ކޮވިޑު-19 ގެ ތެރޭގައި ރާއްޖޭގެ އެއްވެސް ރައްޔިތަކަށް ބަނޑުހައިހޫނުކަމުގެ ހިތްދަތިކަން ތަހައްމަލުކުރަން ނުޖެހި، އަސާސީ ބޭސްފަރުވާއަށް ނުޖެހި، ބޭނުންވި ހުރިހާ ކަމެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ފުރިހަމަކުރައްވާފައިވާކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ވ. ކެޔޮދޫގައި ފުލުހުންގެ ހިދުމަތް ފެށުމަށް އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ، 2020 ވަނަ އަހަރު ވެގެން ދިޔައީ ކަލަންޑަރުން ފޮހެލަން ޖެހުނު އަރަކަށް ކަމަށެވެ. އެހެން ނަމަވެސް، ސިއްހަތާއި ބެހޭ އިދާރާތްތަކާއި ސަރުކާރުން ދެމުން ދިޔަ އިރުޝާދުތަކަށް ރައްޔިތުން މަސައްކަތް ކުރުމުގެ ނަތީޖާ ފެނި، ގައުމުގެ އިގްތިސޯދު ކުރިޔަށް ޖެހިލާފައިވާކަމަށް ޝާހިދު ވިދާޅުވިއެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ބޮޑު ލޮޅުމެއް އަޔަސް، މިއީ ދުނިޔޭގެ އެންމެ މަޝްހޫރު މަންޒިލުކަން ފާހަގަކޮށް ޝާހިދު ވިދާޅުވީ ރަށްތަކަށް އޭގެ ުކުރިއެރުން އޮތީ ލޯކަލް ޓޫރިޒަމާއި އެކު ކަމަށެވެ.
ޝާހިދު ވިދާޅުވީ މިދިޔަ އަހަރު ފެށުނުތަނާހެން ދުނިޔެ ކުރިމަތިލާން ޖެހުނު ކޮޮވިޑު-19 ގެ ބަލިމަޑުކަމާއި ދެކޮޅަށް ރައީސް އިބްރާހިމް މުހުމައްމަދު ސޯލިހު ހާއްސަ ޓާސްކް ފޯސްއެއް އެކުލަވާލި ކަމަށެވެ. އަދި އެ ޓީމުގައި ވަޒީރުނާއި، ވުޒާރާތަކުގެ ވެރިން މަސައްކަތް ކުރަމުން ދިޔައީ ސީދާ ރައީސް ސޯލިހުގެ އިރުޝާދުތަކާއި އެއްގޮތަށް ކަމަށް ޝާހިދު ވިދާޅުވިއެވެ.
އަހަރު ނިމިގެން ދިޔައީ ކޮންމެ ރެއަކު ވެސް ވެސް، އެ ޓާސްކު ފޯހާއި ބައްދަލުކޮށް ރާއްޖޭގެ އެންމެ އުތުުރުން ފެށިގެން ދެކުނާއި ހަމައަށް ރައްޔިތުންގެ ހާލަތު ހުރި ގޮތާއި، މަސައްކަތް ކުރިޔަށް ދާ ގޮތް ބެއްލެވުމުގެ ތެރޭގައިކަން ޝާހިދު ފާހަގަ ކުރެއްވިއެވެ. އޭގެ ތެރޭގައި ރަށްތަކަށް ކާބޯތަކެތި ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކާއި، ބޭސް ފަރުވާގެ އިންތިޒާމުތަކަށް އެ އަތޮޅެއް ނުވަތަ ރަށަކުން ބޭނުންވާ ބޭހެއް ހޯދުމަށް ކުރަމުންދާ މަސައްކަތް ރައީސް ބެއްލެވިކަމަށް ޝާހިދު ވިދާޅުވިއެވެ.
