ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދައިފިއެވެ.
މި މައްސަލަ މަޖިލީހަށް ހުށަހެޅީ އިދިކޮޅު ޕީޕީއެމް/ޕީއެންސީން އިސްނަގައިގެންނެވެ. އެގޮތުން މި މައްސަލަ މަޖިލީހަށް ވެއްދީ 11 މެމްބަރުންގެ ސޮޔާއެކުއެވެ.
އިމްރާންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދާފައި މިވަނީ، ހުޅުމާލެ ފަޅު ތެރޭގައި އޮތް ސަފާރީއެއްގައި ކެންޔާ އަންހެނަކު ރޭޕް ކުރި ކަމަށް ބުނާ މައްސަލައަށް އިޝާރާތް ކުރައްވައި އެ ސަފާރީގައި އެ ދުވަހު ހިނގައިދިޔައީ އާދައިގެ ކުޑަ ކަމެއް ކަމަށް ވިދާޅުވުމުން ގިނަ ބަޔެއްގެ ފާޑުކިޔުން އެމަނިކުފާނަށް އަމާޒުވެފައި ވަނިކޮށެވެ.
ފާޑުކިޔުންތައް އަމާޒުވުމުން އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަންހެނަކަށް ޖިންސީ އަނިޔާއެއް ނުވަތަ ފުރައްސާއެއް ކުރުމަކީ ކުޑަ ކަމެއް ނޫން ކަމަށާއި އެއީ ބޮޑު ކަމެއް ކަމަށެވެ. އަދި އެއީ ކުޑަ ކަމެއް ކަމަށް ބުނެފައި ނުވާނެ ކަމަށެވެ.
އިމްރާންގެ މި ވާހަކަތަކާ ގުޅިގެން އޭނާގެ މައްސަލަ ބަލައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ވެސް މިހާރު ވަނީ ހުށަހަޅާފައެވެ.

