ރައީސް މުހައްމަދު ނަޝީދަށް ހަމަލާދިން ބޮން ގޮއްވާލީ ރިމޯޓު ބޭނުން ކޮށްގެން ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވެއްޖެއެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަމާލް ވިދާޅުވީ އެމްއެންޑީއެފްގެ އެއްވެސް އަތެއް މިކަމުގައި ވާނެ ކަމަށް ގަބޫލެއް ނުކުރައްވާ ކަމަށާއި އެފަދަ އެއްވެސް އިންޑިކޭޝަނެއް ވެސް މިހާތަނަށް ނެތްކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.
ޝަމާލް ވިދާޅުވީ ރޭގައި ގޮއްވާލާފައިވާ އައިއީޑީ އަކީ ބާރުގަދަ އައިއީޑީއެއް ކަމަށާއި އެ އައިއީޑީ އަކީ ފޯނެއް ނުވަތަ ރިމޯޓެއް ބޭނުންކޮށްގެން ކޮންޓްރޯލް ކޮށްފައި އޮތް އައިއީޑީއެއް ކަމަށެވެ.
”އެއީ އާންމުކޮށް ހޯމްމޭޑް މި ވައްތަރު ޑިވައިސްތައް ތައްޔާރު ކުރާއިރު ބޭނުންކުރާ އުކުޅެއް“ ޝަމާލް ވިދާޅުވިއެވެ.
ރޭގައި ގޮއްވާލީ މީގެ ކުރިން ސަލްޓަން ޕާކުގައި ގޮއްވާލި އައިއީޑީއަށް ވުރެއް މާ ބާރުގަދަ އައިއީޑީއެއް ކަމަށް ވެސް ޝަމާލް ވިދާޅުވިއެވެ.
ނަޝީދުގެ ކާރުކޮޅު ކައިރީގައި ރޭ ބާރުގަދަ އެއްޗެއް ގޮއްވާލައި ދިން ހަމަލާއާ ގުޅިގެން ރެއިން ފެށިގެން އެމަނިކުފާނަށް އަންނަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. އެގޮތުން އެ ހަމަލާއާ ގުޅިގެން ގިނަ ސާޖަރީތަކެއް ހަދާފައިވާއިރު ނަޝީދުގެ ހާލުކޮޅު ކްރިޓިކަލް ކަމަށް އެމަނިކުފާނަށް ފަރުވާ ދެމުން ގެންދަވާ އޭޑީކޭ ހޮސްޕިޓަލުން ބުނެއެވެ.
ރޭގެ ހަމަލާ ދީފައިވަނީ ސީދާ ނަޝީދުގެ ފުރާނައަށް ގެއްލުންދޭން ކަމަށާއި މިއީ ޓެރަރިސްޓު ހަމަލާއެއް ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ވަނީ ވިދާޅުވެފައެވެ. އަދި މި ހަމަލާއާ ގުޅިގެން ހަތަރު މީހަކު ފާހަގަކުރެވިފައިވާ ކަމަށާއި ބޭރުގެ ފަރާތްތަކާ ގުޅިގެން ތަހުގީގު ކުރިއަށްދާ ކަމަށް ސީޕީ ވިދާޅުވިއެވެ.


One Response
އަހަރެމެންނަށްވެސް އެގޭ ތިވަރު.. އާ އެއްވެސް ވާހަކައެއް ނެތް????