ކުރިޔަށް މިދާ ރަމަޟާން މަހާއި ދިމާކޮށް މޯލްޑިވްސް ގޭސްއިން ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.
މި ޕްރޮމޯޝަން ޝައްވާލް މަހުގެ ހަ ރޯދައިގެ ނިޔަލަށް ކުރިޔަށް ގެންދާނެއެވެ.
މި އަހަރު ޖުމްލަ ތިން ޕްރޮމޯޝަނެއް ކުރިޔަށް ގެންދާ މޯލްޑިވް ގޭހުގެ ޕްރޮމޯޝަންގައި ބައިވެރިވާ ކަސްޓަމަރުންގެ މެދުގައި ގުރުއަތު ނެގުން އޮންނާނެ އެވެ. އަދި ކޮންމެ ހަފްތާއަކު ވެސް ހޮވޭ ނަސީބުވެރި ފަރާތަކަށް ފައިސާގެ އިނާމެއް ވަނީ ހަމަޖެހިފައެވެ.
ޕްރޮމޯޝަންގެ މައުލޫމާތުތައް ހިއްސާކޮށް މޯލްޑިވް ގޭހުން ބުނީ، ކުންފުނީގައި އަލަށް ރެޖިސްޓާވާ ކޮންމެ ކަސްޓަމަރަކަށް ހިލޭ ގޭސްފުޅިއެއް ލިބިގެންދާނެ އެވެ. ފީއެއްގެ ގޮތުގައި ދައްކަންޖެހޭނީ ރީ-ފިލިންއަށް ދައްކާ 200 ރުފިޔާ އެކަންޏެވެ.
މީގެ އިތުރުން ގޭހަށް އޯޑަރު ކުރާ ކަސްޓަމަރުންގެ މެދުގައި ކޮންމެ ހަފްތާއަކު ވެސް ހޮވޭ ނަސީބުވެރިއަކަށް 1،000 ރުފިޔާ ލިބޭނެ އެވެ.
ޕްރޮމޯޝަން ކުރިޔަށް ގެންދާ އެއް މަސް ދުވަހުގެ މުއްދަތުގެ ތެރޭގައި ގުރުއަތުން ހޮވޭ ތިން ކަސްޓަމަރަކަށް ވެސް ފައިސާގެ އިނާމު ވަނީ ހަމަޖެހިފަ އެވެ. އެއީ އެއްވަނައަށް ހޮވޭ ފަރާތަކަށް 10،000 ރުފިޔާ އަދި، ދެވަނަ ނަސީބުވެރި ފަރާތަކަށް 8،000 ރުފިޔާ އަދި ތިންވަނަ ނަސީބުވެރި ފަރާތަކަށް 5،000 ރުފިޔާ އެވެ.