”ހަމަކޮންމެ ރެއަކު، ހަމަކޮންމެ ރެއަކު އެމަނިކުފާނު އެކޮމިޓީގެ ރިޔާސަތު ބަލަހައްޓަވައި، ރާއްޖޭގެ އެންމެ އުތުރުން އެންމެ ދެކުނަށް ޙާލަތަކީ ކޮބައިތޯ، ކަންކަން ހުރީ ކިހިނެއްތޯ، ކާބޯތަކެތީގެ ކަންތައްތައް ކިހިނެއްތޯ، ދަތުރުފަތުރުގެ ކަންތައްތައް ކިހިނެއްތޯ، ބޭހުގެ ކަންތައް ކިހިނެއްތޯ، މިހިރަ ހުރިހާ ކަމެއް ބައްލަވަމުން ގެންދެވި. އަތަށް ލައްވާ އަންގި އެބަހުރިތޯ، އަނގަމަތީގައި އަޅާނެ މާސް އެބަހުރިތޯ، ރާއްޖޭއަށް ކިހާވަރެއްތޯ ބޭނުންވަނީ… މިހިރަ ހުރިހާ ކަމެއް ސީދާ އެމަނިކުފާނުގެ ބެއްލެވުމުގެ ދަށުން ގެންދެވީ. އަދި ސަރުކާރުން ނެރެން ޖެހޭ އިރުޝާދުތައް ނެރުއްވުމުގައި އެމަނިކުފާނު ސާބިތުވެ ހުންނެވީ.“ ޝާހިދު
ޝާހިދު ވިދާޅުވީ އޭގެ ނަތީޖާއެއްގެ ގޮތުގައި، ރައްޔިތުން އެކަން ބަލައިގަތީ އެއީ ސީދާ ގައުމުގެ ވެރިމީހާ އިސްވެ ހުންނަވާ އެ ހުރިހާ މަސައްކަތަކާއި ހަވާލުވެވަޑައިގަތުމުން ކަމަށެވެ. އަދި ވިދާޅުވީ، ރައްޔިތުން އިދާރާތަކުން އެންގި ހުރިހާ، އެންގުންތަކަށް ތަބާވި ސަބަބަކީ އެއީ ކަމަށެވެ.
ދުނިޔޭގެ އެހެން ގައުމުތަކާއި އެއްގޮތަށް ރާއްޖޭގައި ބަލީގެ ނުރައްކާ ބޮޑުވެ، ބަނޑުހައި ހޫނުކަމާއި ދިވެހިން ކުރިމަތިލާން ނުޖެހުން އެއީ ލިބުނު ނަސީބެއްގެ ގޮތުގައި ޝާހިދު ފާހަގަ ކުރެއްވިއެވެ. އަދި އަސާސީ ބޭސްފަރުވާއަށް ނުޖެހި، ހުރިހާ ހިދުމަތެއް ފުރިހަމަކަމާއި އެކު ދެވުނު ކަމަށް މިނިސްޓާރ ގެ ވާހަކައިގައި ވަނީ ވިދާޅުވެފައެވެ.
”މި ދިވެހިރާއްޖޭގެ އެއްވެސް ރައްޔިތަކަށް ބަނޑުހައިހޫނުކަމުގެ ހިތްދަތިކަން ތަހައްމަލުކުރަން ނުޖެހި، އަސާސީ ބޭސްފަރުވާއަށް ނުޖެހި، ބޭނުންވި ހުރިހާ ކަމެއް ﷲގެ ހެޔޮ ރަހުމަތްފުޅާއެކު ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ސަރުކާރުން ވަނީ ކޮށްދެއްވާފައި. އެއީ އެކުގައި، ގުޅިގެން މަސައްކަތްކުރީމާ ނިކުންނާނެ ހެޔޮ ނަތީޖާ.“ ޝާހިދު
ވ. ކެޔޮދޫގައި ފުލުހުންގެ ހިދުމަތް ފެށުމަށް ބޭއްވި އެ ރަސްމިއްޔާތުގައި ޝާހިދުވަނީ ވޭތުވެދިޔަ ދުވަސްތަކުގެ ތެރޭގައި ދިވެހި ފުލުހުންގެ މުވައްސަސާއިން ކުރެއްވި މަސައްކަތްތަކަށް ޝުކުރު ދަންނަވާފައެވެ. ފުލުހުންގެ ހިދުމަތް ދިނުމާއި މެދު މިއަދުގެ ސަރުކާރުގެ ވިސްނުން ފާހަގަކުރައްވައި ޝާހިދު ވަނީ މުވައްސަސާއަށް އިތުބާރު ދެމެހެއްޓޭނީ ރައްޔިތުންނާއި ގާތުން ގުޅިގެން މަސައްކަތް ކުރުމުންކަމަށް ވިދާޅުވެފައެވެ.
ޝާހިދު ވިދާޅުވީ ދިވެހި ފުލުހުންނަކީ ދިމާވާ ދަތި ކޮންމެ ކަމެއް އަދި ކޮންމެ ދަތި ހާލެއްގައި އަމިއްލަ ނަފްސާއި އަމިއްލަ ފުރާނައަށް ބެލުމެއް ނެތި ރައްޔިތުންގެ ހައްގުގައި ނުކުތުމަށް ހުވާކޮށްގެން އެކަން ސާބިތުކޮށްދެއްވާފައިވާ މުވައްސަސާއެއް ކަމަށެވެ. އަދި ކޮވިޑްގެ ނުރައްކާތެރި ވަބާގެ ދުވަސްވަރުގައި ވެސް އެއްވެސް ފަސްޖެހުމެއް ނެތި ފުލުހުން ކުރި މަސައްކަތް ހަނދާން ހުންނާނެ ކަމަށެވެ.

