މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އަކީ، ބަލިމަޑުކަމެއްގެ ނަމުގައި ކުންފުނީގެ މަސައްކަތްތައް ހުއްޓާލާނެ ކުންފުންޏެއް ނޫން ކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
ސަންގުޓީވީއިން ގެނެސްދޭ ”ސަރުކާރު“ ޕްރޮގާރާމުގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ އެމްޓީސީސީއަކީ ރައްޔިތުންނަށް ހިދުމަތްތައް ފޯރުކޮށްދޭ ކުންފުންޏެއްގެ ހައިސިއްޔަތުން، އަބަދުވެސް އެ ރައްޔިތުންނާއި ގާތްކޮށް މަސައްކަތް ކުރަމުން އަންނަ ކުންފުންޏެއް ކަމަށެވެ. އަދި ބަލިމަޑުކަމެއްގެ ނަމުގައި، ކުންފުނިން ކުރަމުން އަންނަ މަސައްކަތްތަކަށް މަޑުޖެއްސުމެއް ގެންނަން ބޭނުން ނުވާކަން އާޒިމް ވަނީ ފާހަގަ ކުރައްވާފައެވެ. އާޒިމް ވިދާޅުވީ ރައްޔިތުން ބޭނުން ވަނީ ތަރައްގީ ކަމަށާއި، ރައްޔިތުންނާއި ގުޅުން ހުރި އެތައް މަސައްކަތެއް ހަވާލުކުރެވިފައި ވަނިކޮށް އެ މަސައްކަތްތައް ހުއްޓާލުމަށް ބޭނުންފުޅު ނުވާ ކަމަށެވެ.
އާޒިމް ވިދާޅުވީ ކުންފުނީގެ މަސައްކަތްތައް ކުރިޔަށް ގެންދިއުމަށް، ގޭގައި މުވައްޒަފުން ލޮކްޑައުންވެ ތިބެ އޮފީސް ފަންކްޝަން ކުރެވުނު ކަމަށެވެ. އެގޮތުން އާއްމުކޮށް ވެސް އޮފީހުގެ އުސޫލާއި އެއްގޮތަށް ހެނދުނުގެ 08:00 ގައި ވަޒީފާގެ މަސައްކަތްތައް ފެށޭކަމަށް އާޒިމް ވިދާޅުވިއެވެ. ހަމައެއާއި އެކު ކުންފުނީގެ ޕްރޮޖެކްޝަންތައް ކުރިޔަށް ގެންގޮސް، ޓްރާންސްޕޯޓުގެ ހިދުމަތްތައް ވެސް ފުރިހަމައަށް ދީފައިވާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ މިއަދު ފެނިގެން ދަނީ ސަރުކާރު ބޭނުންވާ ގޮތަށް މަސައްކަތްތައް ކުރިޔަށް ދާތަން ކަމަށެވެ. އަދި ކުންފުނީގެ މުވައްޒަފުންގެ މަސައްކަތުން ކުންފުންޏާއި ހަވާލު ކުރެވޭ ހުރިހާ މަޝްރޫއެއް ވެސް ނިންމަމުންދާ ކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ. ކުންފުނީގެ މަސައްކަތްތައް ސަރުކާރުން ގާތުން ބައްލަވަމުން ގެންދާކަން ފާހަގަކޮށް އާޒިމް ވިދާޅުވީ، އެމްޓީސީސީއަށް ބޭނުންވާ ކޮންމެ އެހީތެރިކަމެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަރާތުން ލިބޭ ކަމަށެވެ. ރައީސްގެ ފަރާތުން އިރުޝާދުތަކެއް ލިބުނު ނަމަވެސް، އެއްވެސް މަސައްކަތެއް ގެންދަން ޖެހޭނެ ގޮތް ކަމަށް ބުނެ ވާހަކަ ދައްކާފައި ނުވާނެ ކަމަށާއި، ފުރިހަމަކުރަމުން ގެންދަނީ ސަރުކާރުން ހަވާލުކުރާ މެންޑޭޓުތައް ކަމަށް ރައީސް ވިދާޅުވިއެވެ.
މަޝްރޫއުތައް ކުރިޔަށް ދާ ގޮތުގެ ތަފްސީލުތަކާއި، އަދި ކުންފުންޏަށް ލިބިފައިވާ ކުރިއެރުންތަކާއި ބެހޭ މައުލޫމާތުތައް ދެއްވާ އާޒިމް ވިދާޅުވީ ކާމިޔާބީ އަކީ އެކަމަށް މަސައްކަތް ކުރުމުން ލިބޭ އެއްޗެއް ކަމަށެވެ. އެގޮތުން ކުންފުންޏަށް މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ލިބުނު ފައިދާއަކީ އެމްޓީސީސީގެ ތާރީހުގައި ވެސް ލިބުނު އެންމެ ބޮޑު ފައިދާ ކަމަށް އާޒިމް ވިދާޅުވިއެވެ.
