ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ހިންގާ އެކި އެކި މަޝްރޫއުތަކުގައި މަސައްކަތް ކޮށްދޭނެ މިނިވަން މަސައްކަތްތެރިން ހޯދަން ކުންފުނީގެ ފަރާތުން މިއަދު އިއުލާނުކޮށްފިއެވެ.
މި ފުރުސަތުގެ ދަށުން ސްޓެލްކޯއިން ވަނީ ކުންފުނީގެ ފަރާތުން ހިންގާ އެކި އެކި މަޝްރޫއުތަކުގައި މަސައްކަތްތައް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ކޮންޓްރެކްޓް އުސޫލުން މިނިވަން މަސައްކަތްތެރިން ގޮތުގައި މަސައްކަތް ކުރުމުގެ ފުރުސަތު ހުޅުވާލާފައެވެ. މި ޕްރޮގްރާމުގައި ބައިވެރިވެވޭވެނެ އުމުރެއްގެ ގޮތުގައި ސްޓެލްކޯއިން ފާހަގަކޮށްފައިވަނީ 18 އަހަރާއި45 އަހަރާއި ދެމެދެވެ. އަދި ޝަރުތެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ އަސާސީ ތައުލީމުގެ ފެންވަރެވެ.
ސްޓެލްކޯއިން ބުނެފައިވަނީ ކުންފުނިން މުވައްޒަފުން ނެގުމުގައި ރަނގަޅު ފުރިހަމަ ސިއްހަތެއްގައި ތިބި މީހުންނަށް އިސްކަމެއް ދޭނެ ކަމަށެވެ. އަދި ކޮންޓްރެކްޓު އުސޫލުން ކުރާ އެ މަސައްކަތަކީ ގިނަ ވަގުތު ހޭދަކުރަންޖެހޭ މަސައްކަތެއްކަމަށް ކުންފުނިން ވަނީ ބުނެފައެވެ.
ސްޓެލްކޯއިން ބުނެފައިވަނީ މަސައްކަތްތެރިންގެ މައިގަނޑު މަސައްކަތަކަށް ވާނީ ކުންފުނީގެ ފަރާތުން ހިންގާ ތަފާތު އެކި މަޝްރޫއުތަކުގައި ކުރަން ޖެހޭ މަސައްކަތްތަކާއި ކަރަންޓުގެ ހިދުމަތް ދިނުމަށްޓަކައި ކަރަންޓު ކޭބަލް ވަޅުލުމާއި އެނޫންވެސް އެފަދަ މަސައްކަތްތަކާއި ގުޅުންހުރި މަސައްކަތްތައް ކުރުން ކަމަށެވެ. މަސައްކަތްތެރިނަނަށް ކޮންމެ ދުވަހަކު ވެސް އެލަވެންސްއެއްގެ ގޮތުގައި 175 ރުފިޔާ ދޭނެ ކަމަށް ވަނީ ސްޓެލްކޯއިން މައުލޫމާތު ދެއެވެ.
މާލޭގައި އެތައް ބައެއްގެ ވަޒީފާތައް ގެއްލި، މަގުމަތިވެފައިވާ މީހުން ތިބިއިރު، މިއީ އެ މީހުންނަށް ވެސް ވަޒީފާއެއްގެ ފުރުސަތު ހޯދައިދިނުމަށް ފެށި މަސައްކަތެއްގެ ގޮތުގައި ސްޓެލްކޯއިން ބުންޏެވެ.
މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ފޯމު ހުށަހެޅުމުގެ ފުރުސަތު މި މަހުގެ ނިޔަލަށް އޮންނާނެއެވެ.

