ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޓަނެޓުގެ ހިދުމަތް ރަނގަޅު ކުރުމަށް އިތުރު ސަބްމެރިން ކޭބަލްތައް އެޅިގެންދާނެ: ޝައުނާ

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއާއި ބޭރުދުނިޔެއާއި ގުޅުވާލަދޭ އިތުރު ސަބްމެރީން ކޭބަލްތައް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޝައުނާ މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ޓެލެކޮމިއުނިކޭޝަން އަދި އިންފޮމޭޝަން ސޮސައިޓީ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިޠާބުގައެވެ.

މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާގެ ޙިޠާބުގައި ދުނިޔޭގެ ޓެލެކޮމިއުނިކޭޝަން އަދި އިންފޮމޭޝަން ސޮސައިޓީ ދުވަސް މި އަހަރުވެސް ފާހަގަ މިކުރެވެނީ މުޅި ރާއްޖޭގެ އިތުރުން މުޅި ދުނިޔެވެސް ކޮވިޑް-19ގެ ބަލިމަޑުކަމުން އަރައި ނުގަނެވި އުޅެނިކޮށްކަން ވަނީ ފާހަގަކުރައްވާފައެވެ. އަދި މި ހާލަތުގައި މުޅި ރާއްޖެއަށް އަދި ދުނިޔެއަށްވެސް ޓެލެކޮމިއުނިކޭޝަނާއި، އިންފޮމޭޝަން ޓެކްނޮލޮޖީގެ ބޭނުންތެރިކަން ކުރިޔަށްވުރެ އެތައް ގުނައެއް މިހާރު އިތުރުވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް މިނިސްޓަރ ދެއްވި ޚިޠާބުގައި ވިދާޅުވެފައިވެއެވެ.

މިނިސްޓަރ ޝައުނާ ވިދާޅުވީ ކޮވިޑް-19ގެ ސަބަބުން ގައުމުތައް ނުހުއްޓި ހިނގަމުން ދިއުމުގައި އައި.ސީ.ޓީ ވަސީލަތްތައް އަދާ ކުރާ މުހިއްމު ދައުރު ދުނިޔެއަށް މިހާރު ހާމަވެގެންގޮސްފައިވާކަމަށެވެ. އެހެންކަމުން މި އަހަރުގެ ޝިއާރަކީ ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ މަސައްކަތްތައް އިތުރަށް ހަލުވިކަމާއެކު ބާރުސްޕީޑްގައި ކުރިއަށް ގެންދިއުންކަމަށް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

ރާއްޖެއަށް މީގެ 78 އަހަރުކުރިން ތައާރަފްވި އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއަށާއި މިދާއިރާގެ ހިދުމަތްތަކަށް ބޮޑެތި ބަދަލްތަކެއް އައިސްފައިވާކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން ރާއްޖެއާއި ބޭރުދުނިޔެއާއި ސަބްމެރީން ފައިބަރ އޮޕްޓިކް ކޭބަލުން ގުޅާލުމުގެ އިތުރުން، ރާއްޖޭގެ އެތެރޭގައިވެސް ފައިބަރ ނެޓްވަރކްތައް ޤާއިމްކުރެވިފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މި ހިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި ޕްރައިވެޓް ސެކްޓަރއިން ކުރައްވާފައިވާ މަސައްކަތްތައް އެކަމަނާ ވަނީ ފާހަގަކުރައްވާފައެވެ.

މިނިސްޓަރ ވިދާޅުވީ ދުވަހުން ދުވަހަށް ފައިބަރ ނެޓްވޯކާ ގުޅާލެވޭ ރަށްތައް އިތުރުވެ ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކަށް ފައިބަރ ނެޓްވާރކް މެދުވެރިކޮށް މިހާރު ބްރޯޑްބޭންޑް އިންޓަރނެޓް ހިދުމަތް ލިބޭނެކަމަށެވެ. އަދި މިހިދުމަތް ރަށުފެންވަރުގައި ފޯރުކޮށްދިނުމުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން ކުރަމުން އަންނަ ބުރަ މަސައްކަތްތައްވެސް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

މީގެއިތުރުން ރާއްޖޭގެ އެންމެހާ ކަންކޮޅުތަކަށް މޯބައިލް ފޯނާއި 4ޖީގެ ޚިދްމަތް ފޯރާފައިވާއިރު އެންމެ ފަހުގެ 5ޖީ ޓެކްނޮލޮޖީގެ ހިދުމަތްވެސް ރާއްޖެއަށް ތަޢާރަފުކުރެވިފައިވާކަން މިނިސްޓަރ ފާހަގަކުރައްވާފައިވެއެވެ.

ރާއްޖޭގެ އައިސީޓީ ދާއިރާއަށް އައިސްފައިވާ ކުރިއެރުން ފާހަގަކޮށް މި ދާއިރާގައި ރަނގަޅުކުރަންޖެހޭ ގިނަ ކަންތައްތަކެއް ހުރިކަމަށްވެސް މިނިސްޓަރ ޝައުނާ ވިދާޅުވިއެވެ. އެގޮތުން އިންޓަރނެޓް ހިދުމަތުގެ އަގުތަކާއި ފެންވަރާއިމެދު ރައްޔިތުންގެ ގިނަ ކަންބޮޑުވުންތަކެއް ހުރިކަން ފާހަގަކުރައްވާފައިވެއެވެ. ރައްޔިތުންގެ މި ކަންބޮޑުވުންތަކަށް ހައްލެއް ގެނައުމަށް އިންޓަރނެޓް ހިދުމަތުގެ އަގުތަކާއި ފެންވަރަށް ރަގަޅު ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ރާއްޖެއާއި ބޭރުދުނިޔެއާއި ގުޅުވާލަދޭ އިތުރު ސަބްމެރީން ކޭބަލްތައް ކުރިމަގުގައި ޤާއިމްކުރުމަކީވެސް މުވާސަލާތީ ހިދުމަތްތަކުގެ އަގުތަކާއި ފެންވަރަށް ހެޔޮބަދަލުތައް ގެނައުމަށްޓަކައި ސަރަކާރުގެ ސިޔާސަތުތަކުގެ ތެރެއިން ކުރަމުންދާ މަސައްކަތެއްކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ. އަދި މި ބަދަލުތަކުގެ ހެޔޮ އަސަރު ދިވެހި އިގްތިސާދަށް ލިބި ދިވެހިން އެދޭފަދަ ތަރައްގީ ހޯދުމަށް މަގުފަހިވެގެންދާނެކަމަށް މިނިސްޓަރ ޝައުނާ ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: