ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގެ އިގްތިސާދީ މިނިވަންކަން: އިގްތިސާދު އަލުން ކޮޅަށްޖަހާއިރު، ދިވެހި އުފެއްދުންތެރިކަން އިތުރުކުރުން މުހިންމު!

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19އާއި ގުޅިގެން މުޅި ދުނިޔޭގެ އިގްތިސާދު ބޮޑު އަނދަވަޅަކަށް ވެއްޓުނެވެ. ބަލީގެ އަސަރު އެންމެ ބޮޑަށް ކުރީ ރާއްޖެފަދަ ތަރައްގީވަމުން އަންނަ ކުދި، ޖަޒީރާ ގައުމުތަކަށެވެ.

ރާއްޖޭގެ އިގްތިސާދު މައިގަނޑު ގޮތެއްގައި ބިނާ ވެފައި އޮތީ ރާއްޖޭގެ ގުދުރަތީ ރީތިކަން ވިއްކައިގެން، ބިނާވެފައި އޮތް ފަތުރުވެރިކަމުގެ ދާއިރާއަށެވެ. ފަތުރުވެރިކަމުގެ ދާއިރާއަށް ލޮޅުމެއް އައިސްފިނަމަ މުޅި ގައުމު އިނދަޖައްސާލާނެކަން އެންމެންނަށް އެނގެއެވެ. އެވާހަކަތައް ކިތަންމެ ފަހަރަކު މީގެ ކުރިން ދެކެވިފައި އެބަހުއްޓެވެ. އެހެން ގޮތަކަށް ބުނާނަމަ، މުޅި ގައުމުގެ އިގްތިސާދު ބަރޯސާވެފައި އޮތީ ބޭރު ބައެއްގެ އަތް މައްޗަށެވެ. މިނިވަންކަމާއެކު ރާއްޖޭގެ ދިދަ ވިހުރުމުގެ ފުރުސަތު ލިބިފައިވިޔަސް، ފުރިހަމަ އިގްތިސާދީ މިނިވަންކަމެއް މިރާއްޖެއަކު ނެތެވެ. އެކަން މިއިހުސާސް ވަނީ މިފަދަ އިގްތިސާދީ ކާރިސާއަކާއި ކުރިމަތިވުމުންނެވެ.

ރާއްޖޭގެ އިގްތިސާދީ ހާލަތު ބަލައި ދިރާސާކުރާ ފަރާތްތަކުން އަންނަނީ ރާއްޖެއަށް އިގްތިސާދީގޮތުން ހުރި ނުރައްކާތައް އަންގައިދެމުންނެވެ. ރާއްޖޭގެ ސޮވެރިން ގެރަންޓީއަށް ދީފައިވާ ރޭޓިންގް ދަށްކޮށްފައިވާއިރު، މިކަމުގެ ނަތީޖާއެއްގެ ގޮތުން ސަރުކާރު ކުންފުނިތަކުގެ ރޭޓިންވެސް އަންނަނީ ދަށްކުރަމުންނެވެ.

ރާއްޖޭގެ ރޭޓިން ”ބީ މައިނަސް“ އަކުން ”ސީސީސީ“އަށް ދަށްކުރިތާ މާގިނަ ދުވަހެއް ނުވެއެވެ. އެޗްޑީސީގެ ރޭޓިންވެސް މިވަނީ ދަށްކޮށްފައެވެ. މިއީ އެޗްޑީސީގެ ރޭޓިން މިއަހަރު ދަށްކުރި ދެވަނަ ފަހަރެވެ.

ކޮވިޑް-19 އާއި ގުޅިގެން އަޑި އަޅާފައިވާ އިގްތިސާދު އަލުން ކޮޅަށް ޖެހުމަށް ގިނަ މަސައްކަތްތަކެއް ކަމާއި ގުޅުންހުރި ވުޒާރާތަކުން ކުރަމުން އަންނަތަން ފެނެއެވެ. އޭގެ ނަތީޖާއަކަށްވީ ރައްކާތެރިކަމާއެކު ބޯޑަރު ހުޅުވާލި މަދު ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނިގެން ދިޔުމެވެ. ފަތުރުވެރިކަން އަލުން ފަށައިގަތުމަށް ހަރުދަނާ ސިޔާސަތުތަކެއް ގެންގުޅުނެވެ. ދުވާލެއްގެ މައްޗަށް ރާއްޖޭގެ މައި އެއާޕޯޓު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު(ވީއައިއޭ)އަށް ޖައްސާ ފްލައިޓުތަކާއި ޕްރައިވެޓް ޖެޓުތަކުގެ އަދަދުތައް އަންނަނީ އިތުރުވަމުންނެވެ. ފަތުރުވެރިން އަންނަ ނިސްބަތް އިތުރުވެ، ރާއްޖެެއަށް އާންމުކޮށް ފަތުރުވެރިން އަންނަ ގައުމުތަކުން ރާއްޖެއަށް ކުރާ އިތުބާރު ހިފެހެއްޓިފައިވާކަން ފާހަގަކުރެވެއެވެ. މަޝްހޫރު ބްލޮގަރުންނާއި އެކި ފަންނާނުން ރާއްޖެއަަށް ޒިޔާރަތްކުރާ މިންވަރު ފާއިތުވި ދުވަސްތަކުގައި އިތުރުވި ކަމަކީވެސް ފާހަގަކޮށްލެވޭ ކަމެކެވެ.

