ގާނޫނީ ސަރުކާރު ހިނގަމުން ދަނިކޮށް ސަރުކާރު ވައްޓާލަން ފުލުހުންގެ ތެރެއިން ބަޔަކު ދެން ނުނުކުންނާނެ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ”ފަށާއިރު“ ޕްރޮގްރާމުގައި މިއަދު ވާހަކަދައްކަވަމުން ސީޕީ ހަމީދު ވިދާޅުވީ އެއީ މާޒީ ކަމަށާއި އެ މާޒީން ފުލުހުންނަށް ވަރަށް ގިނަ އިބުރަތްތަކެއް ލިބިފައިވާ ކަމަށް ގަބޫލުކުރައްވާ ކަމަށާއި އެ ޒާތުގެ ކަމެއް ފުލުހުން ދެން ކުރާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.
”އަޅުގަނޑު ޤަބޫލެއް ނުކުރަން ފުލުހުންގެ މުއައްސަސާގައި މިއަދު ތިބި ފަރާތްތައްވެސް އަދި ކުރިއަށް އޮތް ތަނުގައި ފުލުހުންގެ މުއައްސަސާއަށް ގުޅެން ތިބި ފަރާތްތައްވެސް، އަދި މިހާރު މުއައްސަސާ ހަރުދަނާ ކުރުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިންވެސް އެކަންކަން ކަށަވަރު ކުރެވިގެންދާނެ“ ސީޕީ ވިދާޅުވިއެވެ.
ހަމީދު ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އޭރުގެ ފުލުހުންގެ ތެރެއިންނާއި ސިފައިންގެ ބަޔަކު އިދިކޮޅު ހަރަކާތްތަކުގައި ބައިވެރިވެ ވެރިކަން ނިމުމަކާ ހަމައަށް އައި އިރު ސަރުކާރު ވައްޓާލުމުގެ ފުލުހުންގެ ހަރަކާތެއް ހިނގަމުންދާ ކަމުގެ މައުލޫމާތުތަކެއް އޭރު ލިބެމުންދާ ކަމަށާއި އެއީ ވުން ގާތް ކަމެއް ކަމަށް އޭރުގެ ފުލުހުންގެ ވެރިންނަށް އެންގި ކަމަށެވެ.

