ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިޔާސީ އިންތިހާބުގެ ޕްރައިމެރީ އެމްޑީޕީގެ އެތެރެއިން ކާމިޔާބު ކުރާނަން: ނަޝީދު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީ އިން ކެންޑިޑޭޓަކު ނެރުމަށް ބޭއްވޭ އެތެރޭގެ ޕްރައިމަރީ ކާމިޔާބު ކުރެވޭނެކަމުގެ އުންމީދު ޔަގީންކަން އެބައޮތްކަމަށް އެމްޑީޕީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ފުރަތަމަ ވެރިކަމުގެ ރައީސްކަން ކުރެއްވި ރައީސް ނަޝީދު ވަނީ އެމަނިކުފާނުގެ ވެރިކަން 2012 ގައި ބަދަލުވެގެން ދިއުމަށް ފަހު އަލުން ރާއްޖޭގެ ވެރިކަމަށް އައުމަށް ބޭނުންވާކަމަށް ވިދާޅުވެ އެކި ފަހަރުމަތީން ވާހަކަ ދައްކަވާފަ އެވެ. 2013 ގެ ރިޔާސީ އިންތިހާބުން ލިބުނު ނާކާމިޔާބީއަށް ފަހު، ރައީސް ނަޝީދަށް 2018 ގެ އިންތިހާބަށް ވާދަ ނުކުރެވުނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލައްގަޔޫމްގެ ވެރިކަމުގައި، ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ބަންދު ކުރި މައްސަލައިގައި 13 އަހަރުގެ ޖަލު ހުކުމެއް އިއްވުމުންނެވެ. އޭރު ހުކުމުގައި އިންނެވުމުގެ ސަބަބުން އިންތިހާބުގެ ކެމްޕެއިންތައް ވެސް ކުރުމަށް ފަހު އެންމެ ފަހު ވަގުތު އޭރުގެ ޕީޖީ ލީޑަރަކަށް ހުންނެވި ހިންނަވަރު ދާއިރާގެ މެމްބަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ޓިކެޓު ދޫކުރެއްވީ އެވެ.

ވެރިކަމަށް ހަތަރު އަހަރުވާން ގާތްވީއިރު މިވީ ދުވަސްތަކުގެ ތެރޭގައި މީޑިއާތަކުގައި ދެކެވުނު އެންމެ ބޮޑު އެއް ވާހަކައަކީ ރައީސް ނަޝީދާއި ރައީސް ސޯލިހާއި ދެމެދު ގުޅުން ގޯސްކަމަށެވެ. އައިއީޑީއެއް ގޮއްވާލައި ދިން ހަމަލާއަށް ފަހު ސަރުކާރަށް ރައީސް ނަޝީދު ފާޅުގައި ފާޑުވިދާޅުވާން ފެށުމާއި އެކު އެމަނުކުފާނާއި އަރިސް މެމްބަރުން ވެސް ވަނީ ސަރުކާރާއި ގުޅުވައި ވާހަކަ ދައްކަވާފަ އެވެ. ރައީސް ނަޝީދު ވިދާޅުވީ ގޮތުގައި ރައީސް ސޯލިހާއި އެކު ދެން ސިޔާސީ މަސައްކަތެއް ނުކުރެވޭނެ އެވެ. އަދި އެކަމަށް ނޫސްވެރިން ސުވާލު ކުރުމުން ރައީސް ސޯލިހު ވެސް ވިދާޅުވީ ދެބޭފުޅުންގެ ދެމެދުގައި ގުޅުން އެހާ ރަނގަޅެއް ނޫންކަމަށާއި ބައެއް ކަންކަމުގައި ހިޔާލު ތަފާތުވާ ކަމަށެވެ.

އެތެރޭގެ އިންތިހަބާއި އެކު ސަރުކާރާއި އެއްކޮޅު އަދި ދެކޮޅު ފެކްޝަނެއް އުފެދިފައި ވަނިކޮށް ދާދިފަހުން މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވަނީ ރައީސް ނަޝީދު 2023 ގެ އިންތިހާބުގައި ވާދަ ކުރައްވާނެކަން ރަސްމީކޮށް އިއުލާނު ކުރައްވާފަ އެވެ. އެ ވާހަކަތައް މީޑިއާތަކުގައި ދެކެވިފައި ވަނިކޮށް، ބޭރުގެ ޓީވީ ޗެނަލްއަކަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓު ކަނޑައަޅާނީ އާއްމު މެމްބަރުން ކަމަށެވެ.

ރައީސް ނަޝީދު ބަރުލަމާނީ ނިޒާމަކަށް ތާއީދު ކުރައްވައި ދޭތެރެއަކުން ވާހަކަ ދައްކަވަ އެވެ. އެމަނިކުފާނުގެ އެ ވާހަކަ ތަކާއި ރައީސް އިބްރާހިމް މުހައްމަދު ސާލިހު އަށް ތާއީދު ކުރައްވާ ބޭފުޅުން ވިދާޅުވާ ގޮތުގައި ރާއްޖޭގައި އޮންނަން އެންމެ ރަނގަޅު ނިޒާމަކީ ރިޔާސީ ނިޒާމް ކަމަށެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބާއި ގުޅިގެން ޕާޓީ ތެރޭގައި ދެބަސްވުންތަކެއް އުފެދި ޕާޓީ ވަނީ ދެ ފެކްޝަނަކަށް ބެހިފައެވެ. އެއީ ރައީސް ސާލިހުގެ ފެކްޝަނަކާއި ރައީސް ނަޝީދުގެ ފެކްޝަނެކެވެ. އެމްޑީޕީގެ ޗެއަރޕާސަން އިންތިހާބުގައި ވާދަކުރައްވަނީ މި ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލާއި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީއެވެ.

އިންތިގެ ޓީމުން ގެންދަނީ އެމްޑީޕީގެ އަސާސްތައް ކަމުގައިވާ އަދުލު އިންސާފު ގާއިމް ކުރުމާއި ވައްކަމާއި ހިޔާނާތާއި ކޮރަޕްޝަނާއި ދެކޮޅަށް ވަކާލާތު ކުރުން ޕާޓީ ތެރެއިން ފަނޑުވެ ފޮހެވިގެންދާ ކަމުގައި ބުނަމުންނެވެ.އަދި ފައްޔާޒް ގެ ޓީމުން ބުނަމުން ގެންދަނީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އެމްޑީޕީ އަށް ކާމިޔާބު ވާނީ ޕާޓީގެ ހަރުގެ ތަކާއި ޖަގަހަތައް ހިންގައިލެވިގެން ކަމަށާއި މިހާތަނަށް އެކަން ނުވެފައިވަނީ ޕާޓީ ތެރޭގައި މިނިވަން ހިޔާލާއި ފިކުރު ތަކަށް ޖާގަދެވިފައިނެތުމުން ކަމުގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: