އެމްޑީޕީން ހުސްބުޅީގައި ގަންނާނެ ދުވަސްތައް އޮތީ ކުރިއަށް ކަމަށް ވިދާޅުވެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް، މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އަށް ރައްދު ދެއްވައިފިއެވެ.
ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ގެ އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމަށް އިދިކޮޅު ފަރާތްތަކުން މަޖިލީހަށް ވެއްދުމާ ގުޅިގެން އިއްޔެގެ މަޖިލީހުގެ ޖަލްސާގައި އާޒިމް ވިދާޅުވީ، އެމްޑީޕީގެ އެތެރޭގައި ޚިޔާލު ތަފާތުވާ ކޮންމެ ވަގުތަކީ ހުސް ބުޅި އެއްލާންވީ ވަގުތެއް ނޫން ކަމަށާއި، އެމްޑީޕީ އިން އެ ހުސް ބުޅީގައި ނުޖެހޭނެ ކަމަށެވެ.
އާޒިމްއަށް ރައްދު ދެއްވައި އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނަހަމަގޮތުގައި ސުޕަ މެޖޯރިޓީގެ ބޭނުން ކުރުމުން ލިބޭ ގެއްލުން ބޮޑުވާނެ ކަމަށާއި ސަރުކާރު ޒިންމާދާރު ކުރުމަށް ކުރާ މަސައްކަތް ހުއްޓާނުލާނެ ކަމަށެވެ.
”އެން އަޅައިގެން [ހުސްބުޅީގައި] ގަންނާނެކަން އެނގޭ. އެކަމަކު އެގޮތަކަށް ނުބާނާނަން. ހުސްބުޅީގައި ގަންނާނެ ދުވަސްތައް އޮތީ ކުރިއަށް.“ އާދަމް ޝަރީފް ވިދާޅުވިއެވެ.
En alhaigen gannaanekan engey! Ekamaku egothakah nubaanaanan! Husbulheegai gannaane dhuvasthah othee kuriah.
Nahama gothugai Super majority ge beynun kurumun libey gellun boduvaane.
Sarukaaru zimmaadhaaru kurumah kuraa masakkaiythah huttaeh nulaanan. https://t.co/Js2xdUQHJp— Adam Shareef Umar (@Adamshareefz) October 27, 2020
އިމްރާންގެ އިތުބާރު ނެތް ކަމުގެ ވޯޓު މަޖިލީހަށް ވައްދާފައިވަނީ، އަންހެނުންނަށް ޖިންސީ ގޯނާ ކުރުން ކުޑަ ކަމަކަށް ހަދައި އިމްރާން ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ. ސަފާރީ ރޭޕް ކޭސްއާ ގުޅޭގޮތުން އިމްރާން ދެއްކެވި ވާހަކަތައް، އެހެން ކަހަލަ މާނައެއްގައި މީޑިޔާތަކުން ގެނެސްދިނީ ކަމަށާއި، ޖިންސީ ގޯނާ އަކީ ކުޑަކަމެއްގެ ގޮތުގައި ނުދެކޭ ކަމަށް އިމްރާން ފަހުން ވަނީ ވިދާޅުވެފައެވެ.
މި މައްސަލާގައި އެމްޑީޕީން ވޯޓު ނުދޭނެ ކަން ހާމަކޮށް އާޒިމް އިއްޔެ ވިދާޅުވީ މިސަރުކާރަށާއި ޚާއްސަކޮށް ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް އެމްޑީޕީގެ ފުރިހަމަ ތާއީދު އެބަ އޮތް ކަމަށާއި އެމަނިކުފާނު ކުރައްވާ މަސައްކަތަށް ބަލައިގަންނަ ކަމަށެވެ.

