އެތައް އަހަރެއް ވަންދެން ދަރިން ސްކޫލަށް ނުފޮނުވައި އަދި ދަރިއެއްގެ ކައިވެނި އަމިއްލަ އަށް ކޮށްދިން ބައްޕައަކު އެއް އަހަރާއި ހަތަރު މަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން އިއްޔެ ހުކުމް ކޮށްފިއެވެ.
އަހުމަދު ނިޔާޒް ނަމަކަށް ކިޔާ މި މީހާގެ މައްޗަށް ދައުލަތުން ދެދައުވާއެއް އުފުލިއެވެ.
އޭގެތެރެއިން އެއް ދައުވާ އަކީ ގާނޫނު ހިންގުމަށް ހުރަސް އެޅުމުގެ ދައުވާއެވެ. އެދައުވާ އުފުލީ މައްސަލަ ފެންމަތިވިއިރު އުމުރުން 17 އަހަރުގެ ދަރިފުޅާއި، 16 އަހަރުގެ ދަރިފުޅާއި 12 އަހަރުގެ ދަރިފުޅު ސްކޫލަށް ނުފޮނުވައި އެތައް އަހަރެއް ހޭދަކޮށްފައި ވާތީއެވެ.
މިމައްސަލައިގައި ކުދިންގެ މަންމަގެ މައްޗަށް ވެސް ވަނީ ދައުވާ އުފުލާފައެވެ. ނަމަވެސް އޭނާގެ ޝަރީއަތް ކުރިއަށް ގެންދަނީ ވަކިންނެވެ.
އޭނާގެ މައްޗަށް ދެން މައްޗަށް އުފުލީ ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަމެއް ހުއްދަ ނެތި ކުރުމުގެ ދައުވާއެވެ. އެދައުވާ އޭނާގެ މައްޗަށް އުފުލީ 2018 ވަނަ އަހަރުގެ ޑިސެމްބަރ މަހު އަހްމަދު ނިޔާޒަށް ކައިވެނި ކޮށްދިނުމުގެ ހުއްދަ ނެތި އޭނާގެ އަންހެން ދަރިފުޅުގެ ކައިވެނި ކޮށްދީފައި ވާތީއެވެ.
އޭނާ ކޯޓުގައި ބުނެފައިވާ ގޮތުގައި އެ ކުދިން ސްކޫލަށް ނުފޮނުވީ ސްކޫލުގައި ދެ ޖިންސު އެއްކޮށް ކިޔަވައިދޭތީ އާއި ލަވަ އާއި މިއުޒިކް ސްކޫލްގައި ޖަހައި ކުޅިވަރު ހަރަކާތްތަކުގައި ބައިވެރި ކުރާތީއެވެ.
ފުލުހުން ނާއި ޖެންޑަރ މިނިސްޓްރީން ތިން ފަހަރެއްގެ މަތިން އޭނާ އާއި ބައްދަލު ކުރުމުން ސްކޫލުން އެކަންކަން އިސްލާހުކުރަން އޭނާ އެދުނު ކަމަށް ބުނެފައިވެއެވެ. ކުދިން ސްކޫލަށް ނުފޮނުވުމަކީ ކުށެއްކަން ނޭންގޭ ކަމަށް ވެސް އޭނާ ކޯޓުގައި ބުނެފައި ވެއެވެ.
ދަރިފުޅުގެ ކައިވެނި އަމިއްލަ އަށް ކޮށްދިނީ އެއީ ދީނީ ގޮތުން އެކަން ކުރެވޭނެތީ ކަމަށް ވެސް އޭނާ ކޯޓުގައި ބުނެފައިވެއެވެ. އަދި އެކަން ނުކުރެވޭނެ ކަމަށް ބުނާ ދަލީލެއް ފެންނަން ނެތް ކަމަށް ކުދިންގެ ބައްޕަ ބުނެފައިވެއެވެ.
ދަރިން ސްކޫލަށް ނުފޮނުވި މައްސަލައިގެ ވަށައިގެންވާ ކަންކަމަށް ބެލުމަށް ފަހު، ގާޒީ ނިންމެވީ ގާނޫނު ހިންގަން ހުރަސް އެޅުމުގެ ކުށަށް ދެވެން އޮތް އެންމެ ބޮޑު އަދަބެއް ދިނުމަށެވެ. އެއީ އެއް އަހަރަށް ޖަލަށްލުމެވެ.
އެ އަދަބު ޖޫރިމަނާއަކަށް ބަދަލުކޮށްދޭން އެ މީހާ އެދުނަސް، ގާޒީ ނަދީމް ހުކުމުގައި ވިދާޅުވީ، އެ މީހާގެ އެ އަމަލުގެ ސަބަބުން ގެއްލިގެންދިޔަ ދަރިންގެ މުސްތަގްބަލާއި ތައުލީމާއި ތަރުބިއްޔަތަކީ އަނބުރާ ހޯދައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ޖޫރިމަނާއަކަށް އަދަބު ބަދަލު ނުކުރަން ގާޒީ ނިންމެވި އެވެ.
ހުއްދަ ނެތި ކައިވެނިކޮށް ދިނުމުގެ ކުށުގައި ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލާން ހުކުމްކުރި ނަމަވެސް އޭނާ ބަންދުގައި ހޭދަކުރި މުއްދަތު ހުކުމުގެ މުއްދަތުން އުނިކުރުމުން ތަންފީޒު ކުރަންޖެހޭނީ ތިން މަހާއި 20 ދުވަހެވެ.
ދެ ހުކުމް އެއްކޮށް ތަންފީޒު ކުރަން ޖެހޭނީ އެއް އަހަރާއި ތިން މަހާއި 20 ދުވަހެވެ.

