އަންނަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހަށް 18 އަހަރު ފުރޭ އެންމެންނަށް ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި ވޯޓުލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް، އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ޝަރީފް މިހެން ވިދާޅުވީ ކައުންސިލް އިންތިހާބުގައި 18 އަހަރު ފުރިފައިވާ ބައެއް ފަރާތްތަކަށް ވޯޓު ލުމުގެ ހައްގު ގެއްލިގެންދާ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ.އަހުމަދު އަބްދުﷲ ދީދީ ވިދާޅުވުމާ ގުޅިގެންނެވެ.
އެގޮތުން ދީދީ ވިދާޅުވީ ކައުންސިލް އިންތިޚާބު އެއް އަހަރުގެ މުއްދަތަށް ލަސްކުރުމަށް ފާސްކުރެވުނު ވަގުތީ ޤާނޫނުން އިންތިޚާބު ފަސްކުރެވުނު މުއްދަތުގެ ތެރޭގައި ޢުމުރުން 18 އަހަރު ފުރޭ ރައްޔިތުންނަށް ގާނޫނު އަސާސީގެ 26 ވަނަ މާއްދާގެ ދަށުން ކަށަވަރުކޮށްދީފައިވާ ވޯޓުދިނުމާއި އިންތިޚާބުތަކުގައި ވާދަކުރުމުގެ ޙައްޤު ނިގުޅައިގެންފައިވާ ކަމަށެވެ.
އެކަމާ ގުޅިގެން ޝަރީފް ވިދާޅުވީ އޭޕްރީލް 10 ވަނަ ދުވަހަށް 18 އަހަރު ފުރޭ އަދި ފުރިފައިވާ ދިވެހި ހުރިހާ ރައްޔިތުންނަށް ކުރިއަށް އޮތް އިންތިހާބުގައި ވޯޓު ލެވޭނެ ކަމަށެވެ. އަދި އެކަން އީސީން ކަށަވަރުކޮށް އަރުވާ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

