ކޮވިޑް-19ގެ ރާއްޖޭގެ ފުރަތަމަ ކޭސްގެ މައުލޫމާތު ކުރެއްދޫ އައިލެންޑް ރިސޯޓުން ކަމާ ބެހޭ އިދާރާތަކަށް ނުދިން މައްސަލައިގައި އެ ރިސޯޓާ ދެކޮޅަށް ދައުވާ ނުކުރަން މިދިޔަ މަހު ނިންމާފައިވާކަމަށް ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހުން ހާމަކޮށްފިއެވެ.
ރާއްޖޭން އެންމެ ފުރަތަމަ ބަލި ފެނުނު ކުރެއްދޫ އައިލެންޑް ރިސޯޓުން، ކޮވިޑް-19 އަށް ޝައްކު ކުރެވޭ ކަމުގެ އަލާމާތްތަކެއް ހުއްޓައި ކަމާއިބެހޭ އެއްވެސް އިދާރާއަކަށް އެނގުމެއްނެތި ފުރުވާލާފައިވަނީ އެ ރިސޯޓުގައި ޗުއްޓީ ހޭދަކުރަމުން ދިޔަ އިޓަލީގެ ފަތުރުވެރިއެކެވެ.
ކުރެއްދޫގައި ޗުއްޓީ ހޭދަކުރުމަށްފަހު، ފުރައިގެން ދިޔަ އެ ފަތުރުވެރިއާ ވަނީ މާލެ އައިސްފައެވެ. އަދި ދެ ދުވަސް ވަންދެން އޭނާ ހުރީ މާލެ-ހުޅުމާލެ ފެރީ ޓާމިނަލް ކުރިމަތީ ހުންނަ މާގިރީ ހޮޓެލްގައެވެ. އެ މުއްދަތުގެ ތެރޭގައި އޭނާގެ ދަތުރުގެ ޓިކެޓު ބަދަލު ކުރުމަށް ޔުނިވާސަލްއަށް ވެސް ދިޔައެވެ.
ފަތުރުވެރިޔާ އެނބުރި އިޓަލީއަށް ދިޔަފަހުން އޭނާ ކޮރޯނާވައިރަހަށް ޕޮޒިޓިވްވިކަން އެނގުނެވެ. އަދި އެ ރިސޯޓުން އިތުރު ބައެއްގެ ގައިން ބަލީގެ އަލާމާތްތައް ފެންނަން ފެށުމުން އެ ރިސޯޓުގެ އެލާޓް ލެވެލް އޮރެންޖަށް މަތިކޮށް، ރިސޯޓަށް އަރާފޭބުން އެޗްޕީއޭއިން ވަގުތީގޮތުން މަނާކުރިއެވެ.
ޅ. ކުރެއްދޫ ރިސޯޓުގައި ފަތުރުވެރިއަކު ކޮވިޑަށް ޕޮޒިޓިވްވުމުން އެކަން ސިއްރުކޮށް، ފަތުރުވެރިޔާ މާލެ ގެނެސް ފުރުވާލި މައްސަލައިގައި ރިސޯޓުގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަތައް ތަހުގީގު ކުރުމަށް ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހުން ފުލުހުންގެ މައްޗަށް އަމުރުކޮށްފައި ވަނީ މިދިޔަ އަހަރުގެ މާޗު މަހުގެ 10 އެއްގައެވެ.
މައްސަލައަށް އެއް އަހަރުވާން ކައިރިވެފައިވާއިރު، ޕީޖީ އޮފީހުން އިއްޔެ ބުނެފައިވަނީ ފުލުހުންގެ ތަހުގީގަށްފަހު ހުށަހެޅި ރިޕޯޓުގައި ޖިނާއީ ދައުވާ ކުރެވޭ މިންވަރަށް ހެކި ލިބިފައި ނެތް ކަމަށެވެ. އަދި މައްސަލައިގައި ދައުވާ ނުކުރުމަށް ނިންމާފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 01 ގައި ކަމަށް ޕީޖީއިން ބުންޏެވެ.
Sangu News | Your News. Zero lies straight to your eyes. ޕީޖީއިން ބުނެފައިވަނީ، މައްސަލަ ތަހުގީގު ކުރުމަށް ކުރި އަމުރާއި އެއްގޮތަށް، މައްސަލަ ހަވާލުކޮށްފައިވާ ޕްރޮސެކިއުޓާރ ތަހުގީގު ހިނގަމުންދާ ގޮތުގެ ތަފްސީލުކޮށް ހިއްސާކުރަމުން ދިޔަ ކަމަށެވެ. އަދި ޕީޖީގެ ލަފާވެސް ފުލުހުން ހޯދާފައިވާކަން އެ އޮފީހުން ވަނީ ފާހަގަކޮށްފައެވެ.
