ދައުރުން ބޭރުން މި އަހަރު ބާއްވާ ތިންވަނަ ޖަލްސާގައި ކޯރަމް ހަމަނުވެގެން ޖަލްސާ މެދުކަނޑާލައިފިއެވެ.
ހެނދުނު 10 އެއް ޖެހިއިރު ފަށަން އެޖެންޑާކޮށްފައިވާ ޖަލްސާއަށް މެމްބަރުން ހަމަނުވުމުން، 15 މިނެޓު މަޑުކޮށް، ކޯރަމް ބެލް އެޅުމުންވެސް ޖަލްސާ ކުރިއަށްގެންދެވޭ ވަރަށް މެމްބަރުން ހަމަވެފައެއް ނުވެއެވެ.
ޖަލްސާ ފެށުމަށް ގަޑިއަށް ވަޑައިގެން ތިއްބެވީ 14 ވަރަކަށް މެމްބަރުންނެވެ. އަދި ކޯރަމް ވަގުތަށްފަހު، ޖަލްސާއަށް ހާޒިރުވެ ތިއްބެވީ ގާތްގަނޑަކަށް 22 މެމްބަރުންނެވެ. އެ ހިސާބުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނާއިބް ރައީސް ވަނީ ގަޑިއަށް ހާޒިރުވެވަޑައިގެން މެމްބަރުންނާއި ކޯރަމް ވަގުތަށްފަހު ޖަލްސާއަށް ވަޑައިގެން މެމްބަރުންގެ ނަންތައް ހިއްސާކުރައްވާފައެވެ. އަދި އެއްވެސް ޕާލިމަންޓްރީ ގްރޫޕެއްގެ ލީޑަރަކު މަޖިލީހަށް ވަޑައިނުގަންނަވާކަމަށް ވިދާޅުވިއެވެ. އިތުރު 8 މެމްބަރަކު ތިއްބެވީ ސަލާމުގައި ކަމަށް އީވާ ފާހަގަކުރެއްވިއެވެ.
މިއަދުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައި އޮތީ އިންތިޚާބު ފަސްކުރުމަށް ފާސްކޮށްފައިވާ ސަންސެޓް ގާނޫނަށް އިސްލާހު ގެނައުމަށް ހުށައަޅާފައިވާ ބިލުގެ ކޮމެޓީ ރިޕޯޓަށް ބަހުސްކުރުމެވެ. ބިލު ދިރާސާކޮށްފައިވަނީ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީއިންނެވެ.
ކޯރަމް ހަމަވުމަށް މަޖިލިސް މެމްބަރުންގެ ތިންބައިކުޅަ އެއްބައި ޖަލްސާގެ ތަޅުމުގައި ތިބެންޖެހޭއިރު، ކޯރަމް ހަމަނުވުމުގެ ސަބަބުން ޖަލްސާ 10 މިނެޓަށް މެދުކަނޑާލާފައިވެއެވެ. ނަމަވެސް ފަހުން ކޯރަމް ހަމަވުމާއި ގުޅިގެން، ރިޔާސަތުން ވަނީ ޖަލްސާ ކުރިއަށް ގެންދަން ނިންމަވާފައެވެ.

