ކްރިމިނަލް ކޯޓުގައި ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު އަބްދުލްޣަފޫރުގެ މައްޗަށް އުފުލި ހަތް ދައުވާތައް ބާތިލު ކުރި ގާޒީ އިސްމާއިލް ރަޝީދުގެ ސަސްޕެންޝަން ހަމަވެ ވަޒީފާއަށް ނިކުންނަވަން ފަށައިފިއެވެ.
އިސްމާއިލް ރަޝީދުގެ ސަސްޕެންޝަނަށް ފަހު ވަޒީފާއަށް ނިކުންނަން ފަށާފައިވަނީ އިއްޔެއެވެ.
އަދީބުގެ މައްޗަށް ހިޔާނާތުގެ މައްސަލައިގައި އުފުލާފައިވާ ހަތް ދައުވާ ބާތިލުކުރި މައްސަލައިގައި އިސްމައިލް ރަޝީދު ސަސްޕެންޑުކުރީ ދެ މަސް ދުވަހަށެވެ. އަދި އަދީބުގެ މައްސަލަ ކްރިމިނަލް ކޯޓުގައި ކުރިޔަށް ގެންގޮސްފައިވަނީ ގާޒީ އިސްމާއިލް ރަޝީދެވެ.
އަދީބުގެ މައްޗަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ހިޔާނާތުގެ ހަތް ދައުވާއެއް އުފުލިއިރު އެ ދައުވާތައް ކުރިޔަށް ނުގެންދެވޭނެކަމަށް ކްރިމިނަލް ކޯޓުން ވަނީ ނިންމިއެވެ. ހިޔާނާތުގެ މައްސަލައިގައި އަދީބުގެ މައްޗަށް ދައުލަތުން ހަތް ދައުވާއެއް އުފުލިއެވެ. އެހެން ނަމަވެސް އެ ދައުވާތައް ކްރިމިނަލް ކޯޓުން ބާތިލު ކުރީ ޖުލައި މަހުގެ ތެރޭގައެވެ. އަދި މައްސަލަތައް ބޭރުކޮށްލުމުގެ އެއް ސަބަބެއްގެ ގޮތުގައި ކްރިމިނަލް ކޯޓުން ފާހަގަކުރީ އަދީބާ އެކު އިއުތިރާފުގެ އެއްބަސްވުމެއް ދައުލަތުން ހެދީ ގޯސްކޮށް ކަމަށް ބުނެ އެވެ.
ހެކި ހުރެ މައްސަލަތައް ބާތިލު ކުރުމުން ގާޒީ އިސްމާއިލް ރަޝީދު ސަސްޕެންޑުކޮށް ޖުޑިޝަލް ސާވިސް ކޮމިޝަނުން އާއްމު ކުރި ބަޔާނުގައި އޭރު ބުނެފައިވަނީ، އޭނާ ސަސްޕެންޑުކޮށްފައިވަނީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ޚިލާފަށް އަމަލުކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ކަމަށެވެ. އަދި އިސްމާއިލް ރަޝީދު ސަސްޕެންޑުކޮށްފައިވަނީ މައްސަލައިގެ ބާވަތަށާއި އެ މައްސަލައާ ގުޅިގެން ހުށަހެޅިފައިވާ ހެއްކަށާއި އެ މައްސަލަ ތަހުގީގު ކުރާއިރު އޭނާ ފަނޑިޔާރުކަމުގެ މަސައްކަތުގައި ދެމިހުރެއްޖެނަމަ މައްސަލަ ތަހުގީގު ކުރުމަށް އެޅިދާނެ ހުރަހަށާއި ޝަރުއީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް ކަމަށް ބަޔާނުގައި ވެއެވެ.
އިސްމާއިލް ރަޝީދު ސަސްޕެންޑުކުރީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ޖޭއެސްސީއަށް ހުށަހެޅި މައްސަލައަކާއި ގުޅިގެންނެވެ. ނަމަވެސް ސަސްޕެންޝަންގެ ފަހުން މައްސަލައިގެ އިތުރު އެއްވެސް މައުލޫމާތެއް ޖޭއެސްސީން ހާމައެއް ނުކުރެއެވެ.
ދައުވާތައް ބާތިލު ކުރި މައްސަލަ ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. އަދި މިއަދު މައްސަލައިގެ އަޑުއެހުންތައް ނިންމާލާ އަދީބުގެ ބަންދަށް15 ދުވަސް ވަނީ އިތުރުކޮށްފައެވެ. އަދި މި މައްސަލަތައް ކްރިމިނަލް ކޯޓުން އަލުން ބެލުމަށް ހައިކޯޓުން ވަނީ ހުކުމްކޮށްފައެވެ.

