މަސައްކަތްކުރަމުންދާކަމަށް ދެންނެވިއެވެ.
ކޮވީޑް-19ގެ މި އުނދަގޫ ދަނޑިވަޅުން ވަރަށް ގިނަ ފިލާވަޅުތަކެއް ހާސިލްވެގެން ދިޔަ ކަމަށްވެސް މިނިސްޓަރގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ. ކޮންވެންޝަނަލް ޓެކްނޯލޮޖީސްތައް ދޫކޮށް ސަރުކާރުން ފަހުގެ ޓެކްނޯލޮޖީތަކުގެ އެހީގައި ސަރުކާރުގެ ހިދުމަތްތައް އޮންލައިންކޮށް ލިބޭނެ ގޮތް ހެދުން މުހިއްމުކަމާއި، ކޮންމެ ފަދަ ހާލަތެއް ދިމާވިކަމުގައި ނަމަވެސް ސަރުކާރުގެ ހިދުމަތްތަކަށް ހުއްޓުމެއް ނައިސް ރައްޔިތުންނަށް ފޯރުކޮށްދެވޭނެ މަގުފަހިވެފައި އޮތުން މުހިއްމުކަމަށް ވިދާޅުވިއެވެ. އަދި ކޮވިޑް-19ގެ ދަތި ދަނޑިވަޅުގައި ދެކުނު އޭޝިއާ ޤައުމުތަކަށް ބަލާއިރުވެސް ޓެސްޓު ކުރުމުގައިވެސް ދިވެހިރާއްޖެއިން ނަމޫނާ ޤައުމެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ކަމާއި، އަދި އެހާ ޕްރޯއެކްޓިވްކޮށް މަސައްކަތްތައް ކުރިއަށް ގެންދެވުނީ ރައީސް އިބްރާހިމް މުޙައްމަދު ސާލިޙްގެ އެޅުއްވި ފިޔަވަޅުތަކުގެ ސަބަބުންކަން ފާހަގަކުރެއްވިއެވެ. އެގޮތުން ކަމާބެހޭ އިދާރާތަކާއި އެއްކޮށް ބޭއްވުނު އޮންލައިން ބައްދަލުވުންތަކާއިއެކު ކަން ކަން ހައްލުކުރުން ފަސޭހަވެގެންދިޔަ ކަމަށް ފާހަގަކުރެއްވިއެވެ.
މިނިސްޓަރ މުޙައްމަދު މަލީޙް ޖަމާލް ދެކެވަޑައިންނަވާގޮތުގައި ސަރުކާރުން މިހާރަށްވުރެ ބޮޑަށް ކަން ކަމަށް ތައްޔާރުވާންޖެހެއެވެ. ސަރުކާރުގެ ޙިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް މިހާރަށްވުރެން ރަނގަޅު އީ.ގަވަރމެންޓް ސިސްޓަމް އަކާ ދިމާލަށް މިސްރާބު ޖަހަންޖެހެއެވެ. ވަރަށް ކުޑަ ޖަޒީރާ ޤައުމަކަށްވެފައި މުވައްޒަފުންނަށް ގޭގައި ތިބެގެން މަސައްކަތް ކުރެވޭނެ މަގު ތަނަވަސްކުރެވެންޖެހޭ ކަމާއި، މިކަމަށް ކުރަންޖެހޭ ވަރަށް ގިނަ އަމަލީ މަސައްކަތްތައް އެބަހުރިކަމަށް ފާހަގަކުރެއްވިއެވެ. މާލެ ސިޓީއަށް ބަލާއިރު ޑިޖިޓަލް ޑިވައިޑް މާބޮޑު މައްސަލައެއްގެ ގޮތުގަ ފާހަގަ ނުވިކަމުގައިވިޔަސް އެހެން އަތޮޅުތަކަށް މިއީ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ޑިޖިޓަލް ޑިވައިޑް ވީހާވެސް ކުޑަކުރުމަށް ސަރުކާރުން ފިޔަވަޅުތައް އަޅަމުންދާ ކަމާއި، މިގޮތުން ދިވެހިރާއްޖޭގެ އާބާދީގެ 75 އިންސައްތަ މީހުންނަށް ފައިބަރ ބްރޯޑްބޭންޑްގެ ހިދުމަތް ފޯރުކޮށްދެވިފައިވާކަމަށް ފާހަގަކުރެއްވިއެވެ. އަދި އިންޓަރނޭޝަނަލް ސަބްމެރިން ކޭބަލްސްތަކުގެ ޑައިވަރސިޓީ ރާއްޖޭގައި ކުރިއަށް އޮތް ތަނުގައި އިތުރުކުރަން ބޭނުންވާކަމަށްވެސް ދެންނެވިއެވެ.
މިފަދަ ބައްދަލުވުންތައް ބޭއްވިގެން ދިޔުން އެއީ ކުރިމަގަށް އެޅޭ މުހިއްމު ފިޔަވަޅެއްކަމާއި އަދި ކުރިމަގުގައި ޔޫ.އެން އެސްކެޕް އާއި ގުޅިގެން މަސައްކަތްކުރަން ބޭނުންވާކަމަށްވެސް މިނިސްޓަރ ވާހަކަކޮޅު ކުރުކޮށްލަމުން ފާހަގަކޮށްލެއްވިއެވެ.

