2019 ވަނަ އަހަރުގެ ޑިސެމްބަރު މަހާއި އަޅާ ބަލާއިރު، ހުސްވި ޑިސެމްބަރު މަހުގެ އާމްދަނީ 34.1 އިންސައްތަ ދަށަށް ގޮސްފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، 2020 ވަނަ އަހަރުގެ ޑިސެމްބަހު ޖުމްލަ އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 1.04 ބިލިއަން ރުފިޔާއެވެ. މިއީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހާއި އަޅާ ބަލާއިރު 34.1 އިންސައްތަ ދަށް އަދަދެކެވެ. ޑޮލަރުގެ ގޮތުގައި ހުސްވި ޑިސެމްބަރު މަހު ދައުަލަތަށް ލިބިފައިވަނީ 39.13 މިލިއަން ޑޮލަރެވެ.
ޑިސެމްބަރު މަހުގެ ރެވެނިއު ރިޕޯޓުގައިވާ ގޮތުން، ދައުލަތަށް އާމްދަނީ ލިބޭ މިންވަރު ދަށްވެފައިވަނީ ކޮވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެންނެވެ. ފަތުރުވެރިން އަންނަ މިންވަރު ދަށްވުމާއި ގުޅިގެން އިގްތިސާދީ ގޮތުން ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހިފައިވާކަމަށް އެ ރިޕޯޓުން ދައްކައެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާއިން ޓެކުހުގެ ގޮތުގައި ލިބެމުންދިޔަ އާމްދަނީވެސް ވަރަށް ބޮޑަށް ދަށްވެފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. 2019 ވަނަ އަހަރުގެ ޑިސެމްބަރާއި އަޅާ ބަލާއިރު، 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ އާމްދަނީ ދަށްވުމުގެ ސަބަބެއްގެ ގޮތުގައި 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު ލީސް ޕީރިއަޑް އެކްސްޓެންޝަން ފީ ދައްކާފައިވުން ރިޕޯޓުގައި ހިމަނާފައި ވެއެވެ.
ހުސްވި ޑިސެމްބަރު މަހު ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޖީއެސްޓީއިންނާއި، ފަތުރުވެރިކަމަށް ދޫކޮށްފައިވާ ބިންތަކުގެ ކުލި މެދުވެރިކޮށެވެ. ޖީއެސްޓީގެ ގޮތުގައި އާމްދަނީގެ 39 އިންސައްތަ ލިބިފައިވާއިރު ފަތުރުވެރިކަމަށް ދޫކޮށްފައިވާ ބިމުގެ ކުލީގެ ގޮތުގައި އާމްދަނީގެ 30.1 އިންސައްތަ ވަނީ ލިބިފައެވެ.
ޑޮލަރުގެ ގޮތުގައި ލިބިފައިވާ އާމްދަނީއަށް ބަލާއިރު، އާމްދަނީގެ 51 އިންސައްތަ ހިއްސާކުރަނީ ފަތުރުވެރިކަމަށް ދޫކޮށްފައިވާ ބިންތަކުގެ ކުލިކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. ޓީޖީއެސްޓިގެ ގޮތުގައި ޑޮލަރުން ލިބުނު އާމްދަނީގެ 37.6 އިންސައްތަ ހިއްސާކުރެއެވެ.
2020 ވަނަ އަހަރުގެ ޑިސެމްބަރު މަހު ޓެކެސް ރެވެނިއުގެ ގޮތުގައި 632.4 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އަދި ނޮން ޓެކްސް ރެވެނިއުގެ ގޮތުގައި 404.9 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު ޓެކްސް ރެވެނިއުގެ ގޮތުގައި 928 މިލިއަން ރުފިޔާ ލިބިފައިވާއިރު ނޮން ޓެކްސް ރެވެނިއުގެ ގޮތުގައި 645.8 މިލިއަން ރުފިޔާ ލިބިފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

