ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނަށް ސަރުކާރުން ނުފޫޒު ފޯރުވާ ކަމަށް، މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް އުމަރު ތުހުމަތު ކުރައްވައިފިއެވެ.
ހުސްވެފައިވާ ކޮމަންޑޫ ދާއިރާގެ ގޮޑިއަށް ވާދަކުރައްވާ އިދިކޮޅު ޕީޕީއެމްގެ ކެނޑިޑޭޓް މޫސާ ފަތުހީގެ ކެމްޕެއިނަށް އިދިކޮޅުގެ ލީޑަޝިޕްގެ ބޭފުޅުން ރޭ ވަނީ ކޮމަންޑޫއަށް ވަޑައިގެންފައެވެ.
ކޮމަންޑޫގައި ހުންނެވި ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވީ ސަރުކާރުން ދަނީ ކޮމަންޑޫ ދާއިރާގެ އިންތިހާބަށް ނުފޫޒު ފޯރުވުމަށްޓަކާ ކުއްލިއަކަށް ފެނަކަ އިން ގިނަ މަގާމުތައް އުފައްދައި، މީހުންނަށް މަގާމުތައް ބަހަމުން ކަމަށެވެ. މި މައްސަލަ ބެލުމަށް އޭނާ ވަނީ އިލެކްޝަންސް ކޮމިޝަނަށް ގޮވާލާފަ އެވެ.
”ސަރުކާރުން މިގޮތަށް ނުފޫޒު ފޯރުވާނަމަ އިންތިހާބު އިންސާފުވެރިއެއް ނުވާނެ“ އާދަމް ޝަރީފް ވިދާޅުވި އެވެ.
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގައި ކުރިމަތިލުމަށް ފުރުސަތު ހުޅުވާލާފައިވަނީ އެ ދާއިރާގެ މެމްބަރު ހުސެއިން ވަހީދު އަވަހާރަވުމުން އެދާއިރާގެ ގޮނޑި ހުސްވުމާ ގުޅިގެންނެވެ. ހުސެއިން ވަހީދު މަޖިލީހުގައި ކޮމަންޑޫ ދާއިރާ ތަމްސީލް ކުރައްވަމުން ދިޔައީ އެމްޑީޕީ ޓިކެޓުގައެވެ.
އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނަށް ކުރިމަތިލުމަށް އެދޭ ބޭފުޅުންނަށް މި މަހުގެ 30ވާ ބުރާސްފަތި ދުވަހުގެ 15:00ގެ ނިޔަލަށް އެފުރުސަތު ހުޅުވާލައްވާފައެވެ. މިއިންތިޚާބުގެ ކެނޑިޑޭޓުންގެ ނަން ތަރުތީބު ކުރުމަށް ބާއްވާ ގުރުއަތުލުން މާދަމާރޭ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

