މަގުމަތީގެ ރައްކާތެރިކަމަށް އައްޑޫ ސިޓީގެ ރައްޔިތުން ހޭލުންތެރިކުރުވުމަށް ޚާއްސަ އޮޕަރޭޝަންތަކެއް ފަށައިފިއެވެ.
އިންސްޕެކްޓަރ އޮފް ޕޮލިސް އައިމިނަތު ރަޝީދު ”ސަންގު ޓީވީ“ އަށް މައުލޫމަތު ދެއްވަމުން ވިދާޅުވީ، އައްޑޫސިޓީގެ މަގުމަތީގެ ރައްކާތެރި ތަނަކަށް ހެދުމުގެ ގޮތުން ފާއިތުވި ހަފްތާއިން ފެށިގެން އައްޑޫސިޓީގެ ގުޅިފައިވާ ރަށްތަށް ކަމަށްވާ ހިތަދޫ، ގަން އަދި ހުޅުމީދޫ ގައި ހާއްސަ އޮޕަރޭޝަންތަކެއް ފެށިގެން ކުރިޔަށްދާ ކަމުގައެވެ.
އައްޑޫ ސިޓީ ލިންކްރޯޑްއާއި ގުޅިފައިވާ ރަށްތަކުގެ މަގުމަތީގެ ރައްކާތެރިކަމަށް ރައްޔިތުން އަހުލުވެރިކުރުމަށް ކުރިޔަށް ގެންދެވޭ މިހަރަކާތްތަކާއި ޕްރޮގްރާމްތަކަކީ ކުރިއަށް އޮތް ރޯދަމަހަށް، އައްޑޫސިޓީ ހިމެނޭ ރަށްތަކުގެ ރައްޔިތުން މަގުމަތީގެ ރައްކާތެރިކަމާއި ޤާނޫނާއި ޤަވައިދަށް ހުރުމަތްރެތިކޮށް ހިތާ ރައްޔިތުން ތިބި ރަށްތަކަކަށް ހެދުމުގެ ބޭނުމުގައި ކުރިޔަށް ގެންދެވޭ ޕްރޮގްރާމެއް ކަމަށް އައިމިނަތު ވިދާޅުވިއެވެ.
ރަށުތެރޭގަ ދުއްވަން ހުއްދަ ދީފައިވަނީ 30 ކިލޯމީޓަރުގެ ބާރުމިނުގައެވެެ. ލިންކުރޯޑުގައި ދުއްވޭނެ އެންމެ ބާރުސްޕީޑަކީ 60 ކިލޯމީޓަރެވެ. އަދި ލިންކު ރޯޑުގެ އެކި ސަރަހައްދު ތަކުގައި 60 ކިލޯމީޓަރ ބޯޑުތައް ބެހެއްޓިފައިވާކަންވެސް އިންސްޕެކްޓަރ ފާހަގަކުރެއްވިއެވެ.
ރަށުތެރޭގައި ޤާނުނާއި ޤަވާއިދުތަކަށް ހުރުމަތްރެތިކޮށް ނުހިތާ މީހުން ފުރަތަމަ ފަހަރު 500 ރުފިޔާއިން ޖޫރިމަނާ ކުރާއިރު ދެވަނަ ފަހަރަށް 750 ރުފިޔާއިން އަދި 3 ވަނަ ފަހަރަށް 1000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން 48 ގަޑިއިރާއި 15 ދުވަހައްވުރެ ކުރުނޫން މުއްދަތަކަށް ވެހިކަލް ޓޯކުރުމަށް ފަހު ލައިސަންސް އަތުލެވޭނެކަންވެސް ފާހަގަ ކުރެއްވިއެވެ.
ޓްރެފިކްގެ ގަވައިދުތަކަށް ކިޔަމަން ނުވާ މީހުން 2000ރުފިޔާ އާއި 6000 ރުފިޔާއާއި ދެމެދުގެ އަދަދަކަށް ޖޫރިމަނާ ކޮށް، 30 ދުވަހައްވުރެން ކުރުނޫން މުއްދަތަކަށް ދުއްވި އުޅަނދު ޓޯކުރެވިގެން ދާނެކަަމަށްވެސް ވިދާޅުވިއެވެ. މީގެ އިތުރުން ދުއްވަން އިން މީހާއާއި އުޅަނދުގެ ވެރިފަރާތް ޖޫރިމަނާ ކުރެވިގެންދާނެކަމަށްވެސް ވިދާޅުވިއެވެ. މިގޮތަށް ޓޯކުރެވޭ ވެހިކަލްތައް ދޫކޮށްލެވެނީ މީރާއަށް ދައްކަންވާ ޖޫރިމަނާ ފައިސާ ދެއްކުމަށްފަހުގައިކަމަށްވެސް އިންސްޕެކްޓަރ ވިދާޅުވިއެވެ.