އެހެންނަމަވެސް، އިގްތިސާދު ސުމަކުން އަލުން ފެށިއިރުވެސް، މައިގަނޑު ގޮތެއްގައި އަދިވެސް ސަމާލުކަން ދޭތަން ފެންނަނީ ފަތުރުވެރިކަމުގެ ދާއިރާއަށެވެ. ބޭރު ގައުމުތަކުގެ އަތް މައްޗަށް އަނެއްކާވެސް ރާއްޖޭގެ އިގްތިސާދު ބަރޯސާވުން، މިއަށްވުރެ ކުޑަކުރަން ޖެހެއެވެ. ފަތުރުވެރިކަމުގެ ސިނާއަތާއި އެއްވަރަށް ދިވެހި އަމިއްލަ އުފެއްދުންތެރިކަމުގެ ދާއިރާތައް ތަރައްގީކޮށް ކުރިއަރުވަން އިތުރު ސަމާލުކަމެއް ދޭންޖެހެއެވެ.

ދިވެހި އުފެއްދުންތެރިކަމުގެ މައިގަނޑު ދެ ދާއިރާގެ ގޮތުގައި ފާހަގަކުރެވެނީ މަސްވެރިކަމާއި ދަނޑުވެރިކަމެވެ. މަސްވެރިކަމަކީ ދިވެހިންގެ ލޭނާރުކަމަށް އަބަދުވެސް ބުނެއުޅެއެވެ. މަސްވެރިކަމާއި ދަނޑުވެރިކަމަކީ ރާއްްޖޭގައި އެންމެ ކުރީއްސުރެވެސް ކޮށްއުޅުނު ދެ މަސައްކަތަށް ވީއިރު، ފަތުރުވެރިކަމުގެ ދާއިރާއަކީ އަދި އޭގެ މާ ފަހުން އައި ކަމެކެވެ. އެހެންނަމަވެސް، ފަތުރުވެރިކަމުގެ ދާއިރާ ކުރިއަރައި ދިޔައިރު، ދިވެހި އުފެއްދުންތެރިކަމުގެ ދާއިރާތައް ކުރިއަރައި ނުދިޔައީ ކީއްވެތޯ ސުވާލު އުފެދެއެވެ.

އާދައިގެ ގޮތަކަށް ތަރައްގީކުރި އެންމެ ރިޒޯޓަކާއެކު ފެށި ފަތުރުވެރިކަމަކީ، މިއަދު ރާއްޖޭގެ އިގްތިސާދުގެ މައި ނާރެވެ. ރިޒޯޓުތައް ތަރައްގީވެ، އެނދުތައް ގިނަވެ، ރިޒޯޓަކުން ފެށި މަސައްކަތް މިއަދު ހޮޓެލްތަކަށާއި ސަފާރީތަކަށް އަދި ގެސްޓްހައުސްތަކަށް ފުޅާވެއްޖެއެވެ. ފަތުރުވެރިކަމުގެ ދާއިރާ ކުރިއަރައި ދިޔަ ބާރުމިނުގައި ދިވެހި އަމިއްލަ އުފެއްދުންތެރިކަމުގެ ދާއިރާތައް ކުރިއަރައި ނުދިޔައީ ކީއްވެތޯ ސުވާލު އުފެދެއެވެ.

މަސްވެރިން ބާނާ މަސް ކިރޭނެ ގޮތެއް ނެތިފައި، ކިތަންމެ ދުވަހަކު ތިބެއެވެ. ތާޒާކަން ކެނޑޭ ފަހުން މަސް ކޮޅު ކިރާލެވޭއިރު ހަމަ އަގެއް ނުލިބެއެވެ. ބާނާ މަސްކޮޅު ނުކިރި، ގަނޑުކުރަން އައިސް ނުލިބި އުކާލި މަންޒަރުވެސް ވަނީ ފެނިގެން ގޮސްފައެވެ. ދަނޑުވެރިންގެ ބުރަ މަސައްކަތުން ހައްދާ ތަކެއްޗަށް ރަނގަޅު މާކެޓެއް ހޯދައިދެވިފައެއް ނެތެވެ. މާލެއަށް ގެނެވޭނެ ގޮތެއް ނެތެވެ. ކަނޑުދަތުރުކޮށްފައި ތަކެތި މާލެ ގެންނައިރު ހުންނަނީ ތާޒާކަން ކެނޑި، ކުނިވެ ރަނގަޅު އަގެއް ލިބޭ ވަރަށްވުރެ ހާލަތު ދަށްވެފައެވެ.

ރާއްޖެއަށް ހަގީގީ އިގްތިސަދީ މިނިވަންކަން ބޭނުންވެއެވެ. ދިވެހި އުފެއްދުންތެރިކަން އިތުރުކުރަންޖެހެއެވެ. ދިވެހި އުފެއްދުންތަކަށް ރާއްޖެއިންނާއި ރާއްޖެއިން ބޭރުން ރަނގަޅު މާކެޓެއް ބޭނުންވެއެވެ. އިގްތިސާދު އަލުން ކޮޅަށް ޖަހަން މަސައްކަތްކުރާ މިދަނޑިވަޅަކީ މިކަމަށް ޚާއްސަ އިސްކަމެއް ދީގެން މަސައްކަތްކުރަންޖެހޭ ދުވަސްވަރެއްކަމަށް ގަބޫލުކުރެވެއެވެ.

ވަރަށް ގަދަ
14%ވަރަށް ގަދަ 71%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 14%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: