ތިމާ މެން އަތުގައި ތްރީ ލައިން ވިޕްގެ ބާރު އޮތުމުން އެންމެ ބާރުގަދައީ ތިމަންނާ ކަމުގައި ހެދިގެން ބަސް މަޖިލީހުގައި ނުބުނެވޭނެ ކަމުގައި މާފަންނު މެދު ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު (ބޮންޑެ) ވިދާޅުވެއްޖެއެވެ.
މިއަދު ރައްޔިތުންގެ މަޖިލީހުގައި ހައިކޯޓުގެ ފަނޑިޔާރުން ވަކި ކުރުމާއި ގުޅޭ ގޮތުން ޖުޑީޝަރީ ކޮމިޓީން އެކުލަވާލި ރިޕޯޓަށް ބަހުސް ކުރައްވަމުން ބޮންޑެ ވިދާޅުވީ ޖުޑީޝަލް ސާވިސް ކޮމިޝަންގެ ރައީސާ ނިމިދިޔަ އެމްޑީޕީ ގެ އެތެރޭގެ އިންތިހާބުގައި ހުންނެވީ ވަކި އަތަކަށް ޖެހިގެން ބ އަތޮޅު ކެމްޕޭންގައި ކަމަށެވެ.
އޭނާ ވަނީ މި ރާއްޖޭގައި ޖުޑީޝަލް ސާވިސް ކޮމިޝަން ނުވަތަ ޝަރުއީ ދާއިރާގެ ވޮޗް ޑޯގުން މިރާއްޖޭގައި އިންސާފުން ކަމެން ހިނގާތޯ ގަބޫލު ކުރާނީ ކާކުތޯ ކަމުގައި ވިދާޅުވެ ސުވާލު އުފައްދަވާފައެވެ.
ބޮންޑެ ވިދާޅުވީ ކުރީ ސަރުކާރުގައި މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު ފަނޑިޔާރުގޭގެ ފުރާޅު ނެންގެވިކަމަށާއި ފަނޑިޔާރުންތައް ގެންގޮސް ހައްޔަރު ކުރެއްވި ކަމަށެވެ.
އަދި މަޖިލިސް ތެރެއަށް މިލިޓަރީ ބޭފުޅުން ވައްދައިގެން މަޖިލިސް ތަޅުއެޅުއްވި ކަމަށާއި ނަމަވެސް މިއަދު ދައްކަވަނީ އެހެން ވާހަކައެއް ކަމުގައެވެ.
އޭނާ ވިދާޅުވީ އެމްޑީޕީ އިން ނިކުތީ އަދުލު އިންސާފުގެ ނިޒާމް ހަރުދަނާ ކުރުމަށް ކަމަށާއި ނަމަވެސް އެކަން ނުވާ ކަމުގައި ބޮންޑެ ވިދާޅުވިއެވެ.
ބޮންޑެ ވިދާޅުވީ މިއަދު ގައުމު ސުވާލުކުރަނީ ރަނގަޅީ ކާކުތޯ އާއި ކޮން ޕާޓީ އެއްތޯ ކަމުގައެވެ.
ރައީސް މުހައްމަދު ނަޝީދަށް އަމާޒު ކުރައްވައި ބޮންޑެ ވިދާޅުވީ އެމަނިކުފާނު އެކަންކަން ހައްލުކުރުމަށް ވަރަށް މަސައްކަތް ކުރައްވާކަން އެނގިވަޑައިގެންނަވާ ކަމުގައެވެ.
ޖުޑިޝަލް ސާވިސް ކޮމިޝަނުގައި ތިބެނީ ސިޔާސީ ބައެއް ކަމަށާއި ރައްޔިތުންގަެ މަޖިލީހުގެ ތެރޭގައި ހިމެނޭ ބަޔަކާއި ރައްޔިތުންގެ ތެރެއިން ބަޔަކާއި ރައީސުލްޖުމްހޫރިއްޔާ ފޮނުވާ ބައެއްގެ އިތުރުން ދައުލަތުން ފޮނުވާފައިތިބޭ އެހެން މުއައްސަސާ ތަކުގައި ތިބޭ މީހުންގެ ތެރެއިން ބައެއް ކޮމިޝަންގައި ތިއްބަވާ ކަމުގައި ބޮންޑެ ފާހަގަކުރެއްވިއެވެ.
ބޮންޑެ ވިދާޅުވީ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީ އިން އެކުލަވާލި ރިޕޯޓަށް ދިމާވި މައްސަލަ އަކީ ނިމިދިޔަ އިންތިހާބާއި ގުޅިގެން ދިމާވި މައްސަލައެއް ކަމުގައެވެ.
މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ އިންނަ ކޮމިޓީ އަކުން އޭނަ ރިޕޯޓް ނިންމުމުން އެކަމު ނުގޮސްގެން ކަމުގައި އޭނާ ވިދާޅުވިއެވެ.
އެމްޑީޕީގެ ޕީޖީ ގްރޫޕް އިން ތްރީ ލައިން ވިޕެއް ނެރެ އެއާއި އެއްގޮތަށް ވޯޓްދޭން ބުނީ އެމީހުންގެ ގަދަކަން ދެއްކުމަށް ކަމުގައި ބޮންޑެ ވިދާޅުވިއެވެ. ބޮންޑެ ވިދާޅުވީ ރަސޫލާގެ މައްޗައް ފުރައްސާރަ ކުރި މައްސައިގައި ވެސް ވިޕު ނެރުނު ކަމަށާއި ނަމަވެސް ބައެއް ކަންތައްތައް ދޫކޮށްލަން ޖެހޭ ކަމުގައި އޭނާ ފާހަގަކުރެއްވިއެވެ.
މުޅި ގައުމު މިވަގުުތު އޮތީ ބުރޯގެ އަތް ދަށުވެފައި ކަމުގައި ބޮންޑެ ވިދާޅުވިއެވެ. ދެން ތިބި އެންމެން ރައީސް އާ ދިމާލަށް އެއްޗިހި ކިޔަނީ ކަމަށާއި ރައީސް ނަޝީދު މަސައްކަތް ނުކުރެއްވި ނަމަ އެއްވެސް އެމްޑީޕީ މެމްބަރަކު މަޖިލީހުގައި ނުތިބީސް ކަމުގައި ބޮންޑެ ވިދާޅުވިއެވެ. އެގާނޫނު އަސާސީ ހޯދުމަށް ޖަލުގައި ރައީސް ނަޝީދު ހޭދަ ނުކުރެއްވި ނަމަ އެމްޑީޕީގެ އެއްވެސް މަޖިލިސް މެމްބަރެއް މަޖިލީހުގައި ނެތީސް ކަމުގައި ބޮންޑެ ވިދާޅުވިއެވެ.
މިހާރު މިއުޅެނީ އިމްތިޔާޒް ފަހުމީ އިން ކޮމިޓީ އަކުން ރިޕޯޓް ނެރެގެން ބަޔަކު މީހުން ވިޕްލައިނާ ހިލާފުވެގެން ކަމުގައި ބޮންޑެ ވިދާޅުވިއެވެ.

