ކޮވިޑް-19އާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ދިމާވެފައިވާ ދަތި ހާލަތުގައި ރާއްޖޭގެ މިނިވަންކަމަށް އެތައް ގޮންޖެހުންތަކެއް އެބަދިމާވާ ކަމަށް ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.
ދުންޔާ މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުން މިދާ ގައުމީ ދުވަހުގެ މުނާސަބަތުގައި ކުރެއްވި ޓްވީޓެއްގައެވެ.
އެގޮތުން ދުންޔާ ވަނީ ރާއްޖޭގެ ފަހުރުވެރި ގައުމީ ދުވަހު ރާއްޖޭގެ އަމިއްލަވަންތަކަމާއި މިނިވަންކަން ހިމާޔަތް ކުރަން ގޮވާލާފައެވެ.
”ކޮވިޑް-19ގެ ޕެންޑެމިކްއާ ގުޅިގެން ދިމާވެފައިވާ އިގްތިސާދީ ދަތި ދުވަސްވަރު ރާއްޖޭގެ މިނިވަންކަމަށް އެތައް ގޮންޖެހުންތަކެއް އެބަ ދިމާވޭ.“ ދުންޔާ ވިދާޅުވިއެވެ.
Dhivehi raajeyge fakhyriveru gaumee dhuvahu, raajjeyge amilla vantha kamaai minivankan himaayaiy kuran govaalan! Covid-19 pandemic aai gulhigen dhimaavefai vaa igthisaadhee dhathi dhuvas varu raajjeyge minivankamah ethah gonjehun thakeh eba dhimaavey! #gaumeedhuvas pic.twitter.com/EIe1FhcJfc
— Dunya Maumoon (@dunyamaumoon) October 18, 2020
ގައުމީ ދުވަހުގެ މުނާސަބަތުގައި މިއަދު ހެނދުނު ގައުމާ މުހާތަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، ރާއްޖެ އާއި ބޭރުގެ ގައުމުތަކާ ދެމެދު ބާއްވާ ހާރިޖި ގުޅުންތަކުގެ ސަބަބުން ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތައް ބުރުލެއް ނާރާނެ ކަމަށެވެ.
ރައީސް ސޯލިހު ވިދާޅުވީ، ރާއްޖެއިން ހުރިހާ ގައުމުތަކަކާއެކު ވެސް ގުޅުންތައް ހަރުދަނާ ކުރަމުން ދަނީ ދެ ކަމެއް ކަށަވަރުކުރަމުން ކަމަށެވެ. އެއީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމާއި، ރައްޔިތުންނަށް އެ ގުޅުންތަކުން ފައިދާއާއި ލާބަ ލިބޭނެކަން ކަށަވަރު ކުރަމުން ކަމަށެވެ.

