ތިމާވެށީގެ ނަމުގައި ހަނި ވިސްނުމަކުން ވިސްނައި ތަރައްގީގެ މަޝްރުއުތައް ސަރުކާރުން ހުއްޓުވާކަމަށް މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ލިކުއިފައިޑް ނެޗުރަލް ގޭސް ސްޓޭޝަނެއް އެޅުމަށް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކްއިން ފަންޑުކުރުމަށް ނިންމާފައިވާ މައްސަލައިގެ ކޮމެޓީ ރިޕޯޓަށް ބަހުސްކުރައްވަމުން މެމްބަރު ސައީދު ވިދާޅުވީ ހަނި ވިސްނުމަކުން ވިސްނައި ދުރު މުސްތަގްބަލަށް ފައިދާ ވާނެ މަޝްރޫއުތައް މިސަރުކާރުން ހުއްޓުވާ ކަމަށެވެ.
ސައީދުގެ ވާހަކައިގައި ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ދެމެހެއްޓެނިވި ތަރައްގީގެ މުހިންމުކަމަށް ވަނީ އަލިއަޅުއްވާލައްވާފައެވެ. އަދި ދެމެހެއްޓެނިވި ތަރައްގީއަކީ ސައިންސްއަށް ޚާއްސަ ވަކި މިނިސްޓްރީއެއް އުފައްދައިގެން ކުރަންޖެހޭ ކަމެއް ނޫންކަމަށް ސައީދު ވިދާޅުވިއެވެ. ދެމެހެއްޓެނިވި ތަރައްގީއަކީ އެއިރެއްގައި ލިބެން ހުރި ވަސީލަތްތައް ބޭނުންކޮށްގެން ދިރިއުޅުން އާރާސްތުކޮށް، ކުރިއަށް އަންނަން އޮތް ޖީލުތަކަށްވެސް އެވަސީލަތްތައް ފޯރުކޮށްދިނުން ކަމަށާއި އެހެންނަމަވެސް، މިސަރުކާރުން ތިމާވެށި ރައްކާތެރިކުރުމުގެ ނަމުގައި އެފަދަ ތަރައްގީއަށް ހުރަސް އަޅާކަމަށެވެ.
ކޮމެޓި ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމަށް ފާޑުވިދާޅުވަމުން ސައީދު ވިދާޅުވީ، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކްއިން ރާއްޖެއަށް އަމާޒުކޮށް އެކުލަވާލި ”ރޯޑްމެޕް ފޮރ ދަ އެނާޖީ ސެކްޓަރ 2020-2030“ އާއި ގުޅޭގޮތުން މިނިސްޓްރީ އޮފް އެންވަޔަރަމަންޓްއިން ސަރުކާރާއި މަޝްވަރާ ކުރެއްވިކަމަށް ވިދާޅުވި ކަމުގައިވިޔަސް އިކޮނޮމިކް މިނިސްޓްރީއާއި މަޝްވަރާކޮށްފައިނުވާކަމަށް ކޮމެޓީ ރިޕޯޓުގައި ފާހަގަކޮށްފައިވާ ނުކުތާއަށް އަލިއަޅުއްވާލެއްވިއެވެ. އަދި އިކޮނޮމިކް މިނިސްޓްރީއާއި މިމައްސަލައިގައި މަޝްވަރާކޮށްފައިނުވާއިރު، މަޖިލީހުގެ ކޮމެޓީއަކަށް މިރޯޑްޕާއި މެދު ގޮތެއް ނިންމޭނީ ކިހިނެއްތޯ މެމްބަރު ސައީދު ވަނީ ސުވާލުކުރައްވާފައެވެ.
ލިކުއިފައިޑް ނެޗުރަލް ގޭސް ސްޓޭޝަނެއް އެޅުމަށް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކްއިން ފަންޑުކުރުމަށް ނިންމާފައިވާ މައްސަލައާއި ގުޅޭގޮތުން އިކޮނޮމިކް މިނިސްޓްރީއާއި މަޝްވަރާކޮށްފައިނުވާކަން ފާހަގަކުރުމާއިއެކު، ކޮމެޓީއަށް ފާހަގަކުރެވިފައިވާ ކަންކަމުގެ ގޮތުގައި 6 ކަމެއް ވަނީ ފާހަގަކޮށްފައެވެ.
ކޮމެޓީ ރިޕޯޓު ނިންމާލަމުން ފާހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި މިފަދަ ގޭސް ސްޓޭޝަނެއް އެޅުމަށް ކޮމިޓްމަންޓް ދީފައިނުވާކަމަށް އެންވަޔަރަމަންޓް މިނިސްޓްރީއިން ބުނެފައިވާކަމަށް ކޮމެޓީ ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ. އަދި ކާބަން ނިއުޓްރަލް ޓާގެޓް ދިވެހިރާއްޖެއިން އިޢުލާނުކުރުމާއި ގުޅިގެން އެ ޓާގެޓް ހާޞިލުކުރުމަށް އެ ރޯޑްމެޕަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރިއަށް ދާކަމާއި ލިކުފައިޑް ނެޗުރަލް ގޭސް ސްޓޭޝަން އެޅުމަށް އެ ރޯޑްމެޕްގައި ހިމަނާފައި އޮތް ގޮތުން ބަދަލުކޮށް، 2030 އަށް ރާއްޖޭން ކަނޑައަޅާފައިވާ ނެޓްޒީރޯ ޓާގެޓް ހާސިލުވާނެ ފަދައަކުން ނޫނީ އެއްވެސް މަސައްކަތެއް ނުކުރައްވާނެކަމުގެ ޔަގީންކަން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްއިން ކޮމިޓީއަށް ދީފައިވާކަމަށްވެސް ކޮމެޓީ ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

