ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިން ވަނަ ދައުރަށް ސަރުކާރުގެ ފަރާތުން، ހުށައެޅުއްވުމަށް ނިންމަވާފައިވާ 28 ބިލުގެ ތެރޭގައި ހިމެނޭ، އަބުރާބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ބިލަކީ، މީޑިއާއަށް އަމާޒު ކުރެވިފައިވާ ބިލެއް ނޫންކަމުގައި ބަންޑާރަ ނައިބުގެ އޮފީހުން ބުނެފިއެވެ.
އެބިލާއި ގުޅޭ ގޮތުން މީޑިއާތަކަށް ނިސްބަތްވާ ގިނަ ފަރާތްތަކުން އަންނަނީކަންބޮޑުވުން ފާޅުކުރަމުނެވެ.
އެކަމާ ގުޅިގެން ބަންޑާރަ ނައިބް އޮފީހުގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ހުސެއިން ހަސަން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި ބިލުގައި ކަނޑައަޅާފައިވަނީ އަބުރާ ބެހުމަކީ މަދަނީ ކުށެއްގެ ގޮތުގައި ކަމަށެވެ. އެއީ މިހާރު ވެސް ގަވައިދަކުން ކަނޑައަޅާފައިވާ ކަމެއް ކަން އޭނާ ފާހަގަ ކުރެއްވިއެވެ.
”އަބުރާ ބެހުމަކީ ޖިނާއީ ކުށެއް ނޫން. ބިލުގައި އޮންނާނީ މަދަނީ ކުށެއްގެ ގޮތުގައި، އަލަށް ހުށަހަޅާ ބިލަކީ ނޫސްތަކާއި މީޑިއާތަކަށް އަމާޒުކޮށްގެން ހުށަހަޅާ ބިލެއް ނޫން. ބިލުގެ ބޭނުމަކީ މިހާރު އަމަލު ކުރަމުންދާ ގަވާއިދަށް ގާނޫނީ ބާރުވެރިކަން ދިނުން.“ ހުސައިން ވިދާޅުވިއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ތަސްދީގުކުރި އަބުރު ރައްކާތެރިކުރުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނަށް އޭރު އެންމެ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒު ކުރި ބަޔަކީ މިހާރު ވެރިކަމުގައި ތިއްބެވި ސަރުކާރު ކޯލިޝަންގެ މެމްބަރުންނެވެ.

