ޤާނޫނު އަސާސީގެ ޒިންމާ އަދާކުރާ ޕީޖީއެއް ނެތް، ކަމަށާއި ހުރީ ސަރުކާރުގެ ވަކީލެއް ކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެ އެވެ.
ޖަމީލް މިހެން ވިދާޅުވީ އިއްޔެ ޕީޖީ އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ދެއްކެވި ބައެއް ވާހަކަތަކާ ގުޅިގެންނެވެ.
އެގޮތުން ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޤާނޫނު އަސާސީގެ ޒިންމާ އަދާކުރާ ޕީޖީއެއް ނެތް ކަމަށާއި ހުރީ ސަރުކާރުގެ ވަކީލެއް ކަމަށެވެ.
”މިހާރު އެންމެންނަށް ވެސް އަންދާޒާކުރަން އެނގޭ ދަޢުވާކުރާނެ އަދި ނުކުރާނެ މައްސަލަތައް. ޖޭއެސްސީއާއެކު ޕީޖީވެސް ރިފޯމްކުރަންޖެހޭ. އޭޖީ އޮފީހުން ދަޢުވާ އުފުލި ޒަމާނަށް އަނބުރާ އެކަން ރުޖޫޢަވެއްޖެ.” ޖަމީލް ވިދާޅުވިއެވެ.
ޖަމީލް ވަނީ ވެންޓިލޭޓަރުގެ މައްސަލަ އާއި މަހްލޫފުގެ މައްސަލައިގައި ދައުވާ ކުރުމާމެދު އަންނަ ހަފްތާގައި ގޮތެއް ނިންމަވާނެ ކަމަށް ޕީޖީ ވިދާޅުވި ހަބަރުގެ ސްރީން ޝޮޓެއް ހިމަނުއްވާފައެވެ.
އޭގެ އިތުރުން ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.އަހްމަދު ޒިޔާދުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފުކުރުމަށް ޕީޖީ ނިންމެވި ހަބަރާއި ޓްރާންސްޕޯޓްގެ އިސްވެރިންނަށް ދައުވާ ނުކުރަން ނިންމި ހަބަރުގެ ސުރުހީގެ ސްކްރީންޝޮޓެއް ވެސް އެ ޓުވީޓާއެކު ހިމަނުއްވާފައިވެ އެވެ.

