މާލެ ސަރަހައްދަށް ހަތަރު ފުރޮޅުލީ އެއްގަމު އުޅަނދު ރަޖިސްޓަރީކޮށްދެމުން ދަނީ ގަވާއިދުގައިވާ ގޮތުގެ މަތިން އެ ވެހިކަލެއް ބާއްވާނެ ގަރާޖެއް ހުރިކަން ކަށަވަރުކުރުމަށް ފަހުގައި ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ބުނެފިއެވެ.
އެ މިނިސްޓްރީން މިހެން ބުނެފައިވަނީ ވެހިކަލް ރަޖިސްޓްރީ ކުރުމާއި ލައިސަންސް ދޫކުރުމުގައި ޓްރާސްޕޯޓު މިނިސްޓްރީއާ ޓްރާންސްޕޯޓް އޮތޯރިޓީގެ ތެރެއިން ހިނގާކަމަށް ތުހުމަތުކުރާ ކޮރަޕްޝަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީއާ އޭސީސީން އިއްޔެ ހިއްސާކުރުމާ ގުޅިގެންނެވެ.
އެކަމާ ގުޅިގެން ޓްރާންސްޕޯޓް މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ އެއްގަމު އުޅަނދު ރަޖިސްޓަރީ ކުރުމުގެ ޤަވާއިދުގައިވާ ގޮތުން ގްރޭޓަރ މާލެ ސަރަޙައްދަށް ވެހިކަލް ރަޖިސްޓަރީ ކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީއަށް ހުށައަޅާ އެޕްލިކޭޝަންތަކާއިއެކު ވެހިކަލް ބާއްވާނެ ގަރާޖެއްގެ ހުއްދަ އޮންނަން ޖެހޭނެކަމަށް ބުނެފައިވާތީ، ވެހިކަލް ރަޖިސްޓްރީ ކޮށްދިނުމުގައި މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ބަލަނީ މާލޭ ސިޓީ ކައުންސިލުން ނުވަތަ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) އިން ދޫކުރާ ހުއްދައެއްގެ މައްޗަށް ކަމުގައެވެ.
އަދި ހަތަރު ފުރޮޅުލީ އެއްގަމު އުޅަނދު މާލެއަށް ރަޖިސްޓަރީ ކުރުމުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ތުހުމަތު ކުރާތީ 2019 ވަނަ އަހަރުން ފެށިގެން ވެހިކަލް ބާއްވާ ގަރާޖަކީ ރަނގަޅު ތަނެއްތޯ އެ އޮތޯރިޓީން ބަލައި ޗެކްކުރަމުން އަންނަ ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.
އަދި އެ އޮތޯރިޓީން އެތަން ބަލާއިރު އެތަނަކީ ގަރާޖަކަށް ނުވާނަމަ ނުވަތަ ގަރާޖެއްގެ ޝަރުތު ފުރިހަމަނުވާ ތަނެއްނަމަ އެތަނަކަށް ވެހިކަލް ރަޖިސްޓަރީ ކޮށްދީފައިނުވާނެ ކަމަށް ވެސް ބަޔާނުގައި ބުންޏެވެ.
”އެހެންކަމުން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ ބައްދަލުވުމުގައި އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ފަރާތުން، ދައްކަވާފައިވަނީ މިހާރު ކަންހިނގަމުންދާ ގޮތާ ކަނޑައެޅިގެން ހިލާފު ވާހަކަތަކެއް ކަމުގައި ދަންނަވަމެވެ“ އެ ބަޔާނުގައި ވެއެވެ.