ކުރެއްދޫގައި ކޮވިޑަށް ޕޮޒިޓިވް ފަތުރުވެރިއަކު ހުރިކަމާއި، އޭނާގެ ފަރާތުން އެހެން މީހުންނަށް ބަލި ޖެހުނުއިރު ވެސް އެކަން ސިއްރު ކުރި މައްސަލައިގައި އެ ރިސޯޓުގެ މައްޗަށް ދައުވާ ކުރެވެން ނެތްކަމަށް ޕީޖީއިން ނިންމާފައިވަނީ ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ގަވައިދުން ފޮނުވަންޖެހޭ ބައެއް މައުލޫމާތުތަކާއި، އެކަމަށް ކަނޑައެޅިފައިވާ ވަގުތުތަކުގައި ފޮނުވާފައިވާކަން ނުވަތަ ނޫންކަމާއި އަދި އެއާއި ގުޅުން ހުރި ބައެއް އެހެނިހެން ކަންކަން ސާފުނުވާކަމަށް ބުނެއެވެ.
ކޮވިޑް-19 ގެ އަލާމާތްތައް ހުރި ފަތުރުވެރިޔާ، އެއްވެސް ރަސްމީ ފަރާތްތަކަށް ނާންގައި ފޮނުވާލި މައްސަލަ ބަލަން ފުލުހުންނަށް އަމުރު ކުރެއްވީ ޕްރޮސިކިއުޓަ ޖެނެރަލް ހުސެއިން ޝަމީމެވެ.
މި މައްސަލައާއި ގުޅިގެން ފުލުހުން ކުރިން ބުނެފައިވަނީ ފަތުރުވެރިޔާގެ ކިބައިން ފެންނަން ހުރި އަލާމާތްތަކާ ގުޅިގެން އިތުރު ޓެސްޓްތަކެއް ހަދަން ކުރެއްދޫ ރިސޯޓްގެ ޑޮކްޓަރު ލަފާ ދިނުމުން އޭނާ އެކަމަށް އިންކާރުކުރި ކަމަށެވެ.
އެކަމާއި ގުޅިގެން ފަތުރުވެރިޔާގެ ކަންކަން ބަލަހައްޓާ ސްޓާފުންނާއި ރިސޯޓްގެ މެނޭޖްމަންޓާއި އަދި ރިސޯޓުގެ ސީނިއަ މެނޭޖްމަންޓްގެ ބޭފުޅަކާއި ޑޮކްޓަރު ވެސް ހިމެނޭ ގޮތުން މަޝްވަރާ ކުރިނަމަވެސް ރިސޯޓުން ފުރަތަމަ ނިންމީ އެހެން ބައެއް ފަތުރުވެރިން ވެސް ހުން އައިސްގެން ޑޮކްޓަރަށް ދައްކަމުންދާތީ ކޮންމެހެން އެ ފަތުރުވެރިޔާގެ މައްސަލަ އެޗްޕީއޭއަށް ނޭންގުމަށް ކަމަށް ފުލުހުން ބުނެފައިވެއެވެ.
އެ ނިންމުމާ މެދު ޑޮކްޓަރު ހިތްހަމައެއް ނުޖެހިގެން އެޗުޕީއޭގެ ހޮޓްލައިނަށް އޭނާ ގުޅި ކަމަށާއި ނަމަވެސް އިޓަލީގެ ފަތުރުވެރިޔާގެ މައުލޫމާތު ދިނުމުގެ ބަދަލުގައި އޭނާ ސުވާލުކުރީ، ކަމާ ބެހޭ ފަރާތްތަކުން އަމަލްކުރަމުން އަންނަ އުސޫލުތަކަށް އެއްވެސް ކަހަލަ ބަދަލެއް އައިތޯ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ކުރެއްދޫ ރިސޯޓަކީ ރާއްޖޭގައި ކްރައުން އެންޑް ޗަމްޕާ ރިސޯޓްސްގެ ތަނެކެވެ. ކޮވިޑް-19 ގެ މައްސަލަ ދިމާވި އިރު އެ ރިސޯޓްގައި 699 ޓޫރިސްޓުން ތިއްބެވެ. އޭގެ އިތުރުން 270 ދިވެހި މުވައްޒަފުންނާއި، 420 ބިދޭސީ މުވައްޒަފުންނާ އެކު، އޭރު 1،300 އަށް ވުރެ ގިނަ މީހުން އުޅުނެވެ.