”އަޅުގަނޑު އެމްޓީސީސީއާއި ހަވާލުވީ ޖެނުއަރީ މަހުގެ ތެރޭގައި…. ދެ މަސް ދުވަހުގެ ތެރޭގައި އެމްޓީސީސީގެ ތާރީހުގައި އެއް ކުއާޓާއެއްގައި އެންމެ ބޮޑު ފައިދާއެއް ނެރުނީ. ދެން އަޅުގަނޑުމެންނާއި ކޮވިޑާއި ދިމާވީ، ދެން އަޅުގަނޑުމެން އަމާޒު ހިފީ ކޮވިޑު އައުމާއި ގުޅިގެން މުޅި ލޮޖިސްޓިކްސް ހުއްޓިގެން ދިޔަ. އިމްޕޯޓު މުދާ ލިބިގެން ދިޔަ. ހަމަ ފޮރިން ކަރަންސީ ވެސް ލިބުން ދަތިވެގެން ދިޔަ. މިހުރީ ހުސް ޗެލަންޖެސް. މީގެއިން ކޮންމެ ކަމަކުން ވެސް އަރައިގަނެވޭނެ ގޮތްތަކެއް ހުރޭ. ގޮތްތަކެއް ހޯދަން އުޅޭ ބަޔަކަށް ގޮތްތަކެއް ފެންނާނެ“ އާޒިމް
އާޒިމް ވިދާޅުވީ އަމާޒަކަށް ވީ ކުރިޔަށް އޮތް ތިން މަހުގައި ކުންފުންޏަކީ އެއީ އެއްވެސް ގެއްލުމެއް ނުލިބި ހިންގާ ކުންފުންޏެއްގެ ގޮތުގައި ހެދުމަށް ބޭނުންވި ކަމަށެވެ. އެއާއި އެކު މިހާތަނަށް ކުންފުންނީގެ ހިންގުންތަކަށް އެއްވެސް މަހެއްގައި ގެއްލުންތަކެއް ނުވާކަމަށް އާޒިމް ވިދާޅުވިއެވެ.
މީގެ އިތުރުން އާޒިމް ވިދާޅުވީ ކުންފުނީގެ ޓީމަކީ ވަރުގަދަ ޓީމެއް ކަމަށެވެ. އަދި މަސައްކަތާއި ހަވާލުވުމަށްފަހު މުވައްޒަފުންގެ މެދުގައި އޮތް ގުޅުންތައް ބަދަހިވެގެން ދިޔަ ކަމަށާއި، ތިނަދޫގައި ގާއިމް ކުރާ ކޮވިޑު ފެސިލިޓީ މަދު ދުވަސްކޮޅެއްގެ ތެރޭގައި ނިންމާގޮތަށް ހަވާލުވީ ވެސް ކުންފުނީގެ މުވައްޒަފުންގެ އެ ގާބިލުކަން ހުރުމުން ކަމަށެވެ.
ސަރުކާރުގެ ވިސްނުމަކީ މަޝްރޫއުތަކާއި، ޕްރޮޖެކްޓުތަކުގައި އެއްވެސް މަޑުޖެހުމެއް ނެތި ކުރިޔަށް ދިޔުންކަމށް އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ ކުންފުނީގެ ފައިނޭންސިން ރަނގަޅަށް ބެލެހެއްޓޭކަމަށާއި، އިންތިޒާމުތަކާއި އެކު މަސައްކަތަކަށް ވާނީ މިވަގުތު ހަވާލުކޮށްފައި ހުރި ހުރިހާ މަޝްރޫއެއްގެ މަސައްކަތްތައް ނިންމާލުންކަމަށް އާޒިމް ވިދާޅުވިއެވެ.
އެމްޓީސީސީގެ ޕްރޮޖެކްޓުތަކުގެ ތެރޭގައި ފުޓުބޯޅަ ދަނޑު ހެދުމާއި، ބަނދަރު ހެދުން، ފަޅު ފުން ކުރުން، އެއާޕޯޓުތަކުގެ މަސައްކަތް، އަދި މަގުތައް ހެދުމުގެ މަސައްކަތްތައް ކުރިޔަށް ދާ ކަމަށެވެ. އާޒިމް ވަނީ ކުޅުދުއްފުށީގައި ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތަށް ވެސް ތައްޔާރުވަމުން އަންނަކަމަށް ވިދާޅުވެފައެވެ. މި ޕްރޮޖެކްޓުތަކުގެ އަޕްޑޭޓު ކޮންމެ ހަފްތާއެއްގައި ބާއްވާ ބައްދަލުވުންތަކުން ހޯދާއިރު ސިސްޓަމް މެދުވެރިކޮށް ހުރިހާ ޕްރޮޖެކްޓުތަކެއްގެ މަސައްކަތް ކުރިޔަށްދޭ ގޮތް އޭނާއަށް ބެލޭކަމަށް އާޒިމް ވިދާޅުވިއެވެ.

