އޮޅުވާލުންތަކާއި، މަކަރާއި ހީލަތް، އަދި ކޮރަޕްޝަންގެ އަމަލުތަކެއް ހެލްތް މިނިސްޓްރީގެ ކޮވިޑުގެ އޮޑިޓުން ހާމަވީ މައްސަލައިގައި ހެލްތް މިނިސްޓަރު އަބްދުﷲ އަމީން މަޖިލީހުގެ ސުލޫކީ ކޮމިޓީއަށް ހާޒިރުކުރުމަށް ނިންމުމަށްފަހު ކޮމިޓީ ކެންސަލްކޮށްފިއެވެ.
އަމީން މިއަދު ހާޒިރު ކުރާ ގޮތަށް ހަމަޖެހިފައި އޮތީ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒު އަދި ސުލޫކީ ކޮމިޓީއަށެވެ. އެހެން ނަމަވެސް ކޮމިޓީ ވަނީ ކެންސަލްކޮށްފައެވެ.
ބޮޑެތި ހަރަދުތަކެއް ކުރި، މެޑިކަލް އެތައް ސާމާނެއް ރާއްޖެއާއި ހަމައަށް އައިސްފައި ނުވާއިރު، އެ ތަކެއްޗަށް ވީނުވީއެއް ނޭނގެއެވެ. އޭގެ ތެރޭގައި ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމެންޓު (ޕީޕީއީ) އާއި، ވެންޓިލޭޓަރުތައް އަދި އެ ނޫން ވެސް މެޑިކަލް ސާމާނުތަކެއް ހިމެނެއެވެ.
މި މައްސަލައިގައި އެންމެ ބޮޑެތި ތުހުމަތުތަކެއް ކުރެވުނު، ހެލްތް މިނިސްޓަރު އަމީން ވަނީ އަމިއްލަފުޅަށް މަގާމުގެ މަސައްކަތްތަކުން އެކަހެރިވެފައެވެ. އަދި ދެވަނައަށް އޮޑިޓް ރިޕޯޓުން ބޮޑެތި ތުހުމަތުތަކެއް ކުރެވުނު މިނިސްޓްރީގެ ބިޑު ކޮމިޓީގެ މެމްބަރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ސަސްޕެންޑް ކުރައްވައި، ގޭގައި މަޑު ކުރުމަށް އަންގަވާފައެވެ.
އޮޑިޓު ރިޕޯޓުން ފެންމަތިވީ މައްސަލަތަކާއި ހެދި މީގެ ކުރިން މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހާޒިރު ކުރިއެވެ. އެއީ މިދިޔަ އޮގަސްޓު މަހުގެ 25 ގައެވެ. މެމްބަރުންގެ ސުވާލުތަކަށް އެދުވަހުގެ ކޮމިޓީގައި އަމީން ވިދާޅުވެފައިވަނީ އޮޑިޓް ރިޕޯޓުގައި ވެންޓިލޭޓަރުތަކުގެ މައްސަައިގައި ނާޖާއިޒް ފައިދާ ހޯދައިދިނުމާއި، އޮޅުވާލުންތަކެއް ވާކަމަށް ބުނެފައިވީ ނަމަވެސް އޭނާގެ އެފަދަ އެއްވެސް ނިޔަތެއް ނެތް ކަމަށެވެ. އަދި ދައުލަތުގެ ފައިސާއިން ވައްކަން ކުރުމުގެ ނިޔަތުގައި އެއްވެސް އަމަލެއް ހިންގާފައި ނުވަނެ ކަމަށެވެ.
އަމީން ވިދާޅުވެފައިވަނީ ރާއްޖޭގެ ސިއްހީ ނިޒާމާއި، ކޮވިޑުގެ ހާލަތު ގައުމުގައި އޭރު އޮތް ގޮތުގެ ސަބަބުން އޭނާ މަސައްކަތް ކުރީ ރައްޔިތުންގެ ފުރާނަ ސަލާމަތް ކުރުމަށެވެ.
އޮޑިޓު ރިޕޯޓުގެ މައްސަލައިގައި އަމީން މަގާމުން ވަކި ކުރުމަށް މަޖިލީހުގެ މެމްބަރުން ވެސް ގޮވާލާފައިވެއެވެ. އެހެން ނަމަވެސް އެ ރިޕޯޓާއި އެކު ފެންމަތިވީ މައްސަލަތައް ބަލާ ނިމެންދެން ކަމަށް ބުނެ އޮގަސްޓު 17 ގައި އަމީން މަގާމުގެ މަސްއޫލިއްޔަތުން އެކަހެރިވިއެވެ. އަދި މުސާރަ ހިނގާ ގޮތަށް ބޮޑު ބަލިމަޑުކަމެއްގެ ތެރެއިން ގައުމުގެ ސިއްހީ ވަޒީރުން މަސްއޫލިއްޔަތުން ދުރުގައި ހުންނަވާތާ މި ހަފްތާއަށް ދެ މަސް ވާނެއެވެ.
ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން އާ ވެންޓިލޭޓަރުތައް ގެންނަން ހަވާލުކުރީ ދުނިޔޭގެ ސިއްހަތާއި ބެހޭ ޖަމިއްޔާގެ މެދުވެރިކޮށް ނޫންކަން އޮޑިޓުން ވަނީ ހާމަވެފައެވެ. މީގެ ކުރިން އަމީނާއި، ހެލްތް މިނިސްޓްރީން ވެސް ބުނަމުން ދިޔައީ މިއީ ޑަބްލިއުއެޗްއޯގެ ލަފައާއި އެއްގޮތަށް ގެންނަ ވެންޓިލޭޓަރުތަކެއް ކަމަށެވެ. މި މައްސަލައިގައި އޮޑިޓުން ހާމަވީ ކަންތަކަށް އަމީން ވިދާޅުވީ ދުބާއި ކުންފުންޏާއި މަސައްކަތް ހަވާލު ކުރުމުގައި އެއްވެސް އޮޅުވާލުމެއް ނުހިމެނޭނެ ކަމަށެވެ.

