ލޭ ހަދިޔާ ކުރާ ޑޯނަރުންގެ މައުލޫމާތުތައް ހިމެނޭ ވެބްސައިޓެއްގެ، ފޯނު އެޕްލިކޭޝަނެއް ހަދަން ހަވާލު ކުރުމުން އޭގައި ހިމެނޭ ޑޭޓާ ބޭނުންކޮށްގެން އަމިއްލަ އެޕްލިކޭޝަނެއް ހެދި މައްސަލައެއް ކޯޓަށް ހުށަހަޅައިފި އެވެ.
ގާނޫނުއަސާސީގެ 40 ވަނަ މާއްދާއިން ކަށަވަރުކޮށްދޭ ”މުދާ ހޯދުމާއި ގެންގުޅުމުގެ ހައްގަށް“ އަރައިގެންފައިވާ ކަމަށް ބުނެ މި މައްސަލަ ކޯޓަށް ހުށަހަޅާފައި ވަނީ ކޮޕީ ރައިޓްސް ގާނޫނުގެ ދަށުންނެވެ.
ފުރަތަމަ ފަހަރަށް ކޯޓަށް މިފަދަ މައްސަލައެއް ހުށަހަޅާފައި ވަނީ، ލ. ފޮނަދޫ، ޑޭލައިޓް ޔޫސުފް ހަލީލެވެ. ލ. މެޖިސްޓްރޭޓު ކޯޓަށް މި މައްސަލަ ހުށަހަޅާފައި ވަނީ، ލޭ ހަދިޔާ ކުރާ މީހުންގެ މައުލޫމާތު ހިމެނޭހެން ޔޫސުފް ތައްޔާރު ކުރި ”ހަދިޔާ އެމްވީ“ ގެ ފޯނު އެޕްލިކޭޝަނެއް ހަދަން އެ ރަށު އަހުމަދު އަނަސް އާއި ހަވާލު ކުރުމުން އެއީ އޭނާގެ އަމިއްލަ އެއްޗެއްގެ ގޮތުގައި ހަދައި އެހެން ނަމެއްގައި ލޯންޗުކޮށް އޭގެ ވެރިމީހާގެ ގޮތުގައި ބުނާތީ އެވެ.
”ތިކި އެމްވީ“ ގެ ނަމުގައި އަނަސް މީގެ ދެ މަސް ކުރިން ލޯންޗު ކުރި އެޕްލިކޭޝަނުގައި 400 އަށް ވުރެ ގިނަ ޑޯނަރުންގެ މައުލޫމާތުތައް ހިމެނޭއިރު އެ މީހުންނަކީ ”ތިކި“ ކިޔާ އެޕަކަށް ރެޖިސްޓްރީ ކުރި ބައެއް ނޫންކަމަށް އެ މީހުންނާއި ހަވާލާ ދީ ޔޫސުފް ބުނެ އެވެ. އަދި އޭނާ ހުށަހެޅި މައްސަލައިގައި ވަނީ، އަނަސް އޭނާގެ އަމިއްލަ އެއްޗެއްކަމަށް ބުނާ އެޕްލިކޭޝަންގައި ހިމެނެނީ ވެބްސައިޓުން ފޯރުކޮށްދީފައި ހުރި ޑޭޓާތަކާއި މީހުންގެ ޒާތީ މައުލޫމާތުތައް ކަމަށެވެ.
ގަވައިދުން ލޭ ހަދިޔާ ކުރަމުން ދިޔަ، ޔޫސުފް އަކީ ލޭގެ ކަންސަރަށް ފަރުވާ ހޯދި މީހަކަށް ވުމުން އޭގެ ފަހުން އޭނާއަށް އެކަން މަނާވި އެވެ. އެހެންވެ ޔޫސުފް ބޭނުންވީ ލޭ ބޭނުންވާ މީހުންނަށް އޭނާގެ ފަރާތުން ކޮންމެވެސް ވަރެއްގެ އެހީއެއް ފޯރުކޮށްދޭށެވެ. އެގޮތުން 2018 ”ހަދިޔާ އެމްވީ“ ގެ ނަމުގައި ވެބްސައިޓެއް ހެދުމުގެ މަސައްކަތް ފަށައި 2019 ގެ އެ ލޯންޗު ކުރި އެވެ. އަނަސް އަކީ ކޮންމެވެސް ވަރަކަށް ވެބްސައިޓުގެ މަސައްކަތް ކުރާ މީހެއްކަމަށް އޭރު ވެސް އޭނާ، އަނަސްގެ އެހީއަށް އެދުނެވެ. ނަމަވެސް ޔޫސުފް ބޭނުންވާ ޑިޒައިނާ، ކޮންސެޕްޓަށް ވެބްސައިޓު ހަދަން އަނަސްއަށް ނޭނގޭތީ އެ މަސައްކަތް ކުރުވީ އެހެން މީހެކެވެ.
މައްސަލައިގައި ޔޫސުފް ސޯޝަލް މީޑިއާގައި ހިއްސާ ކުރި މައުލޫމާތުތަކުގައި ވާ ގޮތުން، އަނަސް އެދިގެން އެޕްލިކޭޝަން ހެދުމަށް އޭނާއާއި މަސައްކަތް ހަވާލުކުރީ 2020 ގަ އެވެ. ނަމަވެސް ކޮވިޑުގެ ސަބަބުން މަސައްކަތް ހުއްޓި އޮތުމަށް ފަހު، 2021 ގެ ފަހު ކޮޅު އަނަސް ”ތިކި“ ގެ ނަމުގައި އަމިއްލަ އެޕްލިކޭޝަނެއް އިއުލާނު ކުރީ އެވެ. އެޕްލިކޭޝަން ހެދުމަށް، ޔޫސުފް ބުނާ ގޮތުގައި އަނަސްއަށް ވެބްސައިޓުގައި ހުރި މައުލޫމާތުތައް ނެގޭނެ ލޮގިންއެއް ދިނެވެ. އަދި އޭގެ ފީޗާސްތަކާއި، ޒާތީ އެހެން މައުލޫމާތުތަކުގެ އެކްސެސް ލޮގިންއެއް ހިއްސާ ކުރި އެވެ.
އަނަސްގެ ”ތިކި“ އެޕްގައި ލޭ ހަދިޔާ ކުރާ 649 މީހެއްގެ ނަން މިހާރު ވެސް ހިމެނެ އެވެ. ކޯޓަށް ހުށަހެޅި މައްސަލައިގައި ވެސް ވަނީ، ”ހަދިޔާ އެމްވީ“ ގައި ހުމެނޭ ހުރިހާ ސްޕެސިފިކޭޝަނެއް އޭގައި އެކުލެވޭ ކަމަށެވެ.
ކޯޓަށް ހުށަހެޅި މައްސަލައިގައި ޔޫސުފް އެދުނީ، މިއީ އޭނާ އަނަސްއަށް ކޮންޓްރެކްޓު އުސޫލުން ހަވާލު ކުރި މަސައްކަތެއް އަމިއްލަ ކުރުންކަމަށް ވާތީ އޭނާއަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދައި ދިނުމަށެވެ.
ތުހުމަތުތައް ދޮގުކޮށް އަނަސް ރާއްޖޭގެ މީޑިއާއަކަށް ބުނީ، އޭނާ ދައުވާއަށް އިންކާރު ކުރާ ކަމަށެވެ.
ކޮޕީރައިޓާއި އެއާގުޅޭ އެހެނިހެން ހައްގުތަކުގެ ގާނޫނުގެ 4 ވަނަ މާއްދާ – އެހެން އުފެއްދުމެއް ބޭނުންކޮށްގެން އަލަށް އުފެއްދޭ އުފެއްދުންތައް
(ހ) އެހެން އުފެއްދުމެއް ބޭނުންކޮށްގެން އަލަށް އުފެއްދޭ އުފެއްދުންތަކުގެ ތެރެއިން ތިރީގައިވާ މަސައްކަތްތައް މި ގާނޫނުގެ ދަށުން ހިމާޔަތްކުރެވޭނެއެވެ.
- އުފެއްދުމެއްގެ ތަރުޖަމާ، އެތުރުން، ހުލާސާ އަދި އެއަށް ގެނެވޭ އެކިއެކި ބަދަލުތައް؛
- އެއްކޮށްފައިވާ މަސައްކަތްތައް، ކޮންމެ ސިފައެއްގައި ނަމަވެސް އެއްކޮށްފައިވާ މައުލޫމާތު ކޮށާރު (ޑޭޓާބޭސް) އަދި އެއްކުރުމުގައި ނުވަތަ އެތުރުމުގައި އަމިއްލަކަން ހުންނަ އެކްސްޕްރެށަން އޮފް ފޯކްލޯރ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާން ކޮށްފައިވާ އުފެއްދުންތައް ހިމާޔަތްކުރެވޭއިރު، އެ މަސައްކަތެއް އުފެއްދުމުގައި ބޭނުންކޮށްފައިވާ ނުވަތަ ހިމެނިފައިވާ އުފެއްދުމަކަށް ނުވަތަ އެކްސްޕްރެށަން އޮފް ފޯކްލޯއަކަށް ދެވިފައިވާ ހިމާޔަތަކަށް އުނިކަމެއް ނާންނާނެއެވެ.
5 ވަނަ މާއްދާ – އަސްލީ މަސައްކަތަކަށް ވުން
މި ގާނޫނުގެ 3 ވަނަ މާއްދާއާއި 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުފެއްދުންތަކާއި މަސައްކަތްތަކަށް މި ގާނޫނުގެ ދަށުން ހިމާޔަތް ލިބޭނީ އެ އުފެއްދުމަކީ ނުވަތަ އެ މަސައްކަތަކީ އެފަރާތުގެ އަސްލީ އުފެއްދުމެއް ނުވަތަ މަސައްކަތެއް ކަމަށްވާނަމައެވެ.

