ނައިބު ރައީސް ފައިޞަލް ނަސީމް، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީއަށް ހަތަރު ދުވަހަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ހެނދުނު ފުރާވަޑައިގެންފިއެވެ.
ރައީސް އޮފީހުން ބުނީ މި ދަތުރުފުޅުގައި ނައިބު ރައީސް އެންމެ ފުރަތަމަ ޒިޔާރަތްކުރެއްވުމަށް ހަމަޖެހިފައިވަނީ ފުވައްމުލައް ސިޓީއަށް ކަމަށާއި އެމަނިކުފާނު، ފުވައްމުލައް ސިޓީ ކައުންސިލާއި އެ ސިޓީގެ އިދާރާތަކުގެ އިސްވެރިންނާއި ބައްދަލުކޮށްލެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. ހަމަ އެއާއެކު ފުވައްމުލައް ސިޓީގެ މުހިންމު އިދާރާތަކަށް ޒިޔާރަތް ކުރެއްވުމަށާއި، އެ ސިޓީގައި ސަރުކާރުން ހިންގާ ތަރައްޤީގެ މަޝްރޫއުތައް ބައްލަވާލެއްވުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ. މީގެ އިތުރުން އެމަނިކުފާނު ފުވައްމުލަކުގައި ކުރިއަށްގެންގޮސްފައިވާ ބައެއް މަޝްރޫޢުތައް ރަސްމީކޮށް އިފްޠިތާޙްކޮށްދެއްވުމަށާއި، ބައެއް މަޝްރޫޢުތައް ފެށުމަށްޓަކައި ބިންގާ އަޅައިދެއްވުމަށްވަނީ ހަމަޖެހިފައެވެ.
މި ދަތުރުފުޅުގެ ދެވަނަ މަންޒިލެއްގެ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އައްޑޫ ސިޓީއަށެވެ. މި ސިޓީގެ ކައުންސިލާއި ބައްދަލުކޮށްލެއްވުމާއި، ބައެއް އިދާރާތަކުގެ އިސްވެރިންނާއި ބައްދަލުކޮށްލެއްވުމަށްވަނީ ހަމަޖެހިފައެވެ. ހަމަ އެއާއެކު އެމަނިކުފާނު، އައްޑޫ ސިޓީގެ ބައެއް އިދާރާތަކަށް ޒިޔާރަތްކުރައްވައި އެތަންތަނުގެ މަސައްކަތްތައް ބައްލަވާލެއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން އެމަނިކުފާނު އައްޑޫ ސިޓީގައި ޓްރެއިނިންގ ޕްރޮގްރާމެއް ފައްޓަވައިދެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުގައި މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގެންނެވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީއަށް ކުރައްވާ ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހުއެވެ.

