ކަރަންޓީނުގެ އުސޫލާ ހިލާފަށް އއ. މަތިވެރިއަށް އެރި 11 މީހަކު ޖޫރިމަނާކޮށްފިއެވެ.
ފުލުހުން ބުނީ އެ 11 މީހުން ޖޫރިމަނާ ކުރީ ދަތުރުކުރުމަށް ހޯދަންޖެހޭ ހުއްދަތަށް ނުހޯދައި އއ.މަތިވެރި އަށް ދަތުރުކުރުމުން ކަމަށެވެ.
މަތިވެރި ކައުންސިލުގެ ރައީސް އިސްމާއިލް އާތިފްއާ ހަވާލާދީ ”ވަން“ އޮންލައިނުން ރިޕޯޓު ކޮށްފައިވާ ގޮތުގައި އަށް އެ 11 މީހުންގެ ތެރޭގައި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވެސް ހިމެނެއެވެ.
ޖާބިރާއެކު އެރަށަށް ބަޔަކު އައިސްފައިވަނީ މިދިޔަ ހުކުރު ދުވަހު ކަމަށާއި އެމީހުން އެޗްޕީއޭއިން ނަގަން ޖެހޭ ހުއްދަ ނަގާފައިނުވާ ކަމަށެވެ. އަދި އެކަމުގެ ލިޔުންވެސް ލިބިފައިނުވާ ކަމަށް އާތިފްއާ ހަވާލާދީ އެ ނޫހުގައި ރިޕޯޓު ކޮށްފައިވެއެވެ.
އާތިފް ވިދާޅުވީ ލިޔުން ނެތުމުން އެކަން ޖާބިރުގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށާއި ނަމަވެސް އެކަމަށް އިޖާބަ ނުދިނުމުން މިއަދު ޓާސްކްފޯސް އިން އެ މައްސަލަ ފުލުހަށް ހުށަހެޅި ކަމަށެވެ. އަދި އެމީހުން ޖޫރިމަނާކޮށްފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ފުލުހުން ވަނީ ތިމާ އާއި އަދި އެހެން މީހުންގެ ރައްކާތެރިވުމަށް ބަލިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ބޯލެނބުމަށް އިލްތިމާސްކޮށްފައެވެ.
އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ރާއްޖޭގައި އިއުލާން ކޮށްފައިވާއިރު، ޑަރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް އަންގާ އެއްގުންތަކާ ދެކޮޅު ހަދާނަމަ، ގާނޫނީ ފިޔަވަޅު އެޅުމުގެ ބާރު ތަންފީޒީ އިދާރާތަކަށް ލިބިގެން ވެއެވެ.
އެގޮތުން ކަރަންޓީނަށް ދާން ދެކޮޅު ހެދުމާއި ސާމްޕަލް ނެގުމަށް ދެކޮޅު ހަދާ ނަމަވެސް ކޯޓު އަމުރެއްގެ ދަށުން އެކަންކަން ކުރުމުގެ ބާރުވެސް ގާނޫނުން ލިބިދެ އެވެ. މިހާރުވެސް މިފަދަ ބައެއް ފަރާތްތަކާމެދު ސިވިލް ކޯޓުން އަމުރުތައް ނެރެފައި ވެއެވެ.

