ބައިނަލްއަޤްވާމީ ތިން ވަނަ ރިނިއުވަބަލް އެނަރޖީ އިންވެސްޓާރސް މީޓް އެންޑް އެކްސްޕޯގައި މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޑރ.ހުސެއިން ރަޝީދު ހަސަން ތަޤްރީރުކުރެއްވައިފިއެވެ.
އެންވަޔަރަންމަންޓް މިނިސްޓްރީން ވިދާޅުވީ މި ސެޝަންގައި މިނިސްޓަރ ޑރ.ހުސެއިން ރަޝީދު ހަސަންގެ އިތުރުން އިންޑީއާގެ މިނިސްޓަރ އޮފް ނިއު އެންޑް ރިނިއުވަބަލް އެނަރޖީ ރާޖް ކުމާރު ސިންގް، ވޯލްޑް ބެންކްގެ ރީޖަނަލް ޑިރެކްޓަރ ގްއާންޒޭ ޗެން، ވޯލްޑް ބޭންކްގެ ދިވެހިރާއްޖެ، ސްރީލަންކާ އަދި ނޭޕާލްގެ ކަންޓްރީ ޑިރެކްޓަރ ފާރިސް ހަދީދް ޒެރްވޯސްގެ، ރާއްޖޭގެ އެންވަޔަރަންމަންޓް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަޖްވަދު މުސްތަފާގެ އިތުރުން ވޯލްޑްބޭންކާއި އިންޓަނޭޝަނަލް ސޯލާރ އެލަޔަންސް އަދި އިންޓަނޭޝަނަލް ރިނިއުބަލް އެނަރޖީ އޭޖެންސީ (އައިރީނާ) ގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
މި ސެޝަން ގައި ވާހަކަފުޅު ދައްކަވަމުން އެންވަޔަރަންމަންޓް މިނިސްޓަރ ޑރ.ހުސެއިން ވިދާޅުވީ ރާއްޖެ އަމާޒު ހިފާފައިވަނީ ތިމާވެއްޓާއި ރައްޓެހި ހަކަތަ ބޭނުންކޮށްގެން ކަރަންޓް އުފެއްދުންކަމަށެވެ.
އެގޮތުން މި ސަރުކާރުގެ ސްޓެރެޓެޖިކް އެކްޝަން ޕްލޭން (ސެޕް) ގައި ހަކަތައިގެ ދާއިރާއިން ހާސިލްކުރަން ޖެހޭ މުޙިންމު ޓާގެޓްސް ތަކެއް ހުރިކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން ސަރުކާރުން ކުރިއަށްގެންދާ މުހިއްމު މަޝްރޫޢުތަކަށް އަލިއަޅުވައިލައްވާ ވާހަކަފުޅުދައްކަވަމުން ޑރ.ހުސެއިން ވިދާޅުވީ މި މަހުގެ 24 ވަނަ ދުވަހު، ހުޅުލެ – ހުޅުމާލެ ގުޅޭ ލިންކް ރޯޑުގައި 5 މެގަވޮޓްގެ ސޯލަރ ޕީވީގެ ނިޒާމު ޤާއިމުކުރުމަށް ބޭރުގެ ކުންފުންޏަކާއި ހަވާލުކޮށްފައިވާ ކަމަށާއި މި ޕްރޮޖެކްޓަށް މީގެ ކުރިން ލިބިފައިވާ ޓެރިފް ރޭޓާއި އަޅާބަލާއިރު ހެޔޮ އަގެއް ލިބިފައިވާކަން މިނިސްޓަރ ވިދާޅުވިއެވެ.
ސޯލަރ ޕީވީން އުފައްދާ ކަރަންޓް ސްޓެލްކޯއަށް ގަންނަ އަގު 25 ޔޫއެސް ސެންޓުން 10.09 ސެންޓަށް ވަނީ 5 މެގަވޮޓް ސޯލަރ ޕްރޮޖެކްޓާއި އާއި އެކު ތިރިވެފައެވެ. އަދި އޭގެ އިތުރުން މިހާރު އިއުލާނުކޮށް ޕްރީ ކޮލިފިކޭޝަން މަރުހަލާގައި އޮތް 21 މެގަވޮޓްގެ ސޯލަރ ޕީވީގެ މަޝްރޫޢަށް މިހާރު ލިބިފައިވާ ޓެރިފް ރޭޓަށްވުރެ އަގުހެޔޮ ރޭޓެއް ލިބުމަކީ އުއްމީދެއް ކަމަށްވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

