މާލޭ ސަރަޙައްދުން ދަތުރުދާން ހާއްސަކުރި ކ.ކުޑަގިރި ތަރައްޤީކުރުމުގެ މަސައްކަތް ހިނގަމުންދާގޮތް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ބައްލަވާލައްވައިފިއެވެ.
މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާ ކުޑަގިރިއަށް ކުރެއްވި ދަތުރުފުޅުގައި، އެރަށުގައި ޤާއިމުކުރަމުންގެންދާ ވަޞީލަތްތަކުގެ މަސައްކަތް ހިނގަމުންދާގޮތް ބައްލަވާލެއްވިއެވެ. މިގޮތުން އެރައިވަލް ޖެޓީއާއި، އެރަށަށް ދަތުރުދާ ފަރާތްތަކަށް މެހްމާންދާރީ އަދާކުރުމަށް ތަރައްޤީކުރާ ރިސެޕްޝަނާއި، މިސްކިތް ޢިމާރާތާއި ޕަވަރހައުސްގެ އިތުރުން އެކޮމޮޑޭޝަން ބްލޮކްގެ މަސައްކަތް ބައްލަވާލެއްވިއެވެ. މީގެ އިތުރުން ފެނާއި ނަރުދަމާ ޤާއިމްކުރުމުގެ މަސައްކަތްވެސް ބައްލަވާލެއްވުމަށްފަހު ކުޑަގިރި ތުނޑީ ސަރަޙައްދަށް ވަޑައިގެން ކޭމްޕް އައިލެންޑް ތަރައްގީކުރުމަށް ކުރަމުންދާ މަސައްކަތްތައްވެސް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލެއްވިއެވެ.
ކުޑަގިރީގައި ޕިކްނިކް އައިލެންޑް ތަރައްޤީކުރުމަށްޓަކައި ބިން ހިއްކާފައިވަނީ އެމްޓީސީސީ ގެ ފަރާތުންނެވެ.
އަދި މިރަށް ތަރައްޤީކުރުމަށް ބޭނުންވާ ވަޞީލަތްތައް ޤާއިމްކުރަމުންގެންދަނީ ސަރުކާރު ޙިއްޞާވާ 5 ކުންފުނީގެ އިޖްތިމާޢީ ޒިންމާގެ ދަށުންނެވެ. މިދަތުރުފުޅުގައި ރައީސްގެ އަރިހުގައި ނައިބު ރައީސް ފައިސަލް ނަސީމްގެ އިތުރުން ސަރުކާރާއި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ

