ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެއަށް ބަދަލު ކުރެވިގެންދިޔުން އެއީ އެޅިގެން ދިޔަ ހަރުދަނާ ފިޔަވަޅެއް ކަމަށް ޢިލްމުވެރިޔާ ޝެއިޚް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނީ ކ.މާފުށީ ގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންދާ މިދަނޑިވަޅުގައި މާފުށީ ޖަލުގެ އޮފިސަރުން ޕޮޒިޓިވްވަމުންދާތީ އެޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިރޭ ގެއަށް ބަދަލުކޮށްފައިވާ ކަމަށެވެ. އެމަނިކުފާނު ގެއަށް ބަދަލުކުރީ ރޭގެ އިޝާ ވަގުތުގެ ކުރީންނެވެ.
މިކަމާ ގުޅިގެން ޝެއިޚް ޒައިދު ކުރެއްވި ޓްވީޓެއްގައި ވަނީ އެކަމަށް މަރުޙަބާ ވިދާޅުވެފައެވެ.
”ރައީސް ޔާމީން ގެއަށް ބަދަލުކުރެވިގެން ދިޔުމަކީ އެޅިގެންދިޔަ ހަރުދަނާ ފިޔަވަޅެއް! މިކަމަށް މަރުޙަބާ ކިޔަން!“ ޝެއިޚް ޒައިދު ވިދާޅުވިއެވެ.
ރައީސް ޔާމީން ވަގުތީ ގޮތުން ގޭ ބަންދަށް ބަދަލުކޮށްފައިވާއިރު ގޭ ބަންދުގައި ހުންނަވަން ވަކި މުއްދަތެއް ކަނޑައަޅާފައެއް ނުވެއެވެ.

