އިދިކޮޅުން ”ނޭވާހޮޅިޔަށް“ މި ނަމުގައި ސަރުކާރާއި ދެކޮޅަށް ކުރިޔަށް ގެންދިޔަ މުޒާހަރާގެ ތެރެއިން ބައިވެރިންނަށް އަނިޔާކޮށް ގާނޫނާ ހިލާފަށް ހައްޔަރުކުރި ކަމަށް ބުނެ މައްސަލަ ކަމާއިބެހޭ މުއައްސަސާތަކަށް ހުށައަޅާފިއެވެ.
މި މުޒާހަރާވެސް ކުރިޔަށް ދިޔައީ އިދިކޮޅުގެ ލީޑާރ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިސްވެ ހުންނަވާ ގެންދާ ”އިންޑިއާ އައުޓް“ ގެ ހަރަކާތުގެ ތެރެއިންކަން ފާހަގަ ކުރެވެއެވެ. އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބުމާއި ދެކޮޅަށް ރައީސް ޔާމީން މި ހަރަކާތް ކުރިއަށް ގެންދަވަނީ ސިލިސިލާކޮށް މިހަރަކާތް މިހާރު ވަނީ އަތޮޅުތަކަށްވެސް ފުޅާ ކުރެވިފައިވާއިރ،ު މާރިޗް 25 ވަނަ ދުވަހު މާލޭގައި މި މުޒާހަރާ ބޭއްވުމަށް ހަމަޖެހިފައިވާކަން އިއުލާން ކުރުމާއިއެކު ހޯމް މިިސްޓާ އިމްރާން އަބްދުﷲ ވެސް ވަނީ މިހަރަކާތް މިހެން ނުގެންދެވޭނެކަމުގައި ވިދާޅުވެފައެވެ.
ފާޑު ކިޔުމަކަށް ނުބަލައި މިހަރަކާތް ކުރިއަށް ގެންދިޔަ އިރު ގިނަ ޕާޓީގެ ތެރެއިން ފަރާތްތަކެއް ވަނީ ހައްޔަރު ކުރެވިފައެވެ.
ޓްވީޓެއްކޮށް ޕާޓީން ހާމަކޮށްފައިވާ ގޮތުގައި މުޒާހަރާގައި ބައިވެރިވި ޕާޓީގެ އިސް ބޭފުޅުންނާއި ޒުވާނުން އަނިޔާވެރިކޮށް ހައްޔަރުކުރި މައްސަލަ ވަނީ ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނަށާއި ހިއުމަން ރައިޓްސް ކޮމިޝަނަށް ހުށަހަޅާފައެވެ.
“ނޭވާހޮޅިޔަށް” މުޒާހަރައިގައި ބައިވެރިވި ޕާޓގެ އިސް ބޭފުޅުންނާއި ޒުވާނުންނަށް ޤާނޫނާ ޤަވާއިދާ ޚިލާފަށް އަނިޔާވެރިކޮށް ހައްޔަރުކޮށްފައިވާތީ މި މައްސަލަތައް ބަލައިދިނުމަށް ޕޮލިސް އިންޓަގްރިޓީ ކޮމިޝަނަށާއި ހިއުމަން ރައިޓްސް ކޮމިޝަނަށް މިއަދު ވަނީ ސިޓީ ހުށައަޅާފަ pic.twitter.com/jstPLOobwn
— Progressive Party of Maldives (@ProgressPartyMV) April 6, 2022
މިގޮތުން މުޒާހަރާގެ ތެރެއިން ވަނީ 15 އަށްވުރެ ގިނަ، ޕީޕީއެމް ޕީއެންސީގައި އިސްކޮށް ހަރަކާތް ކުރައްވާ ބޭފުޅުންގެ އިތުރުން ޒުވާނުން ހައްޔަރު ކުރެވިފައެވެ. މީގެ ތެރޭގައި މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދުގެ އިތުރުން ގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް ޢައްސާނު މައުމޫނުވެސް ވަނީ ހައްޔަރު ކުރެވިފައިކަން ފާހަގަކުރެވެއެވެ. އަދި މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރ ހައްޔަރު ކުރެވިގެން ދިޔައީ މުޒާހަރާ ފެށުމުގެ ކުރިންކަން ފާހަގަކޮށް ގިނަ ބަޔަކު އައީ މިއީ ކިހިނެއް ވެގެން ދިޔަ ކަމެއް ކަމާއިމެދު ސުވާލު އުފައްދަވަމުންނެވެ.
މި ބޭފުޅުން ދޫނިދޫ ކުޑަގޮޅީގައި ބޭތިއްބިއިރު އަމަލުކޮށްފައިވަނީ އިންސާނިއްޔަތާއި ހިލާފަށް ކަމަށް އެ ބޭފުޅުން އަންނަނި ވިދާޅުވަމުންނެވެ. އަދި މިއީ ބޮޑެތި ކުށްވެރިންނާއިމެދުވެސް އަމަލު ނުކުރައްވާ ގޮތްކަމަށް މުޒާހަރާގައި އިސްކޮށް ހަރަކާތްތެރިވީ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.
މީގެ އިތުރުން ހައްޔަރު ކުރެވުނު ބައެއް ފަރާތްތަށް ވަނީ މުއްދަތު ޖަހާ ބަންދުކޮށްފައިކަންވެސް ފާހަގަ ކޮށްލެވެއެވެ.

